Roadha Mihaaru
ޕީއެސްޖީން ކޮންޓޭ އަށް ފާރަލަނީ

ޕީއެސްޖީން ކޮންޓޭ އަށް ފާރަލަނީ

11 މާޗް 2018

ޕެރިސް (މާޗް 11) - ޕީއެސްޖީން މި ސީޒަނަށް ފަހު ކޯޗު އުނާއި އެމެރީ ވަކިކުރުމަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންދަން މަސައްކަތް ފަށާފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މާޗް 11) - ޕީއެސްޖީން މި ސީޒަނަށް ފަހު ކޯޗު އުނާއި އެމެރީ ވަކިކުރުމަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންދަން މަސައްކަތް ފަށާފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބޮޑު އިންވެސްޓްމަންޓްތަކަކާ އެކު މިދިޔަ ދެ ސީޒަނުގައި ވެސް އެމެރީގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ނުކުތް ނަމަވެސް އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކަޓައިފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓީ ދެ ލެގުގައި ވެސް ރެއާލް މެޑްރިޑް އަތުން ބަލިވެގެންނެވެ.

ރޭ ފްރެންޗް ލީގުގައި މެޓްޒް އަތުން 5-0 އިން މޮޅުވި މެޗަށް ފަހު އެމެރީ ބުނީ ޕީއެސްޖީގެ ވެރިންގެ އިތުބާރު އަދިވެސް އޭނާ އަށް އެބައޮތް ކަމަށެވެ.

"މި ވަގުތު ވެސް އަހަންނަކީ މި ޕްރޮޖެކްޓްގެ އިސް މީހެއް. ޕީއެސްޖީ ވެރިންގެ އިތުބާރު ވެސް އެބައޮތް. އަހަރެން މި މަސައްކަތް ކުރަނީ މުޅި އުމުރުގައި ވެސް ޕީއެސްޖީގައި ހުރެވޭ ކަހަލަ ވިސްނުމެއްގައި ހުރެ،" އެމެރީ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން ކޮންޓޭ މި ސީޒަނަށް ފަހު ދުރުކުރާނެ ކަމަށް ބެލެވެ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ވަނީ ކޮންޓޭ ވަކިކުރަން ނިންމައިފަ އެވެ.

ކޮންޓޭ ހޯދަން ޕީއެސްޖީން މަސައްކަތް ފެށިއިރު، އިޓަލީގެ ބައެއް ކްލަބްތަކުން ވެސް އޭނާ ބޭނުންވެ އެވެ. އަދި އިޓަލީގެ ގައުމީ ޓީމާ އަލުން ކޮންޓޭ ހަވާލުވާނެ ކަމަށް ވެސް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ކޮންޓޭގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ދޭން ކޮންޓޭ ބޭނުމެއްނުވި އެވެ.