Roadha Mihaaru
ރާއްޖެއާ މެދު އީޔޫ އިން މާދަމާ ގޮތެއް ނިންމަނީ

ރާއްޖެއާ މެދު އީޔޫ އިން މާދަމާ ގޮތެއް ނިންމަނީ

25 ފެބުރުއަރީ 2018

ރާއްޖެއާ މެދު ގޮތެއް ކަނޑައެޅުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނައިފި އެވެ.

ރާއްޖެއާ މެދު ގޮތެއް ކަނޑައެޅުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނައިފި އެވެ.

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގެ މި ބައްދަލުވުމުގެ އެޖެންޑާގައި ބުނެފައިވާ ގޮތުން ރާއްޖެއާ މެދު ނިންމުންތަކެއް ނިންމާނީ ބަހުސްކުރުމަކާ ނުލަ އެވެ. ރާއްޖޭގެ އިތުރުން މިއަންމާ އާއި ކެމްބޯޑިއާއާ މެދު ގޮތެއް ނިންމުން ވެސް މާދަމާގެ އެޖެންޑާގައި އެބަ އޮތެވެ.

ރާއްޖޭ ގަޑިން މާދަމާ މެންދުރު ފަހު 1:00 އަށް އެޖެންޑާ ކޮށްފައިވާ މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދިއެއް ނޭނގެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އީޔޫން ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ހައްޔަރުކުރާތީ އާއި ގައުމުން ބޭރުގައި އުޅެން މަޖުބޫރު ކޮށްފައިވާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި، ސިޔާސީ ބޭފުޅުންނާއި ތަހުގީގުތައް މިނިވަން ކުރުމަށާއި ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ނުފޯރުވުމަށާއި ރިޔާސީ އިންތިޚާބުގައި ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއަކުން ކަނޑައަޅާ މީހަކަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައި ވެ އެވެ. އަދި ރާއްޖޭގެ ވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށާއި ޔޫރަޕްގެ ވިޔަފާރީގެ ގުޅުންތަކާއި އެހީތައް ރިވިއުކުރުމަށް ވެސް ގަރާރުގައި ގޮވާލާފައި ވެ އެވެ.

އީޔޫ ކައުންސިލްގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި މި ވަނީ މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސިޔާސީ މަސްރަހު ހަލަބޮލިވެ ފިއްތުންތައް އިތުރުވެފައި ވަނިކޮށެވެ. އިދިިކޮޅު ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނޭ ގޮތަށް، ނުވަ ގައިދީއަކު މިނިވަންކުރުމަށް ކުރި އަމުރު ސަރުކާރުން ތަންފީޒު ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ ކުރީގެ އަމުރުން ބައެއް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަކީ ވެރިކަން ވައްޓާލަން ރޭވި ބަޣާވާތެއް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ގިނަ ގައުމުތަކުން އަންނަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.