Roadha Mihaaru
ރަޖިސްޓްރޭޝަން ލަސްވުމުގައި ޒިންމާވާނެ ބަޔަކު ނެތް

ރަޖިސްޓްރޭޝަން ލަސްވުމުގެ ޒިންމާ ނަގާނެ ބަޔަކު ނެތް

06 އޯގަސްޓް 2018

އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި، އުފަންވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ފޯމު ފުރާފައިވާ ގިނަ ބަޔަކު އަދިވެސް ރަޖިސްޓްރީ ނުވާ މައްސަލައިގައި ޒިންމާ ނަގާނެ ބަޔަކު ނުވި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި، އުފަންވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ފޯމު ފުރާފައިވާ ގިނަ ބަޔަކު އަދިވެސް ރަޖިސްޓްރީ ނުވާ މައްސަލައިގައި ޒިންމާ ނަގާނެ ބަޔަކު ނުވި އެވެ.

ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާއިރު ސިޔާސީ ބައެއް ޕާޓީތައް މެދުވެރިވެ ވޯޓުލާން ރަޖިސްޓްރީ ކުރުމަށް އެދުނު ބައެއް މީހުން ދަނީ ރަޖިސްޓްރީ ނުވާ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ އިދާރާ އަށް ގެންނަ ހުރިހާ ފޯމެއް ރަޖިސްޓްރީ ވާނެ ކަމަށެވެ.

"ވަކިން ހުށަހަޅާ ބޭފުޅަކު ނަމަ ވަގުތުން ރަޖިސްޓްރީ ވާނެ. ސިޔާސީ ޕާޓީތަކުން ގަނޑުކޮށް ގެންނަ ފޯމުތައް ވެސް އަޅުގަނޑުމެން އެންމެ ލަސްވެގެން ދެ ތިން ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން،" އަކްރަމް ވިދާޅުވި އެވެ.

އަދި ރަޖިސްޓްރީ ނުވާ މީހުންގެ ކަންބޮޑުވުންތަކާ މެދު އަކްރަމް ވިދާޅުވީ އިލެކްޝަންސްގެ "އިލްތިމާސަކީ "ކޮމިޝަނާ ހަމަ އަށް ފޯމު ދޭތޯ ޔަގީން ކުރުން" ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އަލީ ނިޔާޒު ވިދާޅުވީ އިދިކޮޅު ކޯލިޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރާ މީހުންގެ ފޯމުތައް ބަރާބަރަށް ކޮމިޝަނަށް ފޮނުވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް 23،000 ފޯމު އިލެކްޝަނަށް ފޮނުވައިފިން. އެކަމަކު އަދިވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ފޮނުވި ފޯމުތަކުގެ ތެރެއިން 1500 ފޯމަށް [ރަޖިސްޓްރީ ކުރި ކަމުގެ] ސްލިޕެއް ނުލިބޭ. އެހެންވީމަ ކޮމިޝަނުން އެ ހަދަނީ ދޮގު،" ނިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމުން ވެސް ބުނީ އެ ޕާޓީ މެދުވެރިކޮށް ހުށަހަޅާ ފޯމުތައް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

"މިއަދު ވެސް އިއްޔެ ވެސް އަޅުގަނޑުމެން ފޯމު ހުށަހެޅިން. މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ ފޯމެއް ވެސް ހުށަހަޅާނަން،" ޕީޕީއެމް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ މިފްކޯގެ ސީއީއޯ އަދްލީ ހުސައިން ވިދާޅުވި އެވެ.

ނަމަވެސް އަދްލީ ވިދާޅުވީ ޕީޕީއެމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުން ދަނީ އެއީ ސައްހަ ފޯމެއްތޯ ބެލުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން ފޯމުތައް ސައްހަތޯ ބަލައިފަ މި ފޮނުވަނީ. އެއީ އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ސައްހަ ނޫން ފޯމެއް ޕީޕީއެމުން ހުށަހަޅާކަށް. އެހެންވީމަ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވޭތޯ އާއި މި ނޫން ވެސް ބައެއް ކަންކަން އަޅުގަނޑުމެން ބަލާނެ،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ ރެއާ ހަމައަށް 37،000 މީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 236،000 މީހަކަށް ލިބޭ އިރު މީގެ ތެރެއިން 60،000 މީހުންނަކީ ރީ-ރަޖިސްޓްރީ ކުރާނެ މީހުން ކަމަށް ބެލެވެ އެވެ.