Roadha Mihaaru
ދެވަނަ ފުރުސަތުގައި ވެސް ޗެނަލް-13އިން ޖަވާބެއްނުދިން

ދެވަނަ ފުރުސަތުގައި ވެސް ޖަވާބުދާރީވާން ޗެނަލް-13 އިން އުޒުރުވެރިވެއްޖެ

09 ސެޕްޓެމްބަރ 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަަށިކޮޅަށް ގެއްލުންދޭން، ޗެނަލް-13ގެ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު ގޮވާލި މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވާން ދިން ދެވަނަ ފުރުސަތުގައި ވެސް އެކަން ކުރަން އެ ޗެނަލުން އުޒުރުވެރި ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަަށިކޮޅަށް ގެއްލުންދޭން، ޗެނަލް-13ގެ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު ގޮވާލި މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވާން ދިން ދެވަނަ ފުރުސަތުގައި ވެސް އެކަން ކުރަން އެ ޗެނަލުން އުޒުރުވެރި ވެއްޖެ އެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި، ޗެނަލް13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމްގައި، ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތާ މެދު ޕްރެޒެންޓަރު ސުވާލު ކުރުމުން އެ މީހާ ވަނީ މި ވެރިކަން ވަގުތުން ނައްތާލައި، "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.

އެ މީހާ މިހާރު ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ.

މި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައި އެ ކޮމިޝަނަށް ޖަވާބުދާރީވާން ޗެނަލް-13 އަށް އެންގީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ފުރުސަތު ހޯމަ ދުވަހު ހަމަވި އިރު، ފުލުހުން އެ މައްސަލަ ބަލަމުން ދާތީ ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އެ ޗެނަލުން ވަނީ އުޒުރުވެރިވެފަ އެވެ.

ނަމަވެސް އެކަން ބަލައިނުގަނެ ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް އެ ޗެނަލަށް ދިނުމުން ވެސް އެ ޗެނަލުން ވަނީ އުޒުރުވެރި ވެފަ އެވެ. ޗެނަލް-13 ސީއޯއޯ މުހައްމަދު ސަމާހު 'މިހާރު' އަށް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް މިހާރު ތިން މުވައްޒަފުންގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ނުނިމެނީސް ބްރޯޑްކޮމްއަށް ޖަވާބުދާރީވެވެން ނެތް ކަމަށް ވިދާޅުވި އެވެ.

"ދެ އިދާރާއަކުން ދެ މައްސަލައެއް އެއްކޮށް ބެލީމަ އެއް މައްސަލައަކަށް ދެ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑުމެނަށް ޔަގީން ފުލުހުން މިކަމުގަ ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ވެސް ބަލާނެ ކަން. އެހެންވީމަ ފުލުހުންގެ ތަހުގީގު ނިމެންދެން މަޑުކޮށްލަން އަޅުގަނޑުމެން އެދިފައި ވާނީ،" ސަމާހު ވިދާޅުވި އެވެ.

ޗެނަލް-13 އަށް ޖަވާބުދާރީވާން ދިން ދެވަނަ ފުރުސަތުގައި ވެސް އުޒުރުވެރިވެފައިވާއިރު، މި މައްސަލަ ކުރިއަށްދާނީ އުސޫލާ އެއްގޮތަށް ކަމަށާއި ޖަވާބުދާރީ ނުވެއްޖެ ނަމަ ލިބިފައިވާ ހެކިތަކަށް ބަލައި މައްސަލަ ކުރިއަށްގެންދާނެ ކަމަށް ބްރޯޑްކޮމް އިން މީގެ ކުރިން ބުނެފައި ވެއެވެ.