Roadha Mihaaru
އާ ތިން އޭސީ ފެރީ އޮކްޓޯބަރު މަހު ގެންނާނެ

އާ ތިން އޭސީ ފެރީ އޮކްޓޯބަރު މަހު ގެންނާނެ: އެމްޓީސީސީ

30 އޯގަސްޓް 2017

އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަ ފެށި، ތިން އޭސީ ފެރީ (ޕްރީމިއަމް ލިންކް) އަންނަ އޮކްޓޯބަރު މަހު ބޭނުންކުރަން ފަށާނެ ކަމަށް އެމްޓީސީސީން ރޭ ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަ ފެށި، ތިން އޭސީ ފެރީ (ޕްރީމިއަމް ލިންކް) އަންނަ އޮކްޓޯބަރު މަހު ބޭނުންކުރަން ފަށާނެ ކަމަށް އެމްޓީސީސީން ރޭ ބުނެފި އެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މެރިން ޑިޒައިން ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ބަންނަ ފެރީތައް ލިބުން ލަސްވެފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ފެރީތައް ކަނޑައެޅިފައިވާ މުއްދަތަށް ހަވާލުކޮށްފައި ނުވާތީ އެގްރިމަންޓްގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

މެރިން ޑިޒައިން އާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އެ ފެރީތައް ހަވާލުކުރަން ޖެހެ އެވެ. ފެރީތައް ބަންނަން ހަވާލުކުރީ 12 މިލިއަން ރުފިޔާ އަށެވެ. ފެރީތަކަށް އިންޖީނު ސަޕްލައިކޮށްދެނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ޚިދުމަތް ދިނުމަށް 2015 ވަނަ އަހަރުގެ ފަހުކޮޅުގައި މެރިން ޑިޒައިންއާ ހަވާލުކުރި ފެރީތައް ލިބުން ލަސްވެފައި ވަނީ އެ ދޯނިތަކަށް ބޭނުންވާ އިންޖީނު ސަޕްލައި ނުކުރެވުމާއި އެ ނޫން ވެސް ތަފާތު ސަބަބުތައް ކުރިމަތިވެގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އަލަށް ގެންނަނީ 100 މީހުންގެ ޖާގައިގެ ތިން އޭސީ ފެރީ އެވެ. އޭގެ އިތުރުން 4،000 ބަސްތާގެ ކާޑު އުފުލޭވަރުގެ ކާގޯ ފެރީއެއް ވެސް ބަންނަން މެރިން ޑިޒައިން ހަވާލުކޮށްފައިވެ އެވެ.

އެމްޓީސީސީން މިހާރު ހުޅުމާލެ އާއި މާލެއާ ދެމެދު ދެމުން އަންނަ ފެރީގެ ޚިދުމަތުގައި ބޭނުންކުރަނީ ތިން އޭސީ ފެރީ އެވެ.