Roadha Mihaaru
ސްޓާލިން 11 މިނިޓް ތެރޭ ހެޓްރިކެއް ހަދައިފި

ސްޓާލިން 11 މިނިޓް ތެރޭ ހެޓްރިކެއް ހަދައިފި

23 އޮކްޓޯބަރ 2019

މެންޗެސްޓާ (އޮކްޓޫބަރު 23) - އެންމެ އެގާރަ މިނިޓް ތެރޭ ރަހީމް ސްޓާލިން ހެދި ހެޓްރިކާ އެކު ފަހަތުން އަރައި 5-1 އިން އެޓަލަންޓާ ބަލިކޮށް މެންޗެސްޓާ ސިޓީން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮކްޓޫބަރު 23) - އެންމެ އެގާރަ މިނިޓް ތެރޭ ރަހީމް ސްޓާލިން ހެދި ހެޓްރިކާ އެކު ފަހަތުން އަރައި 5-1 އިން އެޓަލަންޓާ ބަލިކޮށް މެންޗެސްޓާ ސިޓީން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި ސިޓީ އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ޝަހުތަރު ޑޮނެސްކާއި ތިން ވަނައިގައި އޮތް ޑިނަމޯ ޒަގްރެބަށް ތިން މެޗުން ލިިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މުބާރާތުގައި އަލަށްވާދަކުރާ އެޓަލަންޓާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އުމުރުން 24 އަހަރުގެ ސްޓާލިން މި ސީޒަނުގައި މިހާތަނަށް 17 މެޗުން 16 ގޯލު ޖަހާފައިވާއިރު، ރޭގެ މެޗުގައި އޭނާ 11 މިނިޓް ތެރޭ ހެޓްރިކެއް ހެދުމަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ނަޒަރުގައި އެންމެ މަތީ ލެވެލަށްދާން އަނެއްކާ ވެސް ސްޓާލިން އަށް ލިބޭނެ ހިތްވަރެކެވެ.

"ކޮންމެ ފަޅި އަކުން ވެސް މެދުން ވެސް އޭނާ އަށް އެބަކުޅެވޭ. ކުރިން އޭނަގެ ގޭމަށް މަދުވަނީ ލިބޭ ފުރުސަތުތައް ނިންމާލުމުގެ ބައި. މި ސީޒަނުގައި އެ ބައި ވެސް އެ ދަނީ ވަރަށް ރަނގަޅަށް. ޗެމްޕިއަންސް ލީގުގައި ކޮންމެ ކޮންމެ ކުޅުންތެރިއަކަށް 11 މިނިޓް ތެރޭގައި ހެޓްރިކެއް ނެހެދޭނެ. މިއީ ސްޓާލިއަން އަނެއް ލެވެލަށް ދާން ލިބޭނެ ހިތްވަރެއް،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ސްޓާލިން ބުނީ ރޭގެ މެޗުގައި ހަތަރު ގޯލު ޖެހެން އޭނާ އަށް ފުރުސަތު ލިބުނު ކަމަށާއި އެހެން ނަމަވެސް ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ސިޓީ އަށް ރޭގެ މެޗުގައި އަނެއް ދެ ގޯލު ޖަހައިދިނީ ސާޖިއޯ އަގުއޭރޯ އެވެ. މި މެޗުގައި އެޓަލަންޓާގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ރަސްލާން މަލިނޯވްސްކީ ޖެހި ގޯލުންނެވެ. މެޗުގެ ފަހު ކޮޅުގައި ސިޓީގެ ފިލް ފޯޑެން އަށް ދެއްކި ރަތް ކާޑާ އެކު އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ފަހަތުން އަރައި 2-1 އިން ލޮކޮމޯޓިވް މޮސްކޯ ބަލިކުރިއިރު، ޔުވެންޓަސްގެ ދެ ގޯލު ތިން މިނިޓް ތެރޭ ކާމިޔާބުކުރީ ޕައޮލޯ ޑިބާލާ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ލޮކޮމޯޓިވް މޮސްކޯގެ އަލެކްސެއި މިރަންޗުކް ޖެހި ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް ޔުވެންޓަސް އިން ނަތީޖާ އަނބުރާލީ މެޗުގެ 77 އާއި 79 ވަނަ މިނިޓްގައި ޑިބާލާ ޖެހި ގޯލުތަކުންނެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބަޔާ ލެވަކޫސަންގެ މައްޗަށް އެތުލެޓިކޯ މެޑްރިޑް އިން ކުރިހޯދީ 1-0 އިންނެވެ. އެތުލެޓިކޯގެ ހަމައެކަނި ގޯލު ޖެހީ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.