Roadha Mihaaru
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ

ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ

03 މެއި 2018

އަލީ އަޝްފާގް (ދަގަނޑޭ) އެހުރީ ފޯމުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގައި ކަމަށާއި އޭނާ ދައްކަމުން ކުޅުމާ އެކު، ގައުމީ ޓީމު ވަށައިގެން އެނބުރޭ ވާހަކަތަކަށް މެސެޖެއް ލިބޭނެ ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަލީ އަޝްފާގް (ދަގަނޑޭ) އެހުރީ ފޯމުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގައި ކަމަށާއި އޭނާ ދައްކަމުން ކުޅުމާ އެކު، ގައުމީ ޓީމު ވަށައިގެން އެނބުރޭ ވާހަކަތަކަށް މެސެޖެއް ލިބޭނެ ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

ބޫޓާނާ ދެކޮޅަށް މިދިޔަ މާޗު މަހު ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުން ކޯޗު ޕީޓާ ސެގާޓް ވަނީ އޭނާ ޓީމުން ބޭރުކޮށްފަ އެވެ. އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 5-1 އިން ނިއު މޮޅުވި މޮޅުވި މެޗަށް ފަހު އޮސްކާ އެ އިޝާރާތްކުރީ ދަގަނޑޭ ގައުމީ ޓީމުން ވަކިކުރުމަށް ކަމަށް ބެލެވެ އެވެ.

އިއްޔެގެ މެޗުގައި ދެ ލަނޑު ޖެހި ފޯވާޑް ވަނީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އޮސްކާއާ އެކު ބައިވެރިވެފަ އެވެ. އިއްޔެގެ މެޗުގައި އަލީ ފާސިރު (ސެންޓޭ) ހެޓްރިކެއް ހެދިއިރު ކޯޗު ބުނީ ދަގަނޑޭ ލައްވާ ވެސް ހެޓްރިކެއް ހަދުވަން ބޭނުންވި ކަމަށާއި އެކަން ކުރެވޭ ވަރަށް ފުރުސަތު ލިބުނު ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ދަގަނޑޭ ދެ ލަނޑު ޖެހި. ސެންޓޭ ތިން ލަނޑު ޖެހި. މިއީ ގައުމީ ޓީމު ވަށައިގެން އެނބުރޭ ވާހަކަތަކަށް ވެސް ލިބުނު މެސެޖެއް. ހިނގާ ބަލަމާ ކާކުތޯ ތައްޔާރީ، ކާކުތޯ ތައްޔާރުނުވީ. ދަގަނޑޭ އަކީ ތަފާތު މޮޅު ކުޅުންތެރިޔެއް. ވަރަށް ގިނަ އަހަރު ކުރިން ވެސް އަހަރެން ދަގަނޑޭގެ މެޗުތައް ބެލިން. އަހަންނަށް އިހުސާސްކުރެވެނީ ދަގަނޑޭ މިހާރު އެހެރީ ފޯމުގެ ގޮތުން ބަލާއިރު އެންމެ މަތީގަޔޭ،" މި ސީޒަނުގައި 12 ލަނޑު ޖަހާފައިވާ ފޯވާޑާ ބެހޭގޮތުން އޮސްކާ ބުންޏެވެ.

އޭނާ ބުނީ ދަގަނޑޭއާ ބެހޭގޮތުން ދެކެވޭ ވާހަކަތަށް އޭނާ އަށް ނުވިސްނޭ ކަމަށާއި ދަގަނޑޭ އަކީ އޭނާ ދެކޭ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"އެއީ ބަހުސްކުރަންވީ ކަމަކީ. ދަގަނޑޭ މި ޓީމުގައި ހުރުމަކީ އަހަރެމެންގެ ނަސީބު،" އޮސްކާ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ދަގަނޑޭ ބުނީ މި މޮޅަކީ އެންމެންގެ މަސައްކަތް ކަމަށެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ގޯލެއް ވަން ނަމަވެސް، މެޗުގެ ނަތީޖާ އަނބުރާލީ އެންމެންގެ މަސައްކަތުކަން އޭނާ ފާހަގަކުރި އެވެ.

ގްރޫޕުގެ އެއް ވަނައިގައި 12 ޕޮއިންޓާ އެކު ނިއު އޮތްއިރު، ފަހު މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ރަށުން ބޭރުގައި އިންޑިއާގެ އައިޒޯލް އަތުން މޮޅުވެގެން ނިއު އަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ. އަދި އެ ދުވަހު އަބަހާނީ އާއި ބެންގަލޫރު ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން، އައިޒޯލް އަތުން ނިއު ބަލިވިޔަސް ނުވަތަ އެއްވަރުވިޔަސް ފުރުސަތު ލިބިދާނެ އެވެ.

"ކޯޗު ބުނިހެން މަސައްކަތްކޮށްގެން، އައިޒޯލް ބަލިކޮށްގެން، ދާން ބޭނުންވަނީ. އެހެން ޓީމަކަށް ވިސްނާކަށް (ބޭނުމެއް ނޫން)،" ދަގަނޑޭ ބުންޏެވެ.

އޮސްކާ ބުނީ އޭއެފްސީ ކަޕަކީ އޭނާގެ ޓީމުގެ މުބާރާތަކަށް ހެދުމަށް ފެށުނީއްސުރެ ދެކެމުން އަންނަ ހުވަފެން ތެދުކުރަން ދެން އޮތީ އެންމެ ފިޔަވަޅެއް ކަމަށާއި އެކަމަކު އަދިވެސް މަސައްކަތް އޮތީ ކަމަށެވެ.

"މިއަދުގެ މި މޮޅު ފާހަގަކޮށްލާފައި ފަހު ފައިނަލަށް ދެން ތައްޔާރުވާންވީ. ކޮންމެ ހަފުތާއެއްގައި އަހަންނަށް މި ޓީމުން ކުރިއެރުން އެބަފެނޭ. އަހަރެން ވަރަށް އުފާވޭ މިއަދުގެ ނަތީޖާއާ މެދު އަދި ކުޅުމާ މެދު އެޔަށް ވުރެ ބޮޑަށް އުފާވޭ،" އޮސްކާ ބުންޏެވެ. "ކުޅުންތެރިން މެޗަށް ދިން ސަމާލުކަމާއި، ކުރި ބުރަ މަސައްކަތާއި، ދެއްކި ރޫހާއި ހިތްވަރު އަދި ބެހެއްޓި ވިސްނުން. ތައުރީފް ހައްގު."

އޭނާ ބުނީ މާލީ ގޮތުން ބަލާއިރު ބެންގަލޫރަކީ ފޭވަރިޓަށް ވެދާނެ ކަމަށާއި އެކަމަކު ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތާއި މޮޅުވާން ބޭނުންވާ މިންވަރަށް ބަލާއިރު އޭނާގެ ޓީމަކީ ވެސް ފޭވަރިޓަށް ވެދާނެ ކަމަށް ބުނެވޭނެ ޖާގަ އެބައޮތް ކަމަށެވެ.