Roadha Mihaaru
ޕޮގްބާ ހުރީ ހިތްހަމަޖެހިފައެއް ނޫން: ޑިޝޯމްޕް

ޕޮގްބާ ހުރީ ހިތްހަމަޖެހިފައެއް ނޫން: ޑިޝޯމްޕް

20 މާޗް 2018

ޕެރިސް (މާޗް 20) - މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު އޭނާ މި ވަގުތު ހުރީ އުފަލަކުން ނޫން ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މާޗް 20) - މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު އޭނާ މި ވަގުތު ހުރީ އުފަލަކުން ނޫން ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ބްރައިޓަން އަތުން މޮޅުވި މެޗުގައި ޕޮގްބާ ހުރީ ބެންޗުގަ އެވެ. އެހެން ނަމަވެސް އޭނާ ވަނީ ކޮލަމްބިއާ އާއި ރަޝިއާއާ ދެކޮޅަށް ކުޅެން ފްރާންސުން ނެގި ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ.

"އެންމެ ފުރިހަމަ ތަފްސީލެއް އަދި ނުލިބޭ. އެކަމަކު އަހަންނަށް ޔަގީން މި ވަގުތު ޕޮގްބާ ހުރީ އުފަލުން ނޫން ކަން،" ޕޮގްބާއާ ގުޅޭގޮތުން ފްރާންސްގެ މީޑިއާ އިން ކުރި ސުވާލަކަށް ޑިޝޯމްޕް ބުންޏެވެ.

ޕޮގްބާ ހިތްހަމަ ނުޖެހިފައި ހުރީ ކިހިނެއް ވެގެންތޯ ޑިޝޯމްޕް ކައިރީގައި ސުވާލުކުރުމުން އޭނާ ބުނީ ސީދާކޮށް އެ ސަބަބެއް ބުނަން ނޭނގޭ ކަމަށެވެ.

"މި ވަގުތު އަހަންނަށް ނޭނގޭ ބުނެދެން. މި ހިސާަބަށް ކަންތައްތައް ދާނީ ވަރަށް ގިނަ ކަންތައްތަކެއް ހިގައިގެންކަން އެނގެނީ،" ޑިޝޯމްޕް ބުންޏެވެ.

ދަނޑުން ބޭރުގައި ކުޅުންތެރިންނަށް ދިމާވާ ގޮންޖެހުންތަކުގައި އަބަދުވެސް އެހީވާ ކަމަށާއި ޕޮގްބާ އަށް ވެސް ބައެއް ފަހަރު ކަންކަމުގައި ލަފާދޭ ކަމަށް ޑިޝޯމްޕް ބުންޏެވެ.

މިދިޔަ ސީޒަނުގައި ޕޮގްބާ ޔުނައިޓެޑާ ގުޅުނީ އޭރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 89 މިލިއަން ޕައުންޑަށެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު، ޕޮގްބާގެ ދައުރު ބޮޑެވެ.

އެހެން ނަމަވެސް މި ސީޒަނުގައި ޕޮގްބާގެ ކުޅުން ދަށްވެފައިވާއިރު، އިނގިރޭސި މީޑިއާ އާއި ޔުނައިޓެޑްގެ ކުރީގެ ތަރިންގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. އަދި ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު އޮތް ގުޅުން ކުޑަވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.