Roadha Mihaaru
"ގައުމަށްދޭ އަނިޔާއިން ޔާމީން ހިތްޕުޅަށްވާ ތަދު ބޮޑު"

ޖަލުގައި އޮންނެވުމަށް ވުރެ ގައުމަށް ދޭ އަނިޔާ އިން ޔާމީންގެ ހިތްޕުޅަށްވާ ތަދު ބޮޑު: އަދުރޭ

23 ސެޕްޓެމްބަރ 2020

މާފުށީ ޖަލުގައި އޮންނެވުމަށް ވުރެ މި ސަރުކާރުން މި ގައުމަށް ދޭ އަނިޔާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅަށް ލިބިވަޑައިގަންނަވާ ތަދު ބޮޑު ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްޔިތުންނަށް އިއްޔެ ވިދާޅުވެދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާފުށީ ޖަލުގައި އޮންނެވުމަށް ވުރެ މި ސަރުކާރުން މި ގައުމަށް ދޭ އަނިޔާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅަށް ލިބިވަޑައިގަންނަވާ ތަދު ބޮޑު ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްޔިތުންނަށް އިއްޔެ ވިދާޅުވެދެއްވައިފި އެވެ.

ޕީޕީއެމަށް ބަޔަކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ކަންބޮޑުވެވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެތީ ކަމަށެވެ. ބާތިލް ދީންތަކަކަށް ޖާގަ ލިބި، ދީނީ ބައިބައިވުންތަކެއް އުފެދިދާނެތީ ވެސް އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެ މަނިކުފާނުގެ ކަންބޮޑުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ނަސްލީ ތަޅާފޮޅުންތައް އުފެދޭ ޒަމާނެއް ދިވެހިރާއްޖެ އަށް ކުރިމަތިވެގެން އަތުވެދާނެތީ. މި ސަބަބުތަކަށްޓަކައި އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ އެކު އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަމުން މިދަނީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި،" އޭނާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މިއަދު ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަން ހޯދަން ބޭނުންވެގެން ކުރާ މަސައްކަތްތަކެއް ނޫން ކަމަށެވެ. ފުރަތަމަ ކުރަން ޖެހިފައި އޮތް ކަމަކީ ގައުމު ސަލާމަތް ކުރުން ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

އަދުރޭ ތުހުމަތު ކުރެއްވި ގޮތުގައި ބަޔަކު ރާވައިގެން ގަސްދުގައި މި ގައުމު އަޅުވެތިކަމާ ދިމާލަށް މިސްރާބު ކުރުވުމުގެ މަސައްކަތްތަކެއް އެބަކުރެ އެވެ. އެ މަސައްކަތްތަކުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ނަގައިލުމުގެ ތުހުމަތު އިދިކޮޅުން ގުޅުވަނީ އިންޑިއާ އެވެ. މި ސަރުކާރއިންޑިއާ އެކު އޮތް ގާތް ގުޅުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ކަމެއް ކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ.

އަދުރޭ ވިދާޅުވީ އިންޑިއާގެ އަވަށަކަަށް ރާއްޖެ މިހާރު ބަދަލުވެ، ހަމަހަމަ ކަމާއި އިންސާފު ގެއްލިފައިވާ ކަމަށެވެ. މިހެން ވިދާޅުވެ އޭނާ ފާޑުކިއުން އަމާޒުކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އިން ބޭރުން ވަޑައިގެން 14 ދުވަހުގެ ކަރަންޓީނުގައި ހުންނެވި ނަމަވެސް ރަސްމީ ބައެއް އިވެންޓްތަކުގައި ބައިވެރިވެވަޑައިގަތުމާއި ފޮރިން މިނިސްޓްރީގެ ރަސްމިއްޔާތެއްގައި ހިންދީ ބަހުން ވާހަކަ ދެއްކެވުމާ އެވެ. ބޭރުން އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭ އުސޫލެއް އާއްމުކޮށް ސަރުކާރުގެ ބޮޑުންނަށް ވަކި ގޮތަކަށް އަމަލުކުރުމުގެ އިޚްތިޔާރު ދެމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އެކަމަކު އެޗްޕީއޭ އިން ބުނެފައި ވަނީ އެގޮތަށް ހުއްދަ ދެނީ ހަމައެކަނި ސަރުކާރުގެ އިސް ފަރާތްތަކަށް ނޫން ކަމަށާއި އާއްމުންނަށް ވެސް ޚާއްސަ ހާލަތުގެ އެ ހުއްދަ ދޫކުރާ ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް އެހީ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ހިންދީ ބަހުން ވާހަކަ ދައްކަވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު ގައުމުގެ ހާލަތަކީ އެއީ ކަމަށް ވިދާޅުވި އެވެ.

އެ ހާލަތުން އަރައިގަތުމަށް ސަރުކާރާ ދެކޮޅަށް ނުކުތުމަކީ "ބަޣާވާތަކަށް" ނުވާނެ ކަމަށާއި އެކަން ވާނީ ގައުމީ ޖިހާދަކަށް ކަމަށް ވިދާޅުވި އެވެ.