Roadha Mihaaru
ކެމްޕޭނަށް މިނިވަން މާހައުލެއް ހޯދައިދޭނަން: ސަރުކާރު

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިނިވަން މާހައުލެއް ހޯދައިދޭނަން: ސަރުކާރު

15 މާޗް 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކަންކަން މިނިވަންކަމާ އެކު ބޭއްވުމަށް އެއްބާރުލުން ދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކަންކަން މިނިވަންކަމާ އެކު ބޭއްވުމަށް އެއްބާރުލުން ދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި އީޔޫ ޕާލިމެންޓުން މިއަދު ފާސްކުރި ގަރާރާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކަންކަން ހަމަހަމަ ކަމާއި މިނިވަންކަމާ އެކު ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެކަމުގައި އީޔޫ އާއި އެހެން ފަރާތްތަކުގެ އެއްބާރުލުން ބޭނުން ވާ ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ގާނޫނީ ހަމަތައް ދަމަހައްޓަން، އީޔޫން ވެސް ސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރެ އެވެ.

ފްރާންސްގެ ސްޓްރަސްބާގްގައި މިއަދު ބޭއްވި އީޔޫ ޕާލަމެންޓްގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ދިވެހި ރައްޔިތުންގެ ހައްގުތައް އިޔާދަކޮށް ދިނުމަށް ގޮވާލައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ވަނީ ރާއްޖެއާ އެކު މަސައްކަތް ކުރަން ބޭނުންވާކަން ހާމަ ކުރައްވައިފަ އެވެ.

އީޔޫގެ ގަރާރާ ގުޅިގެން، ވަކި ޚާއްސަ ވާހަކަތަކެއް ސަރުކާރުން މިއަދު ބުނެފައެއް ނުވެ އެވެ. ފޮރިން މިނިސްޓްރީގެ ބަޔާނުގައި ހިމަނާފަައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ސަރުކާރުން އާއްމުކޮށް ދައްކާ ވާހަކަތަކެވެ.

އެގޮތުން އެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ގައުމުގެ ސަލާމަތާއި ގާނޫނު ދެމެހެއްޓުމަށެވެ. އަދި މިދިޔަ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމު ކޯޓުން ނެރުނު އަމުރާ ގުޅުން ނެތް މީހަކާ މެދު މި ހާލަތުގައި އަމަލު ނުކުރާނެ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމަން ސަރުކާރުން ވެސް ބޭނުން ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

"ސަރުކާރުން ދެކޭގޮތުގައި ޓެރަރިޒަމާއި ބޮޑެތި ކުށްތަކަކީ ގައުމީ ސަލާމަތަށް ހުރި ބިިރެކެވެ. އަދި މިކަންކަމުން ސަލާމަތްވުމަށް، އީޔޫ އާއި އެހެން ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ސަރުކާރުން މި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ޓެރަރިޒަމުން ރައްކާތެރިވުމަށް މިދިޔަ އަހަރުތަކުގައި ބައެއް ގާނޫނުތައް ހަދާފައިވާކަން ފާހަގަކޮށް، އެ ބަޔާނުގައި ސަރުކާރުން ވަނީ ޓެރަރިޒަމް ނައްތާލުމަށް އީޔޫގެ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ނުތަނަވަސްކަން ކަނޑުވާލެވޭނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ. އެކަމަކު އެ މަޝްވަރާތަކަށް އިދިކޮޅު ޕާޓީތަކުން ބީރު ކަންފަތެއް ދެމުންދާ ކަމަށާއި އެހެންވެ މިކަމުގައި ވެސް އީޔޫގެ އެހީތެރިކަން ބޭނުންވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

ހަތް ގައުމެއްގެ ޕާލަމެންޓްރީ ގްރޫޕަކުން ސްޕޮންސާ ކުރި އީޔޫގެ ގަރާރުގައި ފާހަގަކުރި މުހިންމު ކަންކަމުގެ ތެރޭގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމަށާއި ރައްޔިތުންނަށް ލިބޭ ހައްގުތަކަށް އިހްތިރާމް ކުރުމަށް ގޮވާލައިފަ އެވެ. އަދި ފަހަކަށް އައިސް، ސަރުކާރުގެ އަމަލުތައް ހުރީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށް ކަމަށް އެ ގަރާރުގައިވެ އެވެ.

އީޔޫ ޕާލަމެންޓުން ގޮވާލި ބައެއް ކަންކަން

- ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ދީ، ގާނޫނު ނެގެހެއްޓުމަށް - ނޫސްވެރިންނާއި އިންސާނީ ހައްގުތަކުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ދިނުން - ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުން - ސިޔާސީ ގޮތުން މީހުންނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުން - ގާނޫނީ ވަކީލުންނަށް ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން - ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ސަރުކާރުން މަޝްވަރާތައް ފެށުން