Roadha Mihaaru
ޒީރޯ ޓޮލެރަންސަށް ބޭނުންވަނީ ފިޔަވަޅު އެޅުން: ޖަމީލް

ޒީރޯ ޓޮލެރަންސަށް ބޭނުންވަނީ ހިޔާނާތުގެ އެންމެންނަށް ފިޔަވަޅު އެޅުން: ޑރ. ޖަމީލް

15 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ ކަމަށާއި ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ދޭން ޖެހޭނީ އެގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ ކަމަށާއި ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ދޭން ޖެހޭނީ އެގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ނައިބު ރައީސް ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ވޭތުވެދިޔަ އަހަރުތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކަށް ބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ.

ހިޔާނާތުގެ އެ ފައިސާތައް ބޭނުންކޮށްފައި ވަނީ ދައުލަތަށް ނުފޫޒު ފޯރުވުމަށާއި އެމަނިކުފާން ނައިބު ރައީސްކަމުން ވަކިކުރުން ފަދަ ބޮޑެތި ޖަރީމާތަކަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"އެ ފައިސާ ބެހީ ޑިމޮކްރެޓިކް މުއައްސަސާތަކާއި ނިޒާމާއި ގާނޫނުތައް ފުނޑުފުނޑު ކުރަން،" އަހުމަދު އަދީބު ނައިބް ރައީސް ކަމަށް ވަޑައިގަތުމަށް މަގާމުން ވަކިކުރި ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ކުރެއްވި ޓްވީޓް--

ހިޔާނާތުން ފައިދާ ހޯދި މީހުން އަދިވެސް ތިބީ ދައުލަތާއި ސަރުކާރުގެ ބާރު ހުރި މަގާމުތަކުގައި ކަމަށް ޖަމީލް ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ދިނުން ކަމުގައިވާ އިރު އެކަން ކުރެވޭނީ ހިޔާނާތުގައި ބައިވެރިވެފައިވާ އެންމެނާ މެދު ފިޔަވަޅު އަޅައިގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބެހި އެސްއޯއެފް ކުންފުނިން މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެކަން ފެންމަތިވުމާ ގުޅިގެން ރައީސް ވަނީ އެ ދެ ބޭފުޅުން މަގާމުން ސަސްޕެންޑް ކުރައްވައިފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ޚިޔާނާތުގެ ފައިސާ އިން މަޖިލީހުގެ 4 މެމްބަރަކަށް 9 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

އެސްއޯއެފް އިން ފައިސާ ޖަމާކުރި މެމްބަރުން:

- ހުސެއިން މަނިކު ދޮންމަނިކު/ ގުރައިދޫ ދާއިރާ 250،000 ޑޮލަރު (3،855،00 ރުފިޔާ) - މޫސާ މަނިކު/ ހުޅުހެންވޭރު ދާއިރާ 100،000 ޑޮލަރު (1،542،000 ރުފިޔާ) - ރިޔާޒް ރަޝީދު/ ވިލުފުށި ދާއިރާ 424،255 ޑޮލަރު (6،542،012 ރުފިޔާ) - އަހްމަދު މަހްލޫފް/ ޔޫތު މިނިސްޓަރު 33،000 ޑޮލަރު (539،700 ރުފިޔާ)

ހިޔާނާތުގެ ޒިންމާ އުފުލުމުގެ ބަދަލުގައި އެބޭފުޅުން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.