Roadha Mihaaru
ދޫނިދޫގައި މަރުވި މީހާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި

ދޫނިދޫގައި މަރުވި މީހާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި

16 ޖެނުއަރީ 2019

ފުލުހުންގެ ބަންދުގައި ދޫނިދޫ ޖަލުގައި ހުއްޓާ ރޭ މަރުވި އަންހެން މީހާގެ އޮޓޮޕްސީ އާއިލާ އިން ބޭނުން ނުވުމުން، ނުހަދައި މިއަދު ވަޅުލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންގެ ބަންދުގައި ދޫނިދޫ ޖަލުގައި ހުއްޓާ ރޭ މަރުވި އަންހެން މީހާގެ އޮޓޮޕްސީ އާއިލާ އިން ބޭނުން ނުވުމުން، ނުހަދައި މިއަދު ވަޅުލައިފި އެވެ.

އެ އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ނަޝާޔާ ރަޝީދު 23، ގެ އޮޓޮޕްސީ ނުހެދީ އެކަން ކުރަން ބޭނުން ނުވާތީ ކަމަށެވެ. އެހެންވެ އަސްރު ނަމާދަށް ފަހު ވަޅުލާފައިވާ ކަމަށް ބުންޏެވެ.

ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރި ނަޝާޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޮޓޮޕްސީ ހެދުމުގެ ހުއްދައަށް ފުލުހުން ވަނީ އާއިލާގައި އެދިފަ އެވެ.

އޭނާ ހައްޔަރުކުރި ދުވަހުން ފެށިގެން ހުރިހާ ހައްގުތަކެއް ދީފައިވާ ކަމަށާއި އަދި އެ މުއްދަތުގައި ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަމަވެސް މީގެ ކުރިން ނަޝާޔާގެ ސިއްހީ މައްސަލައެއް ހުންނަ ކަން އާއިލާއަށް ފާހަގަކުރެވިފައެއް ނުވެ އެވެ.

އެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ނަޝާޔާ އަކީ އާއިލާގެ އެންމެ ދޮއްޓަށް ހުންނަ މީހާ އެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ހުރެ އެވެ.

ރާއްޖޭގެ ޖަލުތަކުގައި މަރުވާ ބައެއް ގައިދީންގެ މަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ. އެގޮތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށް، އާއިލާތަކުން ބުނެ އެވެ.