Roadha Mihaaru
ޓެރަރިޒަމްގެ ތުހުމަތު ފަހުރަކަށް ވެއްޖެ: އިބްރާހިމްދީދީ

ޓެރަރިޒަމްގެ ތުހުމަތު ފަހުރަކަށް ވެއްޖެ: އިބްރާހިމް ދީދީ

21 މާޗް 2018

އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ޓެރަރިޒަމްގެ ތުހުމަތު ރާއްޖޭގައި ފަޚުރަކަށް މިހާރު ވެފައިވާ ކަމަށް، ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ޓެރަރިޒަމްގެ ތުހުމަތު ރާއްޖޭގައި ފަޚުރަކަށް މިހާރު ވެފައިވާ ކަމަށް، ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ސަރުކާރުގައި މާލޭ އޭރިޔާގެ ކޮމާންޑަރުކަން ކުރެއްވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ އެގޮތަށް ސިފަކުރެއްވީ އޭނާގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނިކޮށެވެ. އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް އަދިވެސް ނުނިމެނެ އެވެ.

ޓެރަރިޒަމްގެ ތުހުމަތުކޮށް، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވައިފަ އެވެ. އެގޮތުން އެ ބޮޑު ދައުވާއާ މިހާރު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހިމެނެ އެވެ.

މި ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. ޓެރަރިޒަމްގެ ކުށެއް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަވެގެން ވެސް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި ދަނޑިވަޅުގައި އިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތަކީ މިހާރު ޝަރަފެއް ކަމަށެވެ. އެހެންކަމުން އެ ތުހުމަތުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ކުރެއްވި ޓުވީޓް.

ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި އަމުރެއް ނެރެގެން، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ވެސް ގިނައީ ޓެރަރިޒަމްގެ ތުހުމަތު ކުރާ ބޭފުޅުންނެވެ. މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަބްދުﷲ ސިނާނާއި އިލްހާމް އަހްމަދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލައިފަ އެވެ.

އެތައް ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރި ތަހުގީގުން، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތުން ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ނުފޫޒުން އެ މީހުން ބޭނުންވާ ގޮތަށް ދުރާލައި ރޭވިގެން ކޮށްފައިވާ އަމުރެއްކަން އެނގޭ ކަމަށެވެ.