Roadha Mihaaru
އެޗްއާރުސީއެމުން ދޫނިދޫ ޖަލުގެ ހާލަތު ބަލައިފި

އެޗްއާރުސީއެމުން ދޫނިދޫ ޖަލުގެ ހާލަތު ބަލައިފި

28 ފެބުރުއަރީ 2018

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފި އެވެ.

އެޗްއާރުސީއެމުން ބުނީ ޖަލުގެ ހާލަތާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މިއަދު މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާފައިވާ ގައިދީންގެ ހާލަތު ބަލައި، އެ މީހުން ބަންދުކޮށްފައިވާ ތަނުގެ ހާލަތު ވެސް ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދޫނިދޫ ޖަލުގައި ސިޔާސީ ގިނަ އިސް ބޭފުޅުން ހައްޔަރުކޮށްފައި ތިބިއިރު އެ ބޭފުޅުންނާ ގުޅޭ ގިނަ މައްސަލަތަކެއް، މި ފަހަކުން އެޗްއާރުސީއެމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް، ސަރުކާރުން އިއްޔެ އިސްތިއުފާ ދެއްވި ދުންޔާ މައުމޫން ވަނީ އެ ކޮމިޝަނާ ހިއްސާ ކުރައްވާފަ އެވެ.

އަދި މި މަހު ފަހެއްގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހައްޔަރުކޮށްފައިވާ މަޖިލިސް މެމްބަރުންނާއި އެހެން ބޭފުޅުންގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ވެސް އެ މުއައްސަސާއާ ހިއްސާކޮށްފައިވާ ކަމަށް ދުންޔާ ވިދާޅުވެފައި ވެ އެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން ވަނީ މިދިޔަ މަހު ފަހުކޮޅު އެ ކޮމިޝަނުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ.