Roadha Mihaaru
ސަރުކާރުން ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފި

ސަރުކާރުން ވަނީ ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފައި: ޝައިނީ

12 މާޗް 2018

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ސަރުކާރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ސަރުކާރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ކަންކަމުގައި ސަރުކާރު ތަމްސީލް ކުރާ އިސް މަންދޫބު ވިދާޅުވީ، "ފުންނާބު އުސް ބޭފުޅަކު" މެދުވެރިކޮށް، ނަޝީދާ އެކު ސަރުކާރުން ކުރި މަޝްވަރާތަކުން އެޖެންޑާއެއް އެކުލަވާލެވުނު ކަމަށެވެ. އެ މަޝްވަރާތަކުގައި ޑޮކިއުމެންޓުތައް ބަދަލުކޮށް، ވާހަކަ ދެއްކި ޗެޓު ލޮގުތައް ވެސް އެބަހުރި ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ފުުންނާބު އުސް ބޭފުޅަކީ" ކޮބައި ކަމެއް ޝައިނީ ހާމައެއް ނުކުރައްވަ އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ، ޝައިނީ ވިދާޅުވި ގޮތުގައި، އިދިކޮޅު އެހެން ޕާޓީތަކުގެ ވެސް ރުހުމާ އެކުގައި ކަމަށް ސަރުކާރަށް ނަޝީދު ޔަގީންކަން ދެއްވި އެވެ. އަދި ނަޝީދާ އެކު މަޝްވަރާތައް ކުރަމުން ދިޔަ ކަން ޔޫއެން އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ވެސް އެނގޭ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާ ފެށުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެއް ކަމަކީ، މިހާރު ބަންދުކޮށްފައިވާ ފަނޑިޔާރުން ބެއިލްއެއްގެ ދަށުން ނަމަވެސް ދޫކޮށްލުމެވެ. އެއީ، ސިޔާސީ ލީޑަރުން ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދެވެ.

"މަޝްވަރާތަކުގައި ބަދަލުކުރެވުނު ޑޮކިއުމެންޓްސްތަކުގެ ތެރޭގައި ހުރި ބައެއް ޝަރުތުތައް ވާހަކަ ދައްކައިގެން ބަދަލުކުރެވި އެޖެންޑާއަކާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނު،" ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝައިނީ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި. އެމަނިކުފާނު މިހާރު ދިރިއުޅުއްވަނީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސިވިލާތުގައި. --ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި. އެމަނިކުފާނު މިހާރު ދިރިއުޅުއްވަނީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސިވިލާތުގައި. --ފޮޓޯ: ސޯޝަލް މީޑިއާ

އޭނާ ވިދާޅުވީ ނަޝީދު އެދިވަޑައިގަތް ގޮތަށް އެ މަޝްވަރާތަކުގެ ސިއްރު ސަރުކާރުން ހިފެހެއްޓި ކަމަށާއި ރައްޔިތުންނަށް އެ ވާހަކަ އާއްމުކުރަން މަޖުބޫރުވީ، މަޝްވަރާއާ ގުޅޭ ގޮތުން ސަރުކާރު ބަދުނާމުކޮށް އިދިކޮޅު ފަރާތްތަކުން ވާހަކަތަކެއް ދައްކަން ފެށުމުން ކަމަށެވެ.

"އޭގެ ކުރިން އެއްވެސް ވާހަކައެއް ސަރުކާރުން ނުދައްކާ، މި މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ އުއްމީދުގައި ތިބީ. އެ އެއްބަސްވުން ބްރީޗްކުރީމަ ވެސް އަޅުގަނޑުމެންގެ ހުށަހެޅުމެއް އިދިކޮޅު ފަރާތްތަކުގައި އޮންނާނެ،" ޝައިނީ ވިދާޅުވި އެވެ.

އެއީ، ކޮން ހުށަހެޅުމެއް ކަމެއް އަދި ނަޝީދާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލެއް ވެސް ނޫސްވެރިންނަށް ޝައިނީ ހާމައެއް ނުކުރައްވަ އެވެ. އެކަން ހާމަކުރަން ޖެހޭ ހިސާބަށް ދިއުމުން ޑޮކިއުމެންޓްސް އާއްމުކުރާނެ ކަމަށް ވިދާޅުވި އެވެ.

މި ވާހަކަތަކަށް ފަހު، ޝައިނީ ވަނީ މަޝްވަރާ އަށް އިދިކޮޅު ފަރާތްތަކަށް އަނެއްކާވެސް ދައުވަތު ދެއްވައިފަ އެވެ. މިއީ، ސަރުކާރުން ދައުވަތު ދޭ 12 ވަނަ ފަހަރު ކަން ފާހަގަކުރައްވައި އޭނާ އެދިވަޑައިގަތީ އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާގެ މޭޒަށް އައުމަށެވެ.

ކުށްވެރިންނާ އެކު ސަރުކާރުން މަޝްވަރާ ނުކުރާނެ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު، ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކުރީ ކީއްވެތޯ "މިހާރު" އިން ދެންނެވުމުން ޝައިނީ ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކުގެ ދެކޮޅު ހެދުމާ އެކު ވެސް ސަރުކާރުގެ ނިންމުން ބަދަލުކުރީ، މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށެވެ. އެހެންވެ، ޖަލަށް ގޮސްގެން ނަމަވެސް ލީޑަރުންނާ ވާހަކަ ދައްކަން ތައްޔާރަށް ތިބި ކަމަށް ސަރުކާރުން ފަހުން ހާމަކޮށްފައިވާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާގައި ޔޫއެންގެ ބައިވެރިވުމާ މެދު ސަރުކާރުގެ ވިސްނުން ގެންގުޅޭ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެކަމުގައި އޮޅުންއަރަންވީ އެއްވެސް ކަމެއް ނެތެވެ. މަޝްވަރާތަކުގައި ޔޫއެން ބައިވެރިކުރަން ފުރަތަމަ ވެސް ދައުވަތު ދެއްވީ، ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ނިންމުން އަދިވެސް ބަދަލު ނުވާ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ހައްލު ހޯދަން ޖެހޭ މައްސަލަތަކެއް ހުރިތޯ ދެންނެވުމުން، ޝައިނީ ވިދާޅުވީ ސަރުކާރަށް ކަންކަން ހުށަހަޅަން ޖެހޭނީ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ކަމަށެވެ. އިދިކޮޅުން މިހާތަނަށް ކޮށްފައިވާ ޝަރުތުތަކަކީ ޣައިރު ގާނޫނީ ޝަރުތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ލީޑަރުން ދޫކޮށްލުމުގެ އިތުރުން އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ސަރުކާރުން އެއްބަސްވުމެވެ.