Roadha Mihaaru
މެސީ ނެތި އާޖެންޓީނާ އިން އިޓަލީ ބަލިކޮށްފި

މެސީ ނެތި އާޖެންޓީނާ އިން އިޓަލީ ބަލިކޮށްފި

24 މާޗް 2018

މެންޗެސްޓާ (މާޗް 24) – ލިއޮނަލް މެސީ ނެތި އާޖެންޓީނާ އިން އިޓަލީގެ މައްޗަށް 2-0 އިން ކުރި ހޯދިއިރު ނޭމާ ނެތި ބްރެޒިލުން ރަޝިއާ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (މާޗް 24) – ލިއޮނަލް މެސީ ނެތި އާޖެންޓީނާ އިން އިޓަލީގެ މައްޗަށް 2-0 އިން ކުރި ހޯދިއިރު ނޭމާ ނެތި ބްރެޒިލުން ރަޝިއާ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ކޯޗު ޖިއަމް ޕިއޭރޯ ވެންޗޫރާ ވަކިކޮށް ވަގުތީ ކޯޗު ލުއިޖީ ޑި ބިއާޖޯއާ އެކު މެޗާ ކުރިމަތިލި އިޓަލީ ކޮޅަށް އާޖެންޓީނާ އިން ދެ ގޯލް ވެސް ޖެހީ މެޗުގެ ފަހުކޮޅެވެ. މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ދެ ވަނަ ހާފުގައި އިޓަލީގެ ލޮރެންޒޯ އިންސީނޭ ވަނީ ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި ޖިއަންލުއިޖީ ބުފޮން ބަލަހައްޓަމުން ދިޔަ އިޓަލީގެ ގޯލް އާޖެންޓީނާ އިން ހުޅުވާލީ އެވާ ބަނޭގާ ޖެހި ގޯލުންނެވެ. ދެ ވަނަ ގޯލް 85 ވަނަ މިނެޓުގައި ޖެހީ ގޮންޒާލޯ ހިގައިން ދިން ބޯޅައަކުން މެނުއަލް ލަންޒީނީ އެވެ.

އިޓަލީން ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި އުމުރުން 20 އަހަރުގެ ވިންގާ ފެޑެރިކޯ ޗިއެސާ ހިމަނައިފަ އެވެ. އަދި ދެ ވަނަ ހާފުގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އާއި މިޑްފީލްޑަރު ބްރަޔަން ކްރިސްޓޭންޓަށް ފުރުސަތު ދިނެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން އިޓަލީން ވަނީ ދާދި ފަހުން މަރުވި ފިއޮރެންޓީނާގެ ކެޕްޓަން ޑޭވިޑޭ އެސްޓޯރީގެ ހަނދާން އާކޮށްފަ އެވެ. އޭނާ އަށް ހާއްސަ މެސެޖެއް ޖަހާފައިވާ ޖާޒީއެއްގައި ކުޅުނުއިރު ގައުމީ ސަލާމްކީއިރު އެންމެން ތިބީ އޭނާ ބޭނުންކުރި 13 ނަމްބަރު ޖާޒީގަ އެވެ.

މި މެޗުގައި އާޖެންޓީނާގެ މެސީ ނުކުޅުނީ އެންމެ ފަހުގެ ޕްރެކްޓިހުގައި ދިމާވި އަނިޔާގެ ކުޑަ މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު އެއީ ސީރިއަސް އަނިޔާއެއް ނޫނެވެ. އަދި އަންގާރަ ދުވަހުގެރޭ ސްޕެއިނާ ދެކޮޅަށް ކުޅެން މެސީ ފިޓްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އަނިޔާގެ ސަބަބުން ސީޒަން ނިމިފައިވާ ނޭމާ ނެތި ބްރެޒިލުން ރަޝިއާގެ މައްޗަށް ހޯދީ ފަސޭހަ މޮޅެކެވެ. މޮސްކޯގައި ކުޅުނު މި މެޗުގައި ބްރެޒިލަށް ކުރި ހޯދައިދިނީ 53 ވަނަ މިނެޓުގައި ޔޮއާ މިރާންޑާ އެވެ. ދެ ވަނަ ލަނޑު 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ފިލިއްޕޭ ކުޓީނިއޯ އެވެ. އަދި ތިން ވަނަ ގޯލް 66 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކުޓީނިއޯއާ އެކު ބާސެލޯނާ އަށް ކުޅޭ ޕައުލީނިއޯ އެވެ.