Roadha Mihaaru
ޔައުމިއްޔާ ނުފޮނުވި، ކައުންސިލް އަވަހަށް ބާއްވަނީ

ޕީޕީއެމް ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ނުފޮނުވި، ކައުންސިލް ވަރަށް އަވަހަށް ބާއްވަނީ

19 ޖުލައި 2016

ތަކުރާރުކޮށް އެންގުމަށް ފަހު މުއްދަތެއް ދީގެން ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ޕާޓީ އޮފީހާ ހަވާލުކޮށްފައި ނުވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ. ޔައުމިއްޔާތައް ނުފޮނުވުމާއި ޕާޓީގައި އުފެދިފައިވާ އެހެން މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ކައުންސިލް ބައްދަލުވުމެއް ބާއްވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކައުންސިލް ބައްދަލުވުން މި ހަފުތާ ނުވަތަ އަންނަ ހަފުތާގައި އޮންނާނެ ކަމަށެވެ. މިދިޔަ ހަފުތާގައި ވެސް ކައުންސިލް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރި ކަމަށާއި އެކަމަކު ފަސްކުރީ ކޯރަމް ހަމަނުވެދާނެތީ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ފޮނުވަން، އެ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވީ ވިޕްލައިންތަކާ ހިލާފުވި ކަމަށް ބުނާ މައްސަލަތައް ބެލުމަށް ކަމަށެވެ. އެންމެ ފަހުން އެދުނީ އިއްޔެގެ ރަސްމީގަޑި ހަމަވުމުގެ ކުރިން ޔައުމިއްޔާތައް ފޮނުވައިދިނުމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސް ބައެއް މެމްބަރުން. ކައުންސިލް ބައްދަލުވުން ބާއްވަން އެދުނީ ޕީޖީ ގްރޫޕުން. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމްގެ ކައުންސިލް މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސް ބައެއް މެމްބަރުން. ކައުންސިލް ބައްދަލުވުން ބާއްވަން އެދުނީ ޕީޖީ ގްރޫޕުން. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވޯޓު ދެއްވީ އެ އިސްލާހާ ދެކޮޅަށެވެ. އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މެމްބަރުން ހިމެނޭ ސުލޫކީ ކޮމެޓީން ވަނީ ފާރިސް ޕާޓީން ވަކިކުރަން ނިންމައި އެކަން ތަންފީޒުކޮށްދޭން އެދިފަ އެވެ. އެކަމަކު ލިޔެކިޔުންތައް ނުލިބޭ ކަމަށް ބުނެ ޕީޕީއެމުން ވަނީ ފާރިސް އާއި ޕާޓީން ވަކިކުރަން ނިންމި އެހެން ތިން މެމްބަރުންނާ މެދު ވެސް ފިޔަވަޅު ނާޅާނެ ކަމަށް ބުނެފަ އެވެ.

ޕީޕީއެމް ދެ ފަޅި އަށް ފެޅުނީ، ރައީސް ޔާމީނާއި މައުމޫންއާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެވެ. ޕާޓީގެ ހުރިހާ ބާރުތަކެއް މައުމޫން ނަންގަވާފައިވާއިރު ޔާމީންގެ ފެކްޝަންގެ ބޭފުޅުން ތުހުމަތުކުރައްވަނީ އެމަނިކުފާނު ޕާޓީ "ހައިޖެކްކުރައްވާފައިވާ" ކަމަށެވެ. އެހެންވެ ގާނޫނީ ހައްލެއް ހޯދަން މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެ މައްސަލާގައި އެދިފައިވާ ގޮތަށް މައުމޫނާ ދެކޮޅަށް ކޯޓުން އަމުރެއް ނުނެރެދިނެވެ.