Roadha Mihaaru
ޕޮގްބާ ދެއްކި ވާހަކަތައް ޑެޝޯމްޕްސް އޮޅުންފިލުވައިދީފި

ޕޮގްބާ ދެއްކި ވާހަކަތައް ޑެޝޯމްޕްސް އޮޅުންފިލުވައިދީފި

26 ޖޫން 2018

މޮސްކޯ (ޖޫން 26) - މިއީ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށް ބުނެ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ދެއްކި ވާހަކަތަކުން ނޫސްވެރިންނަށް ނެގުނީ ނުބައި މާނައެއް ކަަމަށް ބުނެ އެ ވާހަކަތައް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްްސް އޮޅުންފިލުވައިދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮސްކޯ (ޖޫން 26) - މިއީ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށް ބުނެ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ދެއްކި ވާހަކަތަކުން ނޫސްވެރިންނަށް ނެގުނީ ނުބައި މާނައެއް ކަަމަށް ބުނެ އެ ވާހަކަތައް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްްސް އޮޅުންފިލުވައިދީފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުމުރުން 25 އަހަރުގެ ޕޮގްބާ ބުނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށެވެ. އޭނާ ބުނީ މާދަމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ބުނަން ނޭނގޭނެ ކަމަށެވެ. އެއާ ގުޅިގެން މީޑިއާގައި އަޑުފެތުރުނީ ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭ ކަމަށެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސް ކުޅޭ މެޗުގައި ނުކުންނާނީ ޑެންމާކާ ދެކޮޅަށެެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައ ޑެޝޯމްޕްސް ވަނީ ޕޮގްބާއާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަންނަށް ހިއެއް ނުވޭ މިއީ ޕޮގްބާގެ ފަހު ވޯލްޑް ކަޕް ހެން. އޭނާ އެ ވާހަކަ ދެއްކި ގޮތުން ގިނަ ބަޔަކަށް އޮތީ އޮޅުން އަރާފައި. ޕޮގްބާގެ އުމުރުން 25 އަހަރު އަދި މިވީ. ދެން އޮތް ވޯލްޑް ކަޕް އޮންނައިރު އޭނާ އަށް ވަނީ 29 އަހަރު. އަހަރެން ގަބޫލުކުރާގޮތުގައި މިއީ ޕޮގްބާގެ ފަހު ވޯލްޑް ކަޕެއް ނޫން،" ޑެޝޯމްޕްސް ބުންޏެވެ.

ޕޮގްބާ އެ ފަދަ ގޮތަކަށް ވާހަކަ ދެއްކީ ފްރާންސް ޓީމު ތެރޭގައި އޭނާ އަށް މައްސަލަތަކެއް ހުރުމުންތޯ ސުވާލުކުރުމުން ޑެޝޯމްޕްސް ވަނީ އެ ފަދަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.

"ޕޮގްބާ އަކީ ފްރާންސްގައި މުސްތަގުބަލު އޮތް ކުޅުންތެރިއެއް. މި ޓީމުގައި ކުރިއަށްދާން އޭނާ އަށް އެއްވެސް ހުރަހެއް ނެތް. މާދަމާ ވާނެ ގޮތެއް ނޭނގެއޭ ޕޮގްބާ ބުނީ ފުޓްބޯޅަ ކުޅުންތެރިންނަކީ ބޮޑެތި އަނިޔާތައް ވާ ބައެއް. އެ ވިސްނުމުގައި ބުނީ. އެއީ ހާއްސަ ކަމެއް އޮވެގެނެއް ނޫން،" ޑެޝޯމްޕްސް ބުންޏެވެ.

އޭނާ ބުނީ ފްރާންސަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންވެފައި އޮތުމުން މިރޭގެ މެޗުގައި ޑެންމާކަށް ހާއްސަވެގެން ވަކި ކަމެއް ކޮށްދޭން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި ފްރާންސް ނުކުންނާނީ 100 ޕަސެންޓް ރެކޯޑަކާ އެކު ދެ ވަނަ ބުރަށް ދިއުމަށް ކަމަށެވެ.

މިއީ ވޯލްޑް ކަޕުގައި ފްރާންސާއި ޑެންމާކް ކުޅޭ ތިން ވަނަ މެޗެވެ. ފްރާންސް މޮޅުވީ އަމިއްލަ ގައުމުގައި 1998 ގައި އޮތް ވޯލްޑް ކަޕުގައި 2-1 އިންނެވެ. އޭގެ ފަހުން 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފްރާންސް ކެޓިއިރު، ޑެންމާކް އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ.

ޑެންމާކާއި ފްރާންސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ. އެ ވަގުތުގައި މި ގްރޫޕުގެ އަނެއް މެޗުގައި ޕެރޫ ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.