Roadha Mihaaru
އާ އޭސީ ފެރީ ހިދުމަތަށް ނެރެ، ދަތުރުތައް އަވަސްކުރަނީ

އާ އޭސީ ފެރީތައް ހިދުމަތަށް ނެރެ، ދަތުރުތައް އަވަސްކުރަނީ

01 މާޗް 2018

އެމްޓީސީސީން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަން ފެށި އޭސީ ދެ ފެރީގެ ހިދުމަތް މި މަހު 15ގައި ފަށައި، ދަތުރު ކުރާ ގަޑި 15 މިނިޓަށް އަވަސް ކުރަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްޓީސީސީން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަން ފެށި އޭސީ ދެ ފެރީގެ ހިދުމަތް މި މަހު 15ގައި ފަށައި، ދަތުރު ކުރާ ގަޑި 15 މިނިޓަށް އަވަސް ކުރަން ނިންމައިފި އެވެ.

އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ ރ. އިނގުރައިދޫގައި ބަން އެ ދެ ފެރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުމާލެއަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އިދާރީ ގޮތުން ފުުރިހަމަ ކުރަން ޖެހޭ ކަންކަން ހުރުމުން، ހިދުމަތް ދިނުން ލަސްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން އެ ފެރީތަކުގެ ހިދުމަތް ދޭން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އެ ކުންފުނިން ބުނިގޮތުގައި ހިދުމަތް ނުފެށި ލަސްވީ، ފެރީތައް ހުޅުމާލެ ނުގެންދެވިގެންނެވެ.

"މިހާރު އަޅުގަނޑުމެން ނިންމާފައިވަނީ މި މަހު 15ގައި ދަތުރުތައް ފަށަން. އޭރުން އަޅުގަނޑުމެންގެ އޮންނާނެ ހިދުމަތްދޭ ފަސް އޭސީ ފެރީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެރީގެ އަދަދު ގިނަ ވުމުން، މިހާރު 30 މިނެޓުން އޮންނަ "ޕްރީމިއަމް ލިންކް"ގެ ދަތުރުތައް 15 މިނެޓަށް އަވަސްކުރާނެ ކަމަށެވެ. އަދި މިއީ ގިނަ ބަޔަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމެއްކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

އަލަށް ހިދުމަތް ފަށާ ކޮންމެ ފެރީއަކީ 100 މީހުންގެ ޖާގައިގެ ފެރީ ދޯނިތަކެއް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.

ފެރީގެ މަސައްކަތް ނިންމައި އެމްޓީސީސީއާ ހަވާލުކުރުން ލަސްވާތީ، މިދިޔަ އަހަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެފައި ވަނީ އެ ފެރީތައް ކަނޑައެޅިފައިވާ މުއްދަތަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އޭރު އޭނާ ވިދާޅުވެފައިވެ އެވެ. އެކަމަކު މުއްދަތަށް ނުނިންމުމުން، މެރިން ޑިޒައިންއާ މެދު ފިޔަވަޅެއް އެޅިކަމެއް އެމްޓީސީސީއަކުން ނުބުނެ އެވެ.

މެރިން ޑިޒައިން އާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ފެބްރުއަރީ 2016 ގައި އެ ފެރީތައް ހަވާލުކުރަން ޖެހެ އެވެ. ފެރީތައް ބަންނަން ހަވާލުކުރީ 12 މިލިއަން ރުފިޔާ އަށެވެ. ފެރީތަކަށް އިންޖީނު ސަޕްލައިކޮށްދެނީ އެމްޓީސީސީންނެވެ.