Roadha Mihaaru
އުމަރު އަދިވެސް "ހުދު ވަލުގައި" ހިފަހައްޓައިގެން

އުމަރު އަދިވެސް ހުންނެވީ "ހުދު ވަލުގައި" ހިފަހައްޓަވައިގެން، ދައުލަތް ސާފުކުރަން!

23 މެއި 2016

ސިޔާސީ ދާއިރާ އަށް އުމަރު ނަސީރު ވެންނެވި އިރު އޭނާ ފެނުނީ ގޮތްދޫނުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކި މީހަކު ހިތްހަމަޖައްސަވަން ވަކި ގޮތަކަށް ވާހަކަ އަނބުރާ ނުލައްވާނެ ސިފަތަކެއްގަ އެވެ. އެކަމަކު އޭނާގެ އެ މިޒާޖު މިހާރު ވެސް އެބަ ހުރި ކަމަށް ގަބޫލުނުކުރާ މީހުން ގިނަ އެވެ. އެމީހުންގެ ބަހުން ނަމަ "މިހާރު އުމަރު ބަދަލުވެއްޖެ" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ދާއިރާ އަށް އުމަރު ނަސީރު ވެންނެވި އިރު އޭނާ ފެނުނީ ގޮތްދޫނުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކި މީހަކު ހިތްހަމަޖައްސަވަން ވަކި ގޮތަކަށް ވާހަކަ އަނބުރާ ނުލައްވާނެ ސިފަތަކެއްގަ އެވެ. އެކަމަކު އޭނާގެ އެ މިޒާޖު މިހާރު ވެސް އެބަ ހުރި ކަމަށް ގަބޫލުނުކުރާ މީހުން ގިނަ އެވެ. އެމީހުންގެ ބަހުން ނަމަ "މިހާރު އުމަރު ބަދަލުވެއްޖެ" އެވެ.

އުމަރު ދެއްވާނެ ޖަވާބުތައް އެބަ ހުއްޓެވެ. އެއް ޖަވާބަކީ "އޭރު އެއީ ސިޔާސީ ވާހަކަތަކެ"ވެ. މިހާރު ހުންނެވީ ވަޒީރެއްގެ މަގާމުގައި ކަމުން ކުރިން ދެއްކެވި ގޮތަށް ވާހަކަަ ނުދެއްކެވޭނެ ކަމެވެ.

އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި، ހައްގުތައް ހޯދުމަށާއި ނާއިންސާފާއި ކޮރަޕްޝަނާ ދެކޮޅަށް ފަރުދީ ގޮތުން އަޑު އުފުއްލެވި އުމަރު ހުންނެވީ މި ސަރުކާރުގެ ތެރޭގައި "ފިތިފަ" އެވެ.

ސަރުކާރުން ކުރާ ހުރިހާ ކަމަކަށް "އާނބަސް" ވިދާޅުވެ ހުންނަވަނީ މަގާމް ދިފާއު ކުރެއްވުމަށް ކަމަށް އެ މީހުން ދެކެ އެވެ. ނުވަތަ ސިޔާސީ އެހެން ބައެއް ބޭފުޅުން ދިޔަ މަގުން "ޖަލުގެ ތޭރިތަކުގެ ތެރޭގައި" ސިޔާސީ ހަޔާތް ނިންމާލައްވަން ބޭނުން ނުވަނީ އެވެ.

އޭނާއާ މެދު ކޮންމެ ގޮތަކަށް ވިސްނުން ގެންގުޅުނު ނަމަވެސް، "އެއީ އަދިވެސް ކުރީގެ އުމަރު ނަސީރު" ކަން ސާބިތުކޮށްދެއްވަން އޭނާ ތައްޔާރެވެ. އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާ އަށް އައި ހަމައެކަނި ބަދަލަކީ ހުވައެއް ކުރައްވައި އެ ހުވާމަތީގައި ދެމިހުންނަވަން ޖެހުމެވެ.

އުމަރުގެ ދެ އަތް ހުދު ވަލުގައި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރާ ވާދަކުރެއްވި، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭނާ ނެންގެވި ހަތިޔާރަކީ "ކޮރަޕްޝަން"ގެ ތުހުމަތެވެ. ރައީސް ޔާމީނަށް ނިސްބަތްކުރައްވައި، ދެއްކެވި ވާހަކައެއްގައި އޭނާ އަބަދުވެސް ހުންނަވާނީ "ހުދު ވަލެއްގައި" ހިފަހައްޓަވައިގެން ކަމަށް ވިދާޅުވި އެވެ. އެހެން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރައްވަން ސާބިތުވެ ހުންނަވާނެ ކަން ޔަގީންކޮށް ދެއްވުމަށެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ނެގި ބަޔަކު އެއަށް ހެދި ގޮތެއް ހެދިއިރު އުމަރަށް ޖެހިވަޑައިގަތީ ސަރުކާރު ދިފާއުކުރައްވާށެވެ.

އެކަމަށް އޭނާ ދައްކަވާ ސަބަބަކީ ވަޒީރެއްގެ މަގާމުގައި ހުންނެވުމެވެ.

"ވަޒީރަކަށް އަންނަނީ ހުވައެއްކޮށްގެން ދައުލަތުގެ ކަމަކާ ހަވާލުވެގެން. އެހެން ހަވާލުނުވެ ހުންނަ މީހާ ދައްކާ ރާގަށް އެހާ އޯޕަންކޮށް ނުދައްކާނެ ވަޒީރެއް،" އުމަރު ވިދާޅުވި އެވެ.

އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ސަރުކާރުގެ ފަސްބައިގައި ޖެހުނު ފިލުވާލަން ދަތި، ލަދުވެތި ލައްގަނޑެއް ކަމަށް އުމަރު އެއްބަސްވެވަޑައިގަންނަވަ އެވެ. އަދި އޭގެ ދިފާއުގައި ދައްކާނެ ވާހަކަތައް މަދުކަން ވެސް ގަބޫލުކުރައްވަ އެވެ.

މިނިސްޓަރު އުމަރު އިއްޔެ "މިހާރާ" ވާހަކަ ދައްކަވަނީ.---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ

މިނިސްޓަރު އުމަރު އިއްޔެ "މިހާރާ" ވާހަކަ ދައްކަވަނީ.---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ

"ވާހަކަ ނުދެއްކިއަސް ވަޒީރަކަށް އޮންނާނެ އަމަލީ ގޮތުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމުގެ ބާރު. އެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އަޅުގަނޑު ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ، އަޅުގަނޑުގެ ނޭފަތުގެ ދަށުގައި ނުކުރޭނެ ކޮރަޕްޝަން ހިންގާކަށް... ހިނގައިފިއްޔާ އެކަމެއް ޕްރޮސިކިއުޓް ކުރާނަން އަޅުގަނޑު،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ގައިގައި ނުކުރޭނެ ކޮރަޕްޝަންގެ އެންމެ ލައްކޮޅެއް ވެސް ޖައްސާކަށް."

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފުލުހުންގެ އިތުރުން އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ. އެ އިދާރާތަކަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވަމުން އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ ސުވާލުކުރުން ވެސް ހުއްޓުވާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ މައްސަލަތައް ވެސް ބަލަން އަޅުގަނޑު ދަންނަވާފައި އޮންނާނެ. އަދި އެ މީހުން އެ މައްސަލައެއް ބުރަކި ޖައްސަން އުޅެފި ކަމަށް ވަންޏާ ބުރަކި ޖައްސަން އެ ލާ ފައެއް ވެސް އަޅުގަނޑު އިންނާނީ ފޭކޮށްފައި،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު މިހިރީ ދިވެހި ދައުލަތް ކްލީން ދައުލަތަކަށް ހެދުމަށް ކުރަން ޖެހޭ ކަމެއް ކުރަން ތައްޔާރަށް. ހުދު ވަލުގައި އަދިވެސް އެންމެ ކަޅު ތަންކޮޅެއް ވެސް ނޯންނާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަޒީރުކަން ނިންމައި ނުކުންނާނީ ވެސް ހުދު ވަލުގައި އެންމެ ކަޅު ތަންކޮޅެއް ވެސް ނުޖައްސައި."

އަޅުގަނޑުގެ ނޭފަތުގެ ދަށުގައި ނުކުރޭނެ ކޮރަޕްޝަން ހިންގާކަށް. ހިނގައިފިއްޔާ އެކަމެއް ޕްރޮސިކިއުޓް ކުރާނަން --އުމަރު

މި ސަރުކާރާ މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް، ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނުބައްލަވަން ރައީސް ޔާމީން އަމުރު ނުކުރެއްވުމަކީ ކޮރަޕްޝަން ހުއްޓުވުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"ދުވަހަކު ވެސް ރައީސް ޔާމީން އަންގަވާފައެއް ނެތް މިވެނި މީހެއްގެ މައްސަލަ ނުބަލާކަށް. އަދި އެ މައްސަލަ އަށް ބަލަން ފެށީމަ، ވަކި ގޮތަކަށް އަނބުރާލަން ނުވަތަ ހުއްޓުވަން އަޅުގަނޑަށް އަންގާފައެއް ނެތް،" އުމަރު ވިދާޅުވި އެވެ.

ގުޑު ގަވަނަންސް ނެތި އިންތިހާބު ކާމިޔާބެއް ނުވާނެ

އުމަރު ގަބޫލުކުރައްވާ ގޮތުގައި ގުޑް ގަވަނަންސާ ނުލައި މި ޒަމާނުގައި ސަރުކާރެއް ހިންގައި އަލުން އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ އެވެ. ގުޑް ގަވަނަންސާ ދިމާލަށް ދާއިރު، އޭގެ ތެރޭގައި އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމެއްގެ ގޮތަށް އުމަރު ފާހަގަކުރެއްވީ ޖުޑިޝަރީގައި ހުރި މައްސަލަތަކެވެ. އެކަމަކު މުޅި ޖުޑިޝަރީ އަކީ ކޮރަޕްޓް ތަނެއް ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ތައުލީމީ ވަރަށް ރަނގަޅު ފަނޑިޔާރުންތައް ވެސް އެބަ ތިބި. ވަރަށް ރަނގަޅު ޖަޖްމަންޓްތައް ވެސް ނެރޭ. އެކަމަކު އެބަހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެލިމަންޓްތަކެއް ވެސް،" އުމަރު ވިދާޅުވި އެވެ.

އެއަށްވުރެ ބޮޑު މައްސަލައަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ނުއުފުއްލޭވަރުގެ "ބަރު ޖުޑިޝަރީގެ ކޮނޑަށް އެރުވުމެ"ވެ. ކޮންމެ ކަމެއް ކޯޓުތައް މެދުވެރިކޮށް ނިންމުމަކީ ރަނގަޅު ގޮތެއް ކަމަކަށް އުމަރު ގަބޫލެއްނުކުރައްވަ އެވެ.

"ހުރިހާ ގާނޫނެއް ލިއުނީ ކޯޓު އިންވޯލްކޮށްގެން. އެހެންވީމާ ކޯޓުތަކަށް ނުބެލޭވަރަށް މައްސަލަތައް ފުނިޖެހެމުން ދިޔައީ. އަޅުގަނޑު މި ދަންނަވަނީ ދައުލަތުގެ ފަރާތުން ކޯޓުތަކަށް މާ ބޮޑަށް ބަރު އެރުވީއޭ،" އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިތުބާރު އުމަރަށް އެބަ އޮތްތަ؟

ރައީސް ޔާމީނާ އެންމެ އަރިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ނުފޫޒާ އެކު، އުމަރުގެ ބާރުތައް ހަނިކުރެއްވީ ވަޒީރުކަމުގެ ވަރަށް ކުރީކޮޅެވެ. އުމަރާ މެދު އެ ފިޔަވަޅު އެޅުއްވީ، އަދީބްގެ މައްސަލައެއް ބެލުމަށް ފުލުހުންގެ ކިބައިން އޭނާ އެދިވަޑައިގަތުމުންނެވެ. އެކަމަށް އުމަރު އެއްބަސްވެވަވަޑައިގަންނަވަ އެވެ.

އަދީބް ހުންނެވި އިރު ހުންނެވި ސީޕީ [ހުސެއިން ވަހީދު] ހުންނެވީ އަޅުގަނޑާ އެއްކޮށް މަސައްކަތް ކުރާ ގޮތަކަށް ނޫން. އެ ބޭފުޅާ ހުންނެވީ ސީދާ އަޅުގަނޑު ބޭރުކޮށްލާ ގޮތަށް. --އުމަރު
ކުރީގެ ނައިބު ރައީސް އަދީބު: އުމަރުގެ ބާރުތައް ހަނިކުރެއްވީ، އަދީބުގެ މައްސަލައެއް ބެލުމަށް ފުލުހުންގެ ކިބައިން އުމަރު އެދިވަޑައިގަތް ހިސާބުން ކަމަށް އުމަރު ވިދާޅުވޭ.---މިހާރު ފޮޓޯ

ކުރީގެ ނައިބު ރައީސް އަދީބު: އުމަރުގެ ބާރުތައް ހަނިކުރެއްވީ، އަދީބުގެ މައްސަލައެއް ބެލުމަށް ފުލުހުންގެ ކިބައިން އުމަރު އެދިވަޑައިގަތް ހިސާބުން ކަމަށް އުމަރު ވިދާޅުވޭ.---މިހާރު ފޮޓޯ

އަދީބްގެ ރޭއްވެވުންތައް ފަޅާއަރައި ހާލަތު ބަދަލުވި ނަމަވެސް އުމަރު އަދިވެސް ހުންނެވީ "ރައީސް ޔާމީން ބެހެއްޓެވި ހިސާބުގަ" އެވެ.

ބާރުތައް އަނބުރާ ނުދެއްވަނީ ރައީސް ޔާމީން އިތުބާރު ނުކުރައްވާތީތޯ ދެންނެވުމުން އުމަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު އެއީ މައްސަލައެއްގެ ގޮތުގައި ވެސް އުމަރު ނުނަންގަވަ އެވެ. ހިނިފުޅުވަޑުވަމުން ވިދާޅުވީ މިހާރު އޮތް ގޮތް ވެސް "ގޯހެއް ނޫން" ކަމަށެވެ.

ރައީސް ޔާމީން ހޯރަފުށީގެ ނަރުދަމާގެ ނިޒާމު އިއްޔެ އިފްތިތާހުކޮށް ދެއްވުމަށްފަހު މޮނިއުމަންޓް ބައްލަވާލައްވަނީ: ހޯމް މިނިސްޓަރުގެ ބާރުތައް ރައީސް ޔާމީން އަނބުރާ ގެންދެވި މައްސަލާގައި އަދިވެސް އުމަރު ވަކި އެއްޗެއް ވިދާޅެއް ނުވޭ.- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ހޯރަފުށީގެ ނަރުދަމާގެ ނިޒާމު އިއްޔެ އިފްތިތާހުކޮށް ދެއްވުމަށްފަހު މޮނިއުމަންޓް ބައްލަވާލައްވަނީ: ހޯމް މިނިސްޓަރުގެ ބާރުތައް ރައީސް ޔާމީން އަނބުރާ ގެންދެވި މައްސަލާގައި އަދިވެސް އުމަރު ވަކި އެއްޗެއް ވިދާޅެއް ނުވޭ.- ފޮޓޯ: ރައީސް އޮފީސް

"ރައީސުލް ޖުމްހޫރިއްޔާ އަށް ދެއްތޯ އެނގިވަޑައިގަންނަވާނީ އެ ބާރު އަޅުގަނޑުގެ އަތުގައި ބާއްވަންވީތޯ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ބާއްވަންވީތޯ. ރައީސް ބޭނުންފުޅު ގޮތަކަށް އެކަން ކުރައްވަން ގާނޫނުން ފުރުސަތު ލިބިފައި އޮވޭ،" އުމަރު ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނަށް އަމުރުކުރުމުގެ ބާރު ކުރިން ވެސް އޮންނަނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ. އެކަން ބަދަލުވެ، އެ ބާރު މިނިސްޓަރަށް ދޭ ގޮތަށް ކަނޑައެޅީ ފުލުހުންގެ ގާނޫނުގަ އެވެ. އެ ބާރު ނެތަސް ފުލުހުންގެ ތެރޭގައި އޭނާގެ އޮތް ދައުރާ މެދު ހިތްހަމަޖެހިވަޑައިގަންނަވަ އެވެ. އުމަރުގެ ލަފަ އާއި އިރުޝާދު ފުލުހުންގެ އިސް ވެރިން މިހާރު ގަބޫލުކުރައްވަ އެވެ.

"މިހާރުގެ ތަފާތަކީ، އަދީބް ހުންނެވި އިރު ހުންނެވި ސީޕީ ހުންނެވީ އަޅުގަނޑާ އެއްކޮށް މަސައްކަތް ކުރާ ގޮތަކަށް ނޫން. އެ ބޭފުޅާ ހުންނެވީ ސީދާ އަޅުގަނޑު ބޭރުކޮށްލާ ގޮތަށް،" އުމަރު ވިދާޅުވި އެވެ.

"އެކަމަކު މިހާރުގެ ސީފީ އާއި އެގްޒެކެޓިވް ބޯޑަކީ އަޅުގަނޑާ އެކު މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ބޯޑެއް."

އުމަރު ވިދާޅުވާ ގޮތުން އިސްލާހީ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް އޭނާ ގެންގުޅުއްވާ ވިސްނުންފުޅަށް ދޫދެއްވުމެއް ނެތެވެ. އެއީ، ޕީޕީއެމް އިސްލާހްކުރުން ކަމަށް ވިއަސް ގައުމު ހަމަ މަގަށް އެޅުވުން ކަމަށް ވިއަސް އޭނާގެ ސިކުނޑި ތައްޔާރެވެ.

އެ ވާހަކަ ގަބޫލުކުރަން ހެއްޔެވެ؟