Roadha Mihaaru
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!

ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!

16 މެއި 2018

އިންޑިއާގެ އާސާމުގައި މިރޭ އެ ގައުމުގެ އައިޒޯލް އެފްސީއާ ދެކޮޅަށް ރާއްޖޭގެ ނިއު ރޭޑިއަންޓް ނުކުންނައިރު ބޮޑު ކާމިޔާބަކާ އެ ޓީމާ ދެމެދު އޮތީ ފިޔަވަޅެއްގެ ދުރުމިނެކެވެ. އެ ފިޔަވަޅު ސީދަލަށް އަޅައިފި ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ އެއް ވަނަ ލިބި އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުން ނިއު އަށް ފުރުސަތު ލިބޭނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއާގެ އާސާމުގައި މިރޭ އެ ގައުމުގެ އައިޒޯލް އެފްސީއާ ދެކޮޅަށް ރާއްޖޭގެ ނިއު ރޭޑިއަންޓް ނުކުންނައިރު ބޮޑު ކާމިޔާބަކާ އެ ޓީމާ ދެމެދު އޮތީ ފިޔަވަޅެއްގެ ދުރުމިނެކެވެ. އެ ފިޔަވަޅު ސީދަލަށް އަޅައިފި ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ އެއް ވަނަ ލިބި އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުން ނިއު އަށް ފުރުސަތު ލިބޭނެ އެވެ.

ނޫ ޓީމަކީ މިހާތަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ރާއްޖޭގެ ހަމައެކަނި ޓީމެވެ. ނިއު އިން 2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނުއިރު 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ. އޭގެ ކުރިއަށް ޖެހިލާއިރު 1995 ވަނަ އަހަރު އޭޝިއަން ކަޕްވިނާސް ކަޕުގެ ކުއާޓާ ފައިނަލުގައި އަދި 1996 ވަނަ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ކުއާޓާގައި ވާދަކުރި އެވެ.

ގުވާގަޓީގެ އިންދިރާ ގާންދީ އެތުލެޓިކްސް ސްޓޭޑިއަމުގައި މިރޭ އައިޒޯލާ ދެކޮޅަށް ކުޅޭ މެޗުން ނިއު އަށް ދެ ވަނަ ބުރަށް ދިއުމަށް ބޭނުންވަނީ މޮޅެކެވެ. އެކަމަކު މިރޭ ހަމަ އެގަޑީގައި ޑާކާ އަބަހާނީ އާއި ބެންގަލޫރު ކުޅޭ މެޗުން ބެންގަލޫރު ބަލިވެއްޖެ ނަމަ، ނިއު މިރޭ ބަލިވިޔަސް ދެ ވަނަ ބުރަށް ދާނެ އެވެ. އަދި އަބަހާނީ އާއި ބެންގަލޫރުގެ މެޗު އެއްވަރުވެއްޖެ ނަމަ ނިއު އަށް އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދެވޭނެ އެވެ.

ނިއު އާއި ބެންގަލޫރު 12 ޕޮއިންޓް ލިބިފައިވާއިރު ނިއު އެއް ވަނައިގައި އޮތީ މި ދެ ޓީމު ކުޅުނު ދެ މެޗުގެ އެގްރިގޭޓުން ކުރި ލިބޭތީ އެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތް އަބަހާނީ އާއި އެއް ޕޮއިންޓާ އެކު ފުލުގައި އޮތް އައިޒޯލް ވަނީ ކަޓައިފަ އެވެ.

"އެންމެ ފިޔަވަޅެއް އެކަމަކު މިއީ ބޮޑު ފިޔަވަޅެއް"

"އަހަރެމެން ވަރަށް ރަނގަޅަށް ތައްޔާރުވެއްޖައިން. ތިން ދުވަސް ކުރިން މިތަނަށް އައިސްފިން. ރަނގަޅު، އަހަރެމެން މިއޮތީ އެންމެ ފިޔަވަޅެއް ދުރުގައި. އެކަމަކު އެ ފިޔަވަޅަކީ ވަރަށް ބޮޑު ފިޔަވަޅެއް،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުންޏެވެ.

ސަބަބެއްގެ ގޮތުގައި އޭނާ ބުނީ މިއީ ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗަކަށް ވުމާއި އައިޒޯލަށް ހާއްސަކޮށް އެ ޓީމުގެ ކޯޗު ސަންތޯޝް ކަޝްޔަޕަށް ކުރާ އިހުތިރާމް ކަމަށެވެ. ކަޝްޔަޕަކީ އިންޑިއާގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗުކަމަށް އިޝާރާތްކޮށް އޮސްކާ ބުނީ އެ ޓީމުން ނިއު އަށް ޖައްސާނީ އުނދަގޫ މެޗެއް ކަމަށާއި އެއްވެސް ގޮތަކަށް ފަސޭހަ ވެދާނެ ކަމަށް ނުވިސްނާ ކަމަށެވެ.

"އެކަމަކު ކޮންމެ ގޮތެއް ވިޔަސް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެންގެ ގޭމް ކުޅެފި ނަމަ މަޑުމަޑުން މެޗުގެ ބެލެންސް އަހަރެމެން ކޮޅަށް އަންނާނެ. އަހަރެން ގަބޫލުކުރަނީ ވަރުގަދަ ސްކޮޑް އޮތީ ނިއުގައި ކަމަށް،" އޮސްކާ ބުންޏެވެ.

މި ދެ ޓީމު މާލޭގައި ކުޅުނު މެޗުން ފަހަތުން އަރައި ނިއު މޮޅުވީ 3-1 އިންނެވެ. އޮސްކާ ބުނީ ނިއު އިން ކުޅޭ ގޮތާ މެދު ޓީމުގެ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި އިދިކޮޅަށް ނުކުންނަ ޓީމުގެ ކުޅުމަށް ބަލައި ނިއުގެ ގޭމަށް މާބޮޑު ބަދަލެއް ގެންނަން ނުޖެހޭކަން ވެސް އޭނާ ފާހަގަކުރި އެވެ.

"އަހަންނަށް ހީވަނީ މޮޅު ޓީމެއްގެ ފެށުމަކީ އެއީހެން. އަމިއްލަ ކުޅުމުގެ ސްޓައިލެއް އޮވެ އެ ސްޓައިލް ދެމެހެއްޓެންޏާ، އެއީ މޮޅެތި ޓީމުތައް ބައްޓަންވެފައި އޮންނަން ޖެހޭނެ ގޮތަކީ. އަހަރެމެންނަކީ ގިނަ ވަގުތު ބޯޅަ ގެންއުޅެ މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅޭ ޓީމެއް. ބައެއް ފަހަރު ކައުންޓާ އެޓޭކް ކުރަން ހުސް ޖާގަ ހޯދަން ފަހަތަށް ވެސް ޖެހެން. އެކަން ބިނާވާނީ މެޗުގެ ހާލަތަށް،" އޮސްކާ ބުންޏެވެ.

ޑާކާ އަބަހާނީ އަތުން 5-1 އިން މޮޅުވި މެޗަށް ނުކުތް ނިއުގެ ފުރަތަމަ އެގާރަ: މިރޭ ވެސް ނުކުންނާނީ މި ފުރަތަމަ 11 ކަމަށް ބެލެވޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޑާކާ އަބަހާނީ އަތުން 5-1 އިން މޮޅުވި މެޗަށް ނުކުތް ނިއުގެ ފުރަތަމަ އެގާރަ: މިރޭ ވެސް ނުކުންނާނީ މި ފުރަތަމަ 11 ކަމަށް ބެލެވޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ މެޗުގެ މުހިއްމުކަމެއް އައިޒޯލަށް ނެތެވެ. އެ ޓީމު މުބާރާތުން ކަޓާފައިވާއިރު މިއީ ސީޒަނުގެ ވެސް ފަހު މެޗެވެ. އެކަމަކު އޮސްކާ ދެކޭ ގޮތުގައި އައިޒޯލަށް މެޗުގެ މުހިއްމުކަމެއް ނެތުމަކީ ނިއު އަށް ކުރިމަތިވެދާނެ ނުރައްކަލެކެވެ.

"ސަބަބަކީ ޓެކްޓިކްސް އަށް އެއްވެސް ވަރަކަށް ވިސްނަން ނުޖެހި ހަމަ އަރާ ކުޅެލަން މި ޖެހެނީ އައިޒޯލަށް. އަނެއްކާ އެ ޓީމުން ބޭނުންވާނެ ތިން ޕޮއިންޓާ އެކު ސީޒަން ނިންމާލަން އޭއެފްސީ ކަޕުގައި އެކަން ކުރެވިފައި ނެތުމާ ވެސް އެކު. އަހަރެމެން ތިބޭނީ އެކަމާ ސަމާލުވެގެން. އަހަރެމެންގެ އިތުބާރު މަތިވެގެން ނުދާނެ. އެކަމަކު ފުރަތަމަ މިނެޓުން ފެށިގެން ވެސް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން،" އޮސްކާ ބުންޏެވެ.

ނިއު އިން ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ހޯދީ ގަދަގަދަ ބެންގަލޫރު އަތުން މާލޭގައި 2-0 އިން މޮޅުވެގެންނެވެ. އޮސްކާ ބުނީ އެ ހިސާބުން ފެށިގެން އަމާޒަކަށް ހެދީ ބާކީ ދެ މެޗު ކާމިޔާބުކޮށްގެން ސީދާ އަމިއްލަ ބާރުގައި ދެ ވަނަ ބުރަށް ދާން ކަމަށާއި މިހިސާބުން އެ ފުރުސަތު ގެއްލުވާލެވެން ނޯންނާނެ ކަމަށެވެ.

"ފުރަތަމަ ފިޔަވަޅު އަޅައިފިން މީގެ ދެ ހަފުތާ ކުރިން ޑާކާ އަބަހާނީ އަތުން މޮޅުވެގެން. ދެން މިއޮތީ ފަހު ފިޔަވަޅު. އެކަމަކު އެންމެ ބޮޑު ފިޔަވަޅު ވެސް މެ. މި ފުރުސަތު ގެއްލުވާލެން ނެތް،" އޮސްކާ ބުންޏެވެ.

ނިއުގެ ޑިފެންޑަރު އަކްރަމް އަބްދުލްގަނީ ބުނީ ފަހު ފިޔަވަޅު އަޅަން ޓީމު އޮތީ ތައްޔާރުގައި ކަމަށާއި ރަނގަޅު މެޗެއް ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"މޫސުމުގެ މައްސަލައެއް ނެތް. ރާއްޖެއާ ދާދި އެއްގޮތް. އެހެންވެ އެ އުނދަގުލެއް ނުވާނެ،" އަކްރަމް ބުންޏެވެ.

ނިއު އާއި އައިޒޯލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:15 ގަ އެވެ.