Roadha Mihaaru
ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް

ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް

10 ނޮވެމްބަރ 2020

ޕެރިސް (ނޮވެމްބަރު 10) - ކްލަބް ލެވަލްގައި މި ވަގުތު އުނދަގޫ ހާލަތެއްގައި ތިބި ފްރާންސްގެ ދެ ތަރިން ކަމަށްވާ އެންޓޮއިން ގްރީޒްމަން އާއި ޕައުލް ޕޮގްބާ އަށް އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ބާސެލޯނާގައި ގްރީޒްމަން އަށް ފުރަތަމަ އެގާރައިގައި ކުޅެލަން ގިނަ މެޗުތަކުގައި ނުލިބޭއިރު، ޕޮގްބާ ވެސް މެންޗެސްޓާ ޔުނައިޓެޑްގެ ގިނަ މެޗުތަކުގައި ކުޅެން އަރުވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު އެ ދެ ކުޅުންތެރިން އަންނަނީ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ކުޅޭ ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގްރީޒްމަން އާއި ޕޮގްބާ ވަނީ ކުރިއަށް އޮތް 10 ދުވަހުގެތެރޭ ފްރާންސުން ކުޅޭ ތިން މެޗަށް ނެގި ސްކޮޑުގައި ހިމަަނައިފަ އެވެ. ފްރާންސްގެ ނޫހަކަށް ޑެޝޯމްޕްސް ދިން އިންޓަވިއުއެއްގައި ބުނީ ޕޮގްބާ އާއި ގްރީޒްމަން އަށް ފުރުސަތު ދޭން އޭނާ ޖެހިލުމެއްނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑެޝޯމްޕްސް ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑެޝޯމްޕްސް ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

"އަހަރެން މިހުރީ ޕޮގްބާ އާއި ގްރީޒްމަން އެ މީހުންގެ ކްލަބް ލެވަލްގައި ކުރިމަތިވެފައިވާ ހާލަތާ މެދު ކަންބޮޑުވެފައިތަ؟ ތެދައް ބުނަންޏާ ކްލަބް ލެވަލްގައި ކުޅުންތެރިންނަށް އުނދަގޫ ހާލަތެއް ކުރިމަތިވި ކަމަށް ވިޔަސް އެ މީހުން ގައުމީ ޓީމަށް އަންނައިރު އޭގެ އަސަރު ކުރަނީ ވަރަށް ކުޑަ މިންވަރަކަށް،" ފްރާންސަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިން ޑެޝޯމްޕްސް ބުންޏެވެ.

އޭނާ ބުނީ ގްރީޒްމަން އާއި ޕޮގްބާގެ ފުޓްބޯޅަ ހުނަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.

"ތަފާތު ރޫހެއްގައި އެ ދެ ކުޅުންތެރިން ގައުމީ ޓީމަށް ކުޅެނީ. އަހަރެން އެ މީހުންނަށް ފުރުސަތު ދީ ހާލަތު ބަދަލުކުރަން އެހީވާނަން،" ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް އިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މާދަމާރޭ އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ފިންލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ދެން އޮތީ ނޭޝަންސް ލީގުގައި ކުޅެން ޖެހޭ ދެ މެޗެވެ. އެ ގޮތުން އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރަށުންބޭރުގައި މި މަހު 14 ވަނަ ދުވަހު ކުޅޭނީ ޕޯޗުގަލްއާ އެވެ. އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި ސްވިޑެންއާ ދެކޮޅަށް ކުޅޭނެ އެވެ.