Roadha Mihaaru
ޕީޕީއެމްގެ "އެންމެން އެކަކަށް" ޖަލްސާ ހޯމަ ދުވަހު

ޕީޕީއެމްގެ "އެންމެން އެކަކަށް" ޖަލްސާ އަންނަ ހޯމަ ދުވަހު

10 ސެޕްޓެމްބަރ 2018

ވެރިކަން ހިންގާ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް "އެންމެން އެކަކަށް"ގެ ނަމުގައި އަންނަ ހޯމަ ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ވެރިކަން ހިންގާ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް "އެންމެން އެކަކަށް"ގެ ނަމުގައި އަންނަ ހޯމަ ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް މާލެ އަދި ވިލިމާލޭ އާންމުންނަށް ހާއްސަކޮށް ޕީޕީއެމުން ވަނީ ޖަލްސާއެއް ބާއްވައިފައި ވަނިކޮށެވެ. އިތުރު ޖަލްސާއެއް ޕީޕީއެމުން މާލޭގައި ބާއްވަން ނިންމާފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު އިއްތިހާދުން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވައިފަ ވަނިކޮށެވެ.

ޕީޕީއެމްގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އަބްދުއްރަހީމްގެ ކޮމެންޓެއް މި ވަގުތު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމްގެ "އަސްލު ސައިޒާއި ނަމްބަރާއި އަދަދާއި ކުލަ އާއި ކޮލިޓީ ދައްކާލާނެ" ޖަލްސާއެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ބާއްވާނެ ކަމަށެވެ.

"ރޭގައި އެމްޑީޕީން ބޭއްވި ޖަލްސާގެ އަދަދު ހަމަވެގެން ބަޔަކު ލޮލަށް ނިދި ނައިސްގެން އުޅޭ މަންޒަރު އެބަ ފެނޭ ސޯޝަލް މީޑިއާގައި. އަޅުގަނޑުމެން އެއްވެސް އެއްޗެއް ދަންނަވާކަށް ނެތިން. ވަރަށް ރަނގަޅަށް ހިތްހަމަ ޖައްސާލައިގެން ތިއްބަވާ. އަޅުގަނޑުމެން ރަސްމީ ޖަލްސާ ދެއްކީމާ ދެން އެ ހިސާބުން އެ ބޭފުޅުން މަޑުކޮށްލަން ފުރުސަތު ލިބޭނީ. އެހެން ކަމެއް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ޚާއްސަކޮށް އެ ޖަލްސާގެ އިންސައްތައިގަ ދިވެހި ޒުވާނުންގެ 60 އިންސައްތަ، 70 އިންސައްތައާ ހަމައަށް ޒުވާނުން ތިބި ތަން އިރާދަކުރެއްވިއްޔާ އެ ބޭފުޅުންނަށް ފެނިގެންދާނެ. އަދި އަތޮޅު ތެރެއިން މީހުންނަށް ގެންނަން ޖެހިއްޖެއްޔާ މީހުން ގެނެވޭނީ ކޮން ބަޔަކަށް ކަން ވެސް ދައްކާލާނަން. އަތޮޅުތަކުން ގެންނަން ނިންމި ވާހަކައެއް ނޫން މި ދަންނަވަނީ،" ނިހާން ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ފަހުން ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާ އެވެ. އެ ޖަލްސާއަށް ފަހު، އިދިކޮޅު ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.