15 މާޗް 2018
އީޔޫ ޕާލަމެންޓުން ރާއްޖެއާ ގުޅޭ ގޮތުން މިއަދު ނެރުނު ގަރާރުގައި ރައްޔިތުން ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށާއި ގަރާރު ތަންފީޒު ކުރުން ކޮންމެހެން ސަރުކާރަށް ލާޒިމް ނޫން ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
އީޔޫ ޕާލަމެންޓުން ރާއްޖެއާ ގުޅޭ ގޮތުން މިއަދު ނެރުނު ގަރާރުގައި ރައްޔިތުން ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށާއި ގަރާރު ތަންފީޒު ކުރުން ކޮންމެހެން ސަރުކާރަށް ލާޒިމް ނޫން ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި ބޭއްވި އީޔޫ ޕާލަމެންޓްގެ ބައްދަލުވުމުގައި ނެރުނު ގަރާރުގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު އީޔޫ ކައުންސިލުން ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައިފަ އެވެ.
މި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ޝިއާން ވިދާޅުވީ އީޔޫ ޕާލަމެންޓްގެ ގަރާރުގައި މައިގަނޑު ގޮތެއްގައި އޮތީ މީގެ ކުރިން ނެރުނު ގަރާރުތަކުގައި ފާހަގަ ކުރި ކަންކަން ކަމަށެވެ. އަދި ގަރާރުގައި ދަތި ކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭގޮތުން އިތުރު ކަންކަން ހިމެނުމަށް މަސައްކަތް ކުރި ނަމަވެސް، އީޔޫ ޕާލަމެންޓުން ގަރާރު ފާސް ކުރިއިރު، އެ ކަންކަން ހިމަނާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީޔޫ ޕާލަމެންޓުން ގަރާރެއް ފާސްކުރިޔަސް، ރާއްޖެ އަކީ މިނިވަން ގައުމަކަށް ވާތީ، ދިވެހިންގެ ކަންކަން ނިންމަން ވާނީ ދިވެހިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، އެކަމަކު އެ މީހުން އަޑު އަހައި، މަޝްވަރާ ކުރާނެ ކަމަށް ޝިއާން ވިދާޅުވި އެވެ.
އޭނާ މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ ރާއްޖެއާ މެދު ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެ ހިސާބަށް ރާއްޖޭގެ ކަންކަން ނުދާ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ. އަދި އީޔޫގެ ޕާލަމެންޓުގެ ގަރާރަކީ "ސީރިއަސްކޮށް" ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އީޔޫ ކައުންސިލުން ރާއްޖެއާ ގުޅޭގޮތުން ކަމެއް ނިންމައިފިނަމަ، އެކަން ސީރިއަސްކޮށް ނަގާނަން. އެކަމަކު، ޕާލަމެންޓުން ނިންމާ ނިންމުން މުހިންމެއް ނޫން،" ޝިއާން ވިދާޅުވި އެވެ.
އީޔޫ ޕާލަމެންޓްގެ ގަރާރުގައި އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅިފައިވާ ވިޔަފާރިވެރިންގެ މުދާ އީޔޫގެ ގައުމުތަކުން ހިފެހެއްޓުމާއި ދަތުރުކުން މަނާކުރުން ހިމަނާފައިވެ އެވެ. އެކަމަކު، 2015 ގައި ނެރުނު ގަރާރުގައި ގޮވާލީ އީޔޫގެ ގައުމުތަކުން ފިޔަވަޅު އަޅައި ދިނުމަށެވެ. އީޔޫ ޕާލަމެންޓުން މިއަދު ވަނީ ސަރުކާރާ ގުޅިފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ދިނުމަށް ކައުންސިލްގައި އެދިފަ އެވެ.
އެހެންވެ، ސަރުކާރާ ގުޅިފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު މިހާރު އޮތީ އީޔޫ ކައުންސިލަށެވެ.
ޝިއާން ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓްގެ ގަރާރުގައި ދައުލަތަށާއި ސަރުކާރަށް ގެއްލުންވާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ޔޫރަޕިއަން ޕާލަމެންޓްގެ ގަރާރުގައި ފާހަގަ ކޮށްފައި ވަނީ ވަކިވަކި ފަރުދުންގެ މައްޗަށް ފިޔަވަޅު އަޅާ ވާހަކަ ކަން ޝިއާން ވެސް ފާހަގަކުރެއްވި އެވެ. އެކަމަކު، ރާއްޖޭގެ އެއްވެސް މީހަކާ ދެކޮޅަށް އީޔޫ ކައުންސިލުން ފިޔަވަޅު ނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އީޔޫ ކައުންސިލުން ކުރިން ނެރުނު ބަޔާނުގައި ވަނީ އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް. އެގޮތުން ތިމާވެއްޓާއި ކައުންޓަ ޓެރަރިޒަމް ދާއިރާ އިން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް. މި އަހަރު ރިޔާސީ އިންތިހާބު އޮންނާތީވެ، މޮނިޓަރިން ކަންކަން ކުރަމުންދާނެ ކަމަށް. ޖުޑިޝަރީ ވަރުގަދަ ކުރުމުގެ ކަންކަން ކުރަމުން މިދަނީ އީޔޫއާ ގުޅިގެން،" ޝިއާން ވިދާޅުވި އެވެ.
ޝިއާން ވިދާޅުވީ އީޔޫ ޕާލަމެންޓުން ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދެކޮޅަށް ގަރާރުތައް ހުށަހަޅައިގެން ފާސްކޮށްފައި އެބަހުރި ކަމަށެވެ. އެހެންވެ، އެފަދަ ގަރާރުތައް ހުށަހަޅައިގެން ފާސް ކުރަނީ ރާއްޖެއާ ދެކޮޅަށް އެކަނި ނޫން ކަމަށާއި އެ ޕާލަމަންޓުން އެތައް ގަރާރެއް އަބަދުވެސް ފާސްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިއާން ވިދާޅުވި ގޮތުގައި އީޔޫ ޕާލަމަންޓަށް ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވީ އެ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ 751 މެމްބަރުންގެ ތެރެއިން މަދު މެމްބަރުންތަކެކެވެ. އެގޮތުން އެ ގަރާރަށް ބަހުސް ކުރިއިރު، ޕާލަމެންޓްގައި ތިއްބެވީ އެންމެ ވިއްސަކަށް މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އީޔޫ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީޔޫ އޮތީ ރާއްޖެ އަށް އެހީތެރިވެ ދިނުމަށް އަބަދުވެސް ތައްޔާރަށް ކަމަށް ވެސް ސަފީރު ޝިއާން ވިދާޅުވި އެވެ.
ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫ ކައުންސިލްގައި އެދެފި
އީޔޫ ޕާލިމެންޓުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާކުރަނީ
ރާއްޖެއާ މެދު އީޔޫ އިން މާދަމާ ގޮތެއް ނިންމަނީ
ގަރާރު އޮތީ ވަކިކޮޅަކަށް ބުރަވެފައި: ސަރުކާރު
ރާއްޖެއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅެއް ނާޅާނެ: ސަފީރު
ރާއްޖެއަށް ފިޔަވަޅުއެޅުން ލަސްވެއްޖެ: އީޔޫގެ މެންބަރުން
އީޔޫ ޕާލަމެންޓް މެމްބަރުންތަކެއްގެ ޝަކުވާ އީޔޫ އަށް
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!