Roadha Mihaaru

މޯލްޑިވިއަންގެ އަށްވަނަ ސީ ޕްލޭން ގެނެސްފި

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ މޯލްޑިވިއަންގެ ސީ ޕްލޭން ފްލީޓަށް އިތުރު ބޯޓެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ އަށްވަނަ ސީ ޕްލޭން ގެނެސްފި
އަބްދުﷲ ޖަމީލު
އަބްދުﷲ ޖަމީލު

17 ޖުލައި 2016

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ މޯލްޑިވިއަންގެ ސީ ޕްލޭން ފްލީޓަށް އިތުރު ބޯޓެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ.

މިފަހަރު ގެނައި ބޯޓާއެކު އެ ކުންފުނީގައި ބޭނުންކުރާ ސީ ޕްލޭންގެ އަދަދު އަށަކަށް އިތުރުވީ އެވެ.

އެ ކުންފުނީގެ ހެޑް އޮފް އެޑްމިން އަލީ ނަޝާތު ވިދާޅުވީ އިއްޔެ ހަވީރު ގެނައި ކަނޑަަށް ޖައްސާ ބޯޓަކީ ވެސް ކެނެޑާއިން ގެނައި ބޯޓެއް ކަމަށެވެ.

"ކެނެޑާއިން މި ހިސާބަށް ގެންނަން ފަސް ދުވަސް ހޭދަވި. އަޅުގަނޑުމެން މި ބަލަނީ ކަނދު ހަރުކުރުމަށްފަހު މިމަހުގެ ތެރޭގައި މި ބޯޓު އޮޕަރޭޝަންގައި ބޭނުންކުރަން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ދެ ސީ ޕްލޭން ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން އަލަށް ގެނައި ބޯޓަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ބޭނުންކޮށްފައިވާ ބޯޓެކެވެ. ފުރަތަމަ ގެނެސްފައި ވަނީ މޯލްޑިވިއަން އެއާ ޓެކްސީން 1999 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 2003 ވަނަ އަހަރު ވެސް އެ ކުންފުނިން މި ބޯޓު ގެނެސްފައިވެ އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންތައް ބޭނުންކުރަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުން ރިސޯޓްތަކަށް އުފުލުމަށެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގައި މި ހިދުމަތް ދެމުން އަންނަ ދެވަނަ ކުންފުންޏެވެ.