Roadha Mihaaru
މިއީ އެންމެ ކޮރަޕްޓް ސަރުކާރު: އުމަރު

މިއީ އެންމެ ކޮރަޕްޓު ސަރުކާރު: އުމަރު

07 ސެޕްޓެމްބަރ 2016

މިހާރު ރާއްޖޭގައި އޮތީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން މަގާމުން އިސްތިއުފާދެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިހާރު ރާއްޖޭގައި އޮތީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން މަގާމުން އިސްތިއުފާދެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރުގެ ފާޑުވިދާޅުވުން ސަރުކާރަށް މި އަމާޒުކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންތަކާއި ޖަރީމާތަކާ ގުޅޭ ގޮތުން އަލް ޖަޒީރާގެ ތަހުގީގީ ރިޕޯޓު "ސްޓީލިން ޕެރަޑައިސް" އާއްމުކުރުމާ ގުޅިގެންނެވެ.

އިސްތިއުފާ ދެއްވި ފަހުން ސަރުކާރާ ދެކޮޅަށް މިހާތަނަށް މާ ގިނަ ވާހަކައެއް އޭނާ ދައްކާފައެއް ނުވެ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވެ އެވެ.

އަލް ޖަޒީރާ އިން ތުހުމަތުކޮށްފައިވާ ގޮތަށް މިއީ، ކޮރަޕްޓް ސަރުކާރެއް ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް އުމަރު "މިހާރު" އަށް ވިދާޅުވި އެވެ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮރަޕްޓް ސަރުކާރެއް. ރައީސް ނަޝީދުގެ ސަރުކާރަކީ ވެސް ކޮރަޕްޓް ސަރުކާރެއް. އެކަމަކު ކޮރަޕްޝަން ރޭހުގައި ނަޝީދު ސަރުކާރު އުޅެނީ ދެ ވަނާގައި،" އުމަރު ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގުގައި "އެހާވަރުން ނޫޅެން" ޓެކްސްޓް މެސެޖަކުން ރައީސް ޔާމީން އުމަރަށް އެންގެވި ކަމަށް އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ބުނެފައިވެ އެވެ. އެކަމަކު އެ ވާހަކަ ދޮގުކުރައްވައި އުމަރު "ވިދާޅުވީ އެފަދަ މެސެޖެއް ރައީސް ޔާމީން ނުފޮނުއްވާ ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި އަލް ޖަޒީރާ އިން ފަޅާއަރުވާލާނެ ކަމަށް ދެއްކި ގިނަ ވާހަކަތަކާ އަޅާބަލާއިރު ރިޕޯޓުގައި މާ ބޮޑު ހެކިތަކެއް ނެތެވެ.

ސަރުކާރާ އެކު މަނީލޯންޑެރިން ހިންގަން އުޅުނު މީހުން އެކަން ކުރާ ކަމަށް ޑޮކިއުމެންޓްރީގައި އެއްބަސްވެ އެވެ. ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ، މިލިއަނުން ރައީސް ޔާމީނާ ހަމައަށް ވެސް ގެންގޮސްދޭ ކަމަށް ވެސް ޑޮކިއުމެންޓްރީގައި ބުނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކެއް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ، އަލް ޖަޒީރާ ޑޮކިއުމެންޓްރީގައި ތުހުމަތުތަކެއްކޮށްފައި ވަނީ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.