Roadha Mihaaru
"ވެރިކަން ދަމަހައްޓަން ގާނޫނު އިސްލާހުކުރަން ތައްޔާރު"

ވެރިކަން ދަމަހައްޓަން ކޮންމެ ގާނޫނެއް އިސްލާހު ކުރަން ތައްޔާރު: އަބްދުއްރަހީމް

13 މާޗް 2018

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ކޮންމެ ގާނޫނެއް ވެސް އިސްލާހުކުރަން ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ކޮންމެ ގާނޫނެއް ވެސް އިސްލާހުކުރަން ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް ޕީޕީއެމުން ވެސް މަސައްކަތް ކުރާނީ "ފިސާރި ކެރިގެން" ކަމަށެވެ. އަދި ޕީޕީއެމް މެމްބަރުންނަށް ދައްކާ ބިރަކަށް ޖެހިލުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/އެމްޑީއޭ ގެ މެމްބަރުންނަކީ މި ގައުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ތިއްބެވި މެމްބަރުންތަކެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމަކު، ހަމަ އެ ނޭވާގައި އަބްދުއްރަހީމް ވަނީ މި އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން އިސްލާހު ކުރަން ޖެހޭ ކޮންމެ ގާނޫނެއް، ފާސް ކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނީ އިދިކޮޅު މީހުން ދައްކަފާނެ ވާހަކައަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ،" ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ބަލިކަށި ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރަނީ އަމިއްލަ ބޭނުމެއްގައި ނޫން ކަމަށާއި އެއީ ދިވެހި ގައުމާއި ރައްޔިތުންގެ ބޭނުމަށް ކުރާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް އިސްލާހު ކުރުމަށް ފަހު، މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އަބްދުއްރަހީމް ވަނީ ގައުމަށް މުހިންމު ކޮންމެ ބިލެއް ފާސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ގޮނޑި ގެއްލުނު 12 މެމްބަރުންނަށް އިޝާރާތް ކުރައްވައި، އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކުން އެ ބޭފުޅުންނަށް ކޮށްދިނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން 12 ބޭފުޅުންގެ ހައްގު ހޯއްދަވައިދެއްވުމަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، މި ބިލު ފާސް ކުރިއިރު، އަނެއްކާ ވެސް އެ ބޭފުޅުންނަށް ކުރިމަތިލެވޭނެ ފުރުސަތު އޮންނާނީ ބިލުގެ ތެރެއިން ފަހިކޮށްދީފައި. މި މަސައްކަތް މި ކުރަނީ ގައުމުގެ ހައްގުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ވިދާޅުވީ ގޮނޑި ވިއްކުމަށް ނޫނެކޭ ބުނަން ކެރުނު ހަމައެކަނި އަންހެން ބޭފުޅަކީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ކަމަށެވެ. އަދި މަޖިލީހުގައި ދެން ތިއްބެވި އެހެން އަންހެން ބޭފުޅުންނަށް އޭނާ ފާޑު ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ގޮނޑި ވިއްކާލުމަށް ނޫނެކޭ ބުނަން ކެރުނު 36 މެމްބަރުންގެ ނަން ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެ ލެވޭނެ ކަމަށެވެ. އަދި ނިހާނު ވަނީ އެންޓި ޑިފެކްޝަން ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވައި، ބިލު ވަރަށް ބޮޑަށް ދިފާއު ކުރައްވައިފަ އެވެ.

އަބްދުއްރަހީމް ވަނީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް އަންނަ ހުކުރު ދުވަހު ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން ނިކުތް ބަޔަކާ ދެކޮޅަށް ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.