Roadha Mihaaru
ޗައިނާ އިން ދިން ވެކްސިން ހުރީ ރާއްޖެއަކު ނޫން!

ޗައިނާ އިން ދިން ވެކްސިން ހުރީ ރާއްޖެއަކު ނޫން، ޖެހެނީ ބަލާ ދާން!

17 މާޗް 2021

ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި 200،000 ޑޯޒުގެ ވެކްސިން ހުރީ ރާއްޖޭގައި ނޫން ކަމަށާއި އެ ވެކްސިންތައް ހޯދަން ޖެހެނީ އެ ބަލާ ޗައިނާ އަށް ދާން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި 200،000 ޑޯޒުގެ ވެކްސިން ހުރީ ރާއްޖޭގައި ނޫން ކަމަށާއި އެ ވެކްސިންތައް ހޯދަން ޖެހެނީ އެ ބަލާ ޗައިނާ އަށް ދާން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާ ސިނޯފާމް ވެކްސިންގެ 200،000 ޑޯޒް ބަލާ ޗައިނާ އަށް ދިއުމަކީ މި ދަނޑިވަޅު ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި އެކަމަށް މަތިންދާބޯޓެއް ޗާޓަރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ޗައިނާ އިން އެހެން ގައުމުތަކަށް ހަދިޔާކުރާ ވެކްސިން ގެންގޮސްދީ، އެ ގައުމުތަކާ އެ ހަވާލުކުރުމަށް ރަސްމިއްޔާތުތައް ބާއްވާފައި ވެ އެވެ. އިންޑިއާ އިން މިހާތަނަށް ރާއްޖެ އަށް ހަދިޔާކުރި ވެކްސިން ވެސް ރާއްޖެއާ ހަމައަށް ގެނެސްދިނީ އިންޑިއާގެ ސަރުކާރުންނެވެ.

ޗައިނާއިން މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ސައިނޯފާމްގެ އިތުރު 10،000 ޑޯޒު ރާއްޖެ އަށް ދޭން ނިންމައިފަ އެވެ. މީގެ އިތުރުން ކޮވިޑު ވެކްސިންގެ 100،000 ޑޯޒު ވެކްސިން ރާއްޖެ އަށް ހަދިޔާކުރަން ޗައިނާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިއީ ކޮން ބްރޭންޑެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ޗައިނާ އިން އާންމުކޮށް ހަދިޔާކުރަނީ ސިނޯފާމް އާއި ސިނޯވެކް ވެކްސިނެވެ. ރާއްޖޭގައި މިހާރު ދެމުން އަންނަނީ، އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ގައުމުން ދިން ދެ ލައްކަ ވެކްސިން މިހާރު ވަނީ ޖަހައި ގާތްގަނޑަކަށް ހުސްވެފަ އެވެ.

އިންޑިއާ ސަރުކާރާއި ކޮވެކްސް ފެސިލިޓީގެ ދަށުން 212،000 ކޮވިޝީލްޑް ވެކްސިން ލިބިފައި ވެ އެވެ. އަދި ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ ފެސިލިޓީގެ ދަށުން 108،000 ޑޯޒް ރާއްޖެ އަށް ލިބޭނެ އެވެ. ކޮވެކްސް މިހާތަނަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 12،000 ޑޯޒެވެ. އޭގެ ބާކީ ބަޔާއި ފައިޒާ ވެކްސިންގެ 5،850 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.