Roadha Mihaaru
އެސްއޯއީގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ އިތުރު މީހަކު ހައްޔަރުކޮށްފި

10 މާޗް 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބުނީ އެ ޕާޓީގެ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާނަށް ފުލުހުން ކުރާ ތުހުމަތެއް އަދިއެއް ނޭނގޭ ކަމަށެވެ.

އެމްޑީޕީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީއިރު 100 އަށް ވުރެ ގިނަ މީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފަ އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަށް ފަހު ހިނގި ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް ޗީފް ޖުޑީޗަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި އިދިކޮޅު ފަރާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރެއިން އެއް ބަޔަކަށް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި އެކަމަށްޓަކައި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތެވެ. އަނެއް ބަޔަކަށް ކުރަނީ މާލޭގައި ހަމަނުޖެހުން ހިންގުމާއި މާލޭގައި ރޯކުރަން އުޅުމުގެ ތުހުމަތެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރުގެ އެ ބައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ އެއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. ނަމަވެސް މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ކެނޑިނޭޅި ގޮވާލަމުންނެވެ. އަދި އެކަމަށް ގޮވާލައި ކޮންމެ ރެ އަކު މާލޭގައި އިދިކޮޅު ފަރާތްތަކުން އެއްވުން ވެސް ބާއްވަ އެވެ.