Roadha Mihaaru
މައުމޫނާއި ނަދީމަށް ފުލުހުން ސުވާލެއް ނުކުރޭ: ވަކީލުން

މައުމޫނާއި ނަދީމަށް ފުލުހުން ސުވާލެއް ނުކުރޭ: ވަކީލުން

06 މާޗް 2018

ކުއްލިނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިތާ މިއަދު އެއް މަސްވީއިރު ތަހުގީގަށް ފުލުހުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް އެ ދެބޭފުޅުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކުއްލިނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިތާ މިއަދު އެއް މަސްވީއިރު ތަހުގީގަށް ފުލުހުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް އެ ދެބޭފުޅުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނާއި ނަދީމްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށް ބުނެ މައުމޫނާއި ނަދީމް ވަނީ ރަހީނުކޮށްފަ އެވެ. ރައީސް މައުމޫނާއި ނަދީމުގެ މައްޗަށް ތުހުމަތުކުރި މައްސަލަތަކާ ގުޅިގެން އެތައް ބައިވަރު ހެކި ލިބިފައިވާ ކަމަށް، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައިވާކަން ފާހަގަކޮށް، ވަކީލުން ވިދާޅުވީ ބަންދުގައި މަސް ދުވަސްވީ އިރު ވެސް ސުވާލެއް ނުކުރާ ކަމަށެވެ.

ހެކި ހުރި ކަމަށް ބުނި ނަމަވެސް ހެކި ނައްތާލުމުގެ ދައުވާ މައުމޫނުގެ މައްޗަށް އުފުލުމަށް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.

މައުމޫނާއި ނަދީމްގެ މައްޗަށް ހެކިހުރި ކަމަށް ބުނެ ފުލުހުން ދަނީ އެބޭފުޅުންނާ މެދު މުޖުތަމައުގައި އޮތް ގަދަރާއި ލޯތްބަށް އުނިކަން ގެނައުމުގެ ނުބައި ނިޔަތުގައި އެ ބޭފުޅުންގެ އަބުރު ނަގާލަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ދެ ދައުވާ އަކީ ދައުލަތުގެ މުއައްސަސާތަކާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް އުފުލާފައިވާ ހައްގު ނޫން ދައުވާއެއްކަން އޮޅުމެއްނެތި ކަށަވަރުވާ ކަމަށް ބުނެފައިވެ އެވެ.

"ހައްގު ނޫން ދައުވާތަކެއްކޮށް، އަސާސެއް ނެތް އެކި ތުހުމަތުތަކުގައި ޖަލުގައި ހުންނަވާތާ މިއަދަށް ހަތް މަސްދުވަސް ފާއިތުވެފައިވާއިރު އެމަނިކުފާނު ވެސް ނުހައްގުން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައި ވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ޒިންމާއިން ޣާފިލުވެ ސިޔާސީ ވަކި ފަރާތެއްގެ އަމުރަށް މަސައްކަތްކުރާތީ ކަމަށް ދެކެމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.