Roadha Mihaaru
މުޒާހަރާ އިން 141 މީހަކު ހައްޔަރުކުރި: ފުލުހުން

މުޒާހަރާއިން 141 މީހަކު ހައްޔަރުކުރި: ފުލުހުން

17 މާޗް 2018

ސަރުކާރާ ދެކޮޅަށް ރޭ އޮތް މުޒާހަރާގައި ޖުމްލަ 141 މީހަކު ހައްޔަރުކުރި ކަމަށާއި އެކަމަކު މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 139 މީހުން ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރާ ދެކޮޅަށް ރޭ އޮތް މުޒާހަރާގައި ޖުމްލަ 141 މީހަކު ހައްޔަރުކުރި ކަމަށާއި އެކަމަކު މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 139 މީހުން ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ 115 ފިރިހެނުންނާއި 26 އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ފުރަތަމަ ގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު ހައްޔަރުގައި ތިބީ 113 ފިރިހެނުންނާއި 26 އަންހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ހަރަކާތުގެ އެއް ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ސޯލިހު (އިބޫ) ވެސް ހިމެނިވަޑައިގަނެ އެވެ. އޭނާ ހައްޔަރުކުރީ ޖުމްހޫރީ މައިދާނުގައި ހުންނަވަނިކޮށެވެ.

އިބޫގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރު އަލީ އާޒިމާއި ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެން މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ،

މިއީ މޭ 1، 2015 ގައި މާލޭގައި އޮތް ބޮޑު މުޒާހަރާއަށް ފަހު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރި އެއްވުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ އެއްވުމަށް ގިނަ އަދަދެއްގެ ބަޔަކު، މާލޭގެ އެކި ސަރަހައްދަށް ޖަމާވި އެވެ.

ސަރުކާރުގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ކުރި މުޒާހަރާއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ތަން ފެނުނެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.

ރޭގެ މުޒާހަރާއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭގެ މުޒާހަރާއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭ ނުވަ އެއް ޖަހާކަންހާއިރު މަޖީދީމަގު، ޗާނދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން މުޒާހަރާ ފެށުމުގެ ކުރިން ވެސް މޫނު ނިވާކޮށްގެން ތިބި އެސްއޯ ފުލުހުން ގެންދިޔައީ މީހުން ހައްޔަރުކުރަމުންނެވެ. އެކަމަކު އެއްވި މީހުން ގިނަވި އެވެ. އަދި ފުލުހުންގެ ހަރަކާތްތައް ވެސް އިތުރުކުރި އެވެ. އޭގެ ތެރޭގައި ޕެޕަ ސުޕްރޭ ޖަހައިގެން އާންމުން ފަހަތަށް ޖެއްސުން ހިމެނެ އެވެ.

މަޖީދީމަގުގައި އޮތް އެއްވުން ރޫޅާލުމުން ބައިވެރިން ދެން މިސްރާބު ޖެހީ ޖުމްހޫރީ މައިދާނާ ދިމާއަށެވެ. ސިފައިން ވެސް ބަލަހައްޓަމުން ދިޔަ އެ ސަރަހައްދަށް އެއްވި މީހުން ގިނަވެ، މައިތިރިކުރަން ޖެހުނީ ކަރުނަ ގޭސް ބޭނުންކުރާށެވެ. މިއީ 2015 ގެ ފަހުން އާންމުންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކުރި ދެ ވަނަ ފަހަރެވެ. ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވި މީހުން ފޮނުވާލީ ވެސް ކަރުނަ ގޭސް ޖަހައިގެންނެވެ.

މި މުޒާހަރާގައި އާންމުންނަށް އެކި އަނިޔާތައް ލިބުނެވެ. އަދި ފުލުހުން ބުނާ ގޮތުގައި ފުލުހުންގެ މީހަކަށް ވެސް އަނިޔާވި އެވެ.

މުޒާހަރާގައި ހައްޔަރުކުރާ މީހުންގެ ވަކީލެއްގެ ގޮތުން އުޅުއްވާ ބޭފުޅަކު ވިދާޅުވީ ރޭ ހައްޔަރުކުރި މީހުންގެ އަދަދު ފުލުހުން މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބަލަމުން މިދަނީ އެކަން ސާފުވޭތޯ،" ވަކީލަކު ވިދާޅުވި އެވެ.