Roadha Mihaaru
ރާއްޖެ އަށް ވުރެ ސިޔާސީ މިނިވަންކަން އޮތް ގައުމެއްނެތް

ރާއްޖެ އަށް ވުރެ ބޮޑަށް ސިޔާސީ މިނިވަންކަން އޮތް ގައުމެއް ނެތް: ޝައިނީ

19 ޖުލައި 2016

ރާއްޖެ އަށް ވުރެ ބޮޑަށް ސިޔާސީ ހަރަކާތްތަކަށް ހުޅުވާލެވިފައިވާ އެހެން ގައުމެއް ދުނިޔޭގައި ވެސް ވަކި ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖެ އަށް ވުރެ ބޮޑަށް ސިޔާސީ ހަރަކާތްތަކަށް ހުޅުވާލެވިފައިވާ އެހެން ގައުމެއް ދުނިޔޭގައި ވެސް ވަކި ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތެވެ. ސިޔާސީ ހަރަކާތް މަނާ ކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ރާއްޖޭގައި ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ އޮތް ފުރުސަތުގެ ތެރޭގައި، ގާނޫނުގެ ތެރެއިން، ގަވާއިދުތަކުގެ ތެރޭގައި ހުރިހާ ކަމެއް ކުރަން ރާއްޖެއަކީ ވަރަށް ފްރީކޮށް ކުރެވޭ ގައުމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު ކުރި އަށް ގެންދާ މަޝްވަރާތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވިދާޅުވި އެވެ.

އެމްޑީޕީން މިދިޔަ ހަފުތާގައި ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

އެމްޑީޕީން މިދިޔަ ހަފުތާގައި ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

އެހެން ނަމަވެސް، އާއްމުންނަށް އުދަނގޫ ވާ ގޮތަށާއި ސަލާމަތީ ސަބަބުތަކަށް ބަންދުކޮށް، އެއްވުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް މިނިސްޓަރު ތަރުކާރުކޮށް ވިދާޅުވި އެވެ. އެ ފަދަ ތަންތަނުގައި ސިޔާސީ އެއްވުންތައް ބާއްވަން ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ވެސް ހުއްދަ ނުދޭނެކަން ޝައިނީ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ އެ ފަދަ ވާހަކަތަކަށް ސަރުކާރުން ސަމާލުވެ، ހޭލާ އޮތް ކަމަށެވެ. އަދި ގަދަ ބާރުން ކަންކަން ނުކުރެވޭނެ ކަމުގެ އިންޒާރު ވެސް ޝައިނީ ދެއްވި އެވެ.

"އެހެންވީމަ، އެހެން ބަޔަކު އަދި އެއްޗެއް ވިދާޅުވިޔަސް އަދި [ސަރުކާރު] އެހެންނެއް ނުދާނެ،" ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުން ސަރުކާރުން ވަނީ މުޅިން މަނާކޮށްފަ އެވެ. އެކަމަކު، އާއްމު ތަންތަނުގައި ވެސް ޖަލްސާ ބާއްވަން ހުއްދައެއް ނުދެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އިދިކޮޅު އިއްތިހާދުގެ ފުރަތަމަ ޖަލްސާ ބާއްވަން ތިން ތަނެއް ހޯދަން ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ.

އެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. ޖަލްސާ ބާއްވަން ހުއްދަ ދިނުމަށް ފަހު ހައުސިން މިނިސްޓްރީން ވަނީ ފަހުން އެ ހުއްދަ ބާތިލްކޮށްފަ އެވެ. ޖަލްސާ އަށް އެ ތަން ތައްޔާރު ކުރަމުން ދަނިކޮށް، ފުލުހުން ގޮސް ވަނީ އެކަން ހުއްޓުވާފަ އެވެ.