Roadha Mihaaru
އަމްޖަދު ބްރޯޑްކޮމްއަށް އައްޔަންކޮށްފި

އަމްޖަދު ބްރޯޑްކޮމް އަށް އައްޔަންކޮށްފި، ނައިބު ރައީސަކަށް ސަފްވާން

15 މާޗް 2018

ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ވަހީދު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރު ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ވަހީދު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރު ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

މީގެ ކުރިން ދިޓީވީ އާއި ވީޓީވީގައި ވެސް މަސައްކަތް ކުރައްވައިފައިވާ އަމްޖަދު ބްރޯޑްކޮމް އަށް އައްޔަން މި ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ އިން އޭނާ އަށް ރުހުން ދިނުމުންނެެވެ. އެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ބްރޯޑްކޮމް އަށް އަމްޖަދު އައްޔަން ކުރަން ނިންމީ، މިހާރު އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ. ބްރޯޑްކޮމް އަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ފަސް ނަމުގެ ތެރޭގައި އަސްލަމްގެ ނަން ވެސް ހިމެނެ އެވެ.

ނަމަވެސް، ރައީސް އިސްކަން ދެއްވި ތަރުތީބުން މި ލިސްޓުގެ އެއްވަނަ ލިބުނީ އަމްޖަދަށެވެ.

އަސްލަމް ކުރިން ހުންނެވި ނައިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވާތީ، ބްރޯޑްކޮމުން މިއަދު ބޭއްވި ބައްދަލުވުމުގައި އެ މަގާމަށް ވަނީ ކޮމިޝަންގެ މެމްބަރު އިސްމާއީލް ސަފްވާން އިންތިޚާބު ކޮށްފަ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ރައީސް މުހައްމަދު ޝަހީބު، މެމްބަރު ޒީނާ ޒާހިރު، ހަސަން ނަބާހު، އައިމިނަތު ސަރާހަތު، ފާތިމަތު ޒައިނާ އަދި ސޮފްވާނެވެ. ބްރޯޑްކާސްޓިން ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއް ނަމަވެސް ސަރުކާރު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާތީ އޭގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރެ އެވެ. މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއެޅުމާއި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން، ސިޔާސީ ހަރަކާތްތަކުގައި އުޅޭތީ ފާޑުކިއުން ވެސް ވަނީ އިތުރުވެފަ އެވެ.