Roadha Mihaaru
ޓޮޓެންހަމް ކަޓުވާލުމަށް ފަހު ޔުވެންޓަސް ކުއާޓާ އަށް

ޓޮޓެންހަމް ކަޓުވާލުމަށް ފަހު ޔުވެންޓަސް ކުއާޓާ އަށް

08 މާޗް 2018

ލަންޑަން (މާޗް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ފަަހަތުން އަރައި 2-1 އިން މޮޅުވެ، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ފަަހަތުން އަރައި 2-1 އިން މޮޅުވެ، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ޔުވެންޓަސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރުވުމުންނެވެ. އެހެން ކަމުން ރޭގެ މެޗުން މޮޅުވެގެން ކޮންމެ ޓީމަކަށް ވެސް ކުއާޓާގެ ފުރުސަތު ހޯދުމުގެ ޖާގަ އޮތެވެ. ޔުވެންޓަސް ކުރިހޯދީ 4-3 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް އެޓޭކިން ގޭމެއް ފެނުނު މި މެޗުގައި ޓޮޓެންހަމަށް މެޗުގެ 39 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން ސޮން މިއުން އެވެ. މި ލަނޑު ޖެހުމުގެ ކުރިން ވެސް އެނާ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ލީޑުފުޅާކުރަން ޓޮޓެންހަމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޔުވެންޓަސް އަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގަައިން އެވެ.

ހިގައިން ނަތީޖާ ހަމަހަމަ ކޮށްދިންތާ ތިން މިނިޓް ފަހުން ޔުވެންޓަސް އަށް ލީޑުނަގައިދިނީ ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން ޕައޮލޯ ޑީބަލާ އެވެ.

މި މެޗުން ބަލިވުމާ އެކު 2011 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ފުރަތަމަ ފަހަރު ދަތުރު ކުރަން ޓޮޓެންހަމަށް ލިބުނު ރަނުގެ ފުރުސަތު ގެއްލުނީ އެވެ. ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ބަލިވީ މޮޅަށް ކުޅުނު ޓީމު ކަމަށެވެ.

"ދެ ލެގަށް ބަލާއިރު ވެސް އަހަރެމެންގެ ފަރާތުން ފެނުނީ ހިތްވަރުގަދަ މޮޅު ކުޅުމެއް. މި މެޗުގެ ވެސް 70 މިނިޓް ވަންދެން އަހަރެމެން އަތުގައި ކޮންޓްރޯލް އޮތް. އެކަމަކު މި ވާހަކަތަކުގެ ބޭނުމެއް ނެތް. އެއީ އަހަރެމެންނަށް މުބާރާތް ނިމިއްޖެ،" ޕޮޗެޓީނޯ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ފުރަތަމަ ލަނޑު ޖެހި ނަމަވެސް އޭނާ މާޔޫސްނުވާ ކަމަށާއި ނަތީޖާ ނެރެވުނީ ހިތްވަރު އެލުވާނުލާ ދެއްކި މޮޅު ކުޅުމުން ކަމަށެވެ.

ރޭ އަމިއްލަ ދަނޑުގައި ސްވިޒަލެންޑުގެ ބަސެލް އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވި ނަމަވެސް އެ ޓީމަށް ވަނީ ކުއާޓާގެ ޖާގައެއް ލިބިފަ އެވެ. އެއީ ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ސިޓީ އަށް 5-2 އިން ކުރި ލިބޭތީ އެވެ.

ބަސެލް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓާ ޔުނައިޓެޑް ވެސް ބަލިކޮށްފަ އެވެ.