Roadha Mihaaru
މިއީ އަދި އެންމެ މޮޅު ކުޅުމެއް ނޫން: ދަގަނޑޭ

މިއީ އަދި އެންމެ މޮޅު ކުޅުމެއް ނޫން: ދަގަނޑޭ

14 މާޗް 2018

އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ފަރާތުން ވެސް އަދި އޭނާގެ ފަރާތުން ވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ފަރާތުން ވެސް އަދި އޭނާގެ ފަރާތުން ވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

މިއަދުގެ މެޗުގައި ހެޓްރިކް ހެދި އުމުރުން 32 އަހަރުގެ ފޯވާޑް ބުނީ ފުރަތަމަ ހާފުގައި ފެނުނީ ދަށް ކުޅުމެއް ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި އެންމެންގެ ހިތްވަރުން އެކަން ބަދަލުކުރި ކަމަށެވެ.

"އެންމެ ވަރުގަދައަށް އަދި ހިތްވަރެއް ނުކުރެވޭ. އަޅުގަނޑުގެ އެންމެ ބެސްޓެއް ވެސް ނުދެވޭ އަދި. އެކަމަކު އަދި އެކަން ވަރަށް ބޮޑަށް ރަނގަޅުވާނެ. މިއަދުގެ މި މޮޅަކީ ޓީމުގެ މަސައްކަތް،" ދަގަނޑޭ ބުންޏެވެ.

ނިއު މިއަދު މޮޅުވީ އިންޑިއާގެ ލީގު ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި އައިޒޯލުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރަ އެވެ.

ދަގަނޑޭ ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަގަނޑޭ ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަގަނޑޭ ބުނީ ހެޓްރިކް ހެދުނު ނަމަވެސް އެންމެ އުފާވަނީ ޓީމު މޮޅުވުމުން ކަމަށާއި އެ ޓީމުގެ އަމާޒަކީ އޭއެފްސީ ކަޕުގެ ހުރިހާ މެޗެއް ކާމިޔާބުކުރުން ކަމަށެވެ.

"ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މޮޅުވާން. ކޯޗުގެ (ރޭވުމާއެކު) ބެންގަލޫރު މެޗުން ވެސް ތިން ޕޮއިންޓް ހޯދަން ނުކުންނާނީ،" ދަގަނޑޭ ބުންޏެވެ.

އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ވާދަވެރިކަމުގައި އިންޑިއާގެ މައްޗަށް ކުރި ހޯދުމަކީ އަބަދުވެސް ފުޓްބޯޅައިގައި ދިވެހިންނަށް ލިބޭ އުފަލެކެވެ. އެކަމަކު ދަގަނޑޭ ބުނީ ވަކި އިންޑިއާ ޓީމަކަށް ވުމުން ހާއްސަ ނުވާ ކަމަށާއި ކޮންމެ ޓީމެއްގެ އަތުން ވެސް ތިން ޕޮއިންޓް ލިބިއްޖެ ނަމަ ފުދޭނެ ކަމަށެވެ.