Roadha Mihaaru
އީޔޫ ޕާލިމެންޓުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާކުރަނީ

އީޔޫ ޕާލިމެންޓުގައި ރާއްޖެއާ ބެހޭ ގޮތުން މާދަމާ މަޝްވަރާކުރަނީ

14 މާޗް 2018

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފަނޑިޔާރުންނާއި އިދިކޮޅު ބޭފުޅުން ހައްޔަރުކުރާ މައްސަލާގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ވަނިކޮށް ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖެއާ ބެހޭ ގޮތުން މާދަމާ މަޝްވަރާކޮށް ގަރާރެއް ފާސްކުރަން އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފަނޑިޔާރުންނާއި އިދިކޮޅު ބޭފުޅުން ހައްޔަރުކުރާ މައްސަލާގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ވަނިކޮށް ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖެއާ ބެހޭ ގޮތުން މާދަމާ މަޝްވަރާކޮށް ގަރާރެއް ފާސްކުރަން އެޖެންޑާކޮށްފި އެވެ.

ފްރާންސްގެ ސްޓްރަސްބާގްގައި ބާއްވާ މި ބައްދަލުވުމުގައި އީޔޫ އަށް ހުށަހަޅާ ގަރާރު ސްޕޮންސާކޮށްފައި ވަނީ ހަތް ގައުމެއްގެ ޕާލަމެންޓްރީ ގްރޫޕަކުންނެވެ. އެ ގަރާރުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ކުރިން ގޮވާލި ގޮވާލުންތައް ތަކުރާރު ކުރާނެ އެވެ.

އެގޮތުން ސުޕްރީމް ކޯޓާއި ރާއްޖޭގެ އެހެން ކޯޓުތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމާއި ރައްޔިތުންގެ މަޖިލީހަށް މިނިވަންކަމާ އެކު، ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ މިނިވަން ކަން ދިނުމާއި ނޫސްވެރިންނަށް މިނިވަން މާހައުލެއް ގާއިމުކުރަން ގޮވާލާނެ އެވެ.

މި ގަރާރު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ މެންދުރުފަހު 2:30 ގަ އެވެ. ގަރާރަށް ވޯޓަށް އަހާނީ ހަވީރު 4:30 ގަ އެވެ.

އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން "މިހާރު" އަށް ވިދާޅުވީ އީޔޫ ޕާލަމެންޓްގެ ބައްދަލުވުމަކީ "އާދައިގެ މަތިން" މިދިޔަ އަހަރު ވެސް ބޭއްވި ކަހަލަ ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި އެންމެ ފަހުން އީޔޫ އިން ފާސްކުރި ގަރާރުގައި ހުރި ކަންކަން ތަކުރާރު ކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ ތަންފީޒުކުރަން ލާޒިމުވާ ކަންތައްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ ބަޔާނަކަށް ނުވާނެ،" ޝިއާން ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ރަނގަޅުނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ މިދިޔަ މަހުގެ 26 ވަނަ ދުވަހު ޔޫރަޕިއަން ކައުންސިލުން ވަނީ އިންޒާރު ދީފަ އެވެ. ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށް އެ އަމުރުގައި ބުނާ އެންމެން މިވަންކުރުމަށް ގޮވާލައިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ޔޫރަޕިއަން ޕާލަމެންޓްގައި ބޭއްވި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގަމުންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށާއި ގައުމުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވެއްޖެ ކަމަށެވެ. އަދި ނޫސްވެރިންނަށާއި ސިޔާސީ ލީޑަރުންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ކުއްލި ހާލަތު އިއުލާނު ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އޮތީ ދީފަ އެވެ. އެކަމަކު، ސަރުކާރުން ބުނަނީ ރާއްޖެއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި 41 ގައުމަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައިފަ އެވެ. އެކަމަކު، ސަރުކާރުން ބުނަނީ އެ ބަޔާނުގައި ހުރީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.