Roadha Mihaaru
ހުޅުމާލޭ ފޭސް ދޭއްގައި 14 ސްކޫލަކަށް ބިން ދޭނެ

ހުޅުމާލޭ ފޭސް ދޭއްގައި 14 ސްކޫލަކަށް ބިން ކަނޑައަޅައިފި

13 ޖެނުއަރީ 2020

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅާނެ ބިން ކަނޑައަޅައި އެކަން އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައިވާކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅާނެ ބިން ކަނޑައަޅައި އެކަން އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައިވާކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ފޭސް ދޭއްގައި ސްކޫލުތައް އަޅާނެ ބިމުގެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން އެންގުމުން، އެ ބިންތައް ހަވާލުކުރާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

އެ ތަންތަނުގައި ކިޔަވައިދޭނީ ގްރޭޑު 1-12 އާ ހަމައަށެވެ.

ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. އެ ސްކޫލު އެޅުމަށް މިއަހަރުގެ ބަޖެޓުން 54 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ސުހައިލް ވިދާޅުވީ އާބާދީ އިތުރުވަމުން އަންނަ ވަރަށް ބަލައި ފުރަތަމަ ފިޔަވަހީގައި ވެސް އިތުރު ސްކޫލުތައް އަޅާނެ ކަމަށެވެ. އެހެންވެ މާސްޓަ ޕްލޭނުގައިވާ ގޮތުން، ހުޅުމާލޭގައި އަޅާ ސްކޫލުތަކުގެ އަދަދު 14 އަށް ވުރެ އިތުރުވާނެ އެވެ.

"ފޭސް ދޭއްގައި ސްކޫލު އަޅާ 14 ބިމެއް ކަނޑައަޅާފައި މިނިސްޓްރީ އަށް އަންގާފައި މިހާރު ވާނީ،" ސުހެއިލް ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭނަކީ ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު ސްކޫލުތައް އަޅަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވީ، މާލެ ސަރަހައްދުގައި ހުރި ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅިިއަށް ބަދަލުކުރުމަށް، މި ސަރަހައްދަށް އިތުރު 10 ސްކޫލު ބޭނުންވާނެ ކަމަށެވެ.

ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ހެދި އޮޑިޓް ރިޕޯޓު ނެރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ ކްލާހާއި ވަސީލަތްތައް ނެތުމުގެ ސަބަބުން މާލެ ސަރަހައްދުގައި އިތުރު ސްކޫލުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ފަހުން ވިދާޅުވީ، ސްކޫލުތަައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަންނަން ހެދި އޮޑިޓުގައި، މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން އިތުރު 10 ސްކޫލު ބޭނުންވާކަން އެނގުނު ކަމަށެވެ.