Roadha Mihaaru
ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ

ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ

25 އެޕްރީލް 2018

އޭއެފްސީ ކަޕްގައި މިއަދު ހަވީރު އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވީ މުޅި ޓީމު ދެއްކި ހިތްވަރުން ކަމަށް ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގައި މިއަދު ހަވީރު އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވީ މުޅި ޓީމު ދެއްކި ހިތްވަރުން ކަމަށް ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.

މިއީ ރާއްޖޭގެ ކްލަބަކުން ބެންގަލޫރުގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ބެންގަލޫރުން ދިޔައީ 100 ޕަސެންޓް ރެކޯޑެއް ދަމަހައްޓަމުންނެވެ. ބެންގަލޫރު އަތުން މާޒިޔާ ހަތަރު ފަހަރު ބަލިވެފައިވާއިރު ޓީސީ ދެ ފަހަރު އަދި ނިއު ވަނީ އެއް ފަހަރު ބަލިވެފަ އެވެ.

މި މެޗުގައި ނިއު މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭ އެވެ. ނިއުގެ ފުރަތަމަ ލަނޑު ޖަހަން އަލީ ފާސިރު (ސެންޓޭ) އަށް ފުރުސަތު ތަނަވަސްކޮށްދިނީ ދަގަނޑޭ އެވެ. އޭގެ ފަހުން ދެ ވަނަ ލަނޑު ޖެހީ ވެސް އޭނާ އެވެ.

މެޗަަށް ފަހު ދަގަނޑޭ ބުނީ މުޅި ޓީމު ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށެވެ.

"އިންޝާ ﷲ. މިއީ ހަމަ މުޅި ޓީމުގެ ހިތްވަރު. މިއީ މުޅި ޓީމުން އެކުގައި ހޯދި ކާމިޔާބެއް،" ދަގަނޑޭ ބުންޏެވެ.

ބެންގަލޫރު ވަނީ އިންޑިއަން ސުޕަ ލީގުގެ ލީގު ބުރު ނިމުނުއިރު، އެއް ވަނަ ހޯދައިފަ އެވެ. އަދި އެ ޓީމު ވަނީ މިދިޔަ ހުކުރު ދުވަހު އިންޑިއަން ސުޕަ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

"މަސައްކަތް ކޮށްފިއްޔާ ކިތަންމެ ގަދަ ޓީމެއް ވެސް ބަލިކުރެވޭނެ،" ދަގަނޑޭ ބުންޏެވެ.

މެޗުގެ ކުރިން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ މި މެޗަކީ ދެކުނު އޭޝިއާގެ އެންމެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ދަގަނޑޭގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މި މޮޅާ އެކު ދަގަނޑޭ ވަނީ ކްލަބް ލެވެލްގައި ޗެތުރީގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިފަ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ދަގަނޑޭ ވަނީ މާލޭގައި ކުޅުނު ދެ މެޗުގައި އިންޑިއާގެ އައިޒޯލް އާއި ބެންގަލޫރު ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. ނިއު އަށް އޭއެފްސީ ކަޕްގައި ދެން އޮތީ މާލޭގައި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މޮޅާ އެކު ނިއު އެއް ވަނަ އަށް އެރީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ނިއު އަށް ކުރިލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. މި ގްރޫޕުން އަނެއް ބުރަށްދަނީ އެއް ވަނަ އަށްދާ ޓީމު ކަމަށްވާއިރު، ބެންގަލޫރު އަތުން ހޯދި މޮޅާ އެކު އޭއެފްސީ ކަޕްގެ ތާރީހުގައި ތިން ވަނަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ ފުރުސަތު ނިއު އަށް ވަނީ ބޮޑުވެފަ އެވެ.