Roadha Mihaaru
އިންތިހާބުތަކާ ގުޅޭގޮތުން މައުމޫނަށް ގޮންޖައްސަވައިފި

މައުމޫނާ ނުލައި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެ ގޮންޖައްސަވައިފި

13 އޮކްޓޯބަރ 2016

ރައީސް އަބްދުﷲ ޔާމީނާ އެކު ވަކި ބޭފުޅަކު ނެތަސް 2018ގެ ރިޔާސީ އިންތިހާބާއި ދެން ކުރިއަށް ހުރި އިންތިހާބުތައް ވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮންޖައްސަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީނާ އެކު ވަކި ބޭފުޅަކު ނެތަސް 2018ގެ ރިޔާސީ އިންތިހާބާއި ދެން ކުރިއަށް ހުރި އިންތިހާބުތައް ވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮންޖައްސަވައިފި އެވެ.

މައުމޫނާ ނުލައި އިންތިހާބުތައް ރައީސް ޔާމީނަށް ކާމިޔާބުކުރެއްވިދާނެ ކަމަށް މެމްބަރުން ގަބޫލުކުރައްވަންތޯ ނޫސްވެރިން ސުވާލުކުރުމުން، ޕީޕީއެމްގެ ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕުން ދަރުބާރުގޭގައި ބޭއްވި ނިއުސްކޮންފަރެންސްގައި އަބްދުއްރަހީމް ނުސީދާކޮށް ވަނީ އެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ 2018ގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަމާ އެކު މި ދަންނަވަނީ އެމަނިކުފާނު 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއޭ. އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ބޭފުޅަކު އަރާވަޑައިނުގެން ގޭގައި ހުންނަވާށޭ. އަޅުގަނޑުމެން ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލުން އިރާދަކުރެއްވިޔާ ރައީސް ޔާމީން 2018 ގައި ވެރިކަމަށް ގެނެސްދޭނަން،" މައުމޫނާ ގުޅޭ ގޮތުން ކުރި ސުވާލުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު މައުމޫން ވަަޑައިގަންނަވަނީ. ޕީޖީ ގްރޫޕާއި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ މައުމޫނަށް ފާޑުވިދާޅުވެފައި. ---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު މައުމޫން ވަަޑައިގަންނަވަނީ. ޕީޖީ ގްރޫޕާއި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ މައުމޫނަށް ފާޑުވިދާޅުވެފައި. ---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އަބްދުއްރަހީމް މިގޮތަށް ވިދާޅުވުމާ އެކު އޭނާގެ އެ ވާހަކަ އަށް ތާއީދުކުރެއްވުމުގެ ގޮތުން ޕީޖީ ގްރޫޕާއި ކައުންސިލް ބައެއް މެމްބަރުން ވަނީ ބާރަށް އަތްތިލަބަޑި ޖައްސަވައިފަ އެވެ. އަދި "ސާބަހޭ އަދުރޭ" ވިދާޅުވެ މަޖިލިސް ބައެއް މެމްބަރުން އޭނާ އަށް ހިތްވަރު ދެއްވި އެވެ.

އަދުރޭ މިހެން ވިދާޅުވި ނަމަވެސް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ހުރިހާ އިންތިހާބުތަކެއްގައި ވެސް މައުމޫން ހުންނަވާނީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ. ޕާޓީގައި އުފެދިފައިވާ މައްސަލަތަކާ މެދު ވާހަކަ ދައްކައި އުއްމީދުކުރައްވަނީ އަވަސް ހައްލެއް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާނާއި އަބްދުއްރަހީމާއި ޓޫރިޒަމް މިނިސްޓަރު ޒަމީރާއި ހޯމް މިނިސްޓަރު އަހްމަދު އަޒްލީންގެ އިތުރުން ކައުންސިލް މެމްބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ވަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ތާއީދުކުރައްވައި މި ބޭފުޅުން ވާހަކަ ދެއްކެވިއިރު ޓިކެޓް ދޭން ޖެހޭ ސަބަބެއްގެ ގޮތުގައި ދެއްކެވީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ރައީސް ޔާމީނަށް ޓިކެޓް ދެވިދާނެ ކަމަށް ލިއެފައި އޮތް އޮތުމެވެ. އެކަމަކު އެގޮތަށް ދެވެނީ ކޮން ހާލަތެއްގައިތޯ އަސާސީ ގަވާއިދުގައި ލިއެފައިވާ ކަން އެއްވެސް މެމްބަރަކު ވިދާޅެއް ނުވެ އެވެ.

ރައީސް ޔާމީނަށް ޓިކެޓް ދޭން ޖެހޭ ކަމަށް މެމްބަރުން އިޝާރާތް ކުރާ މާއްދާގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ. ރިޔާސީ އިންތިހާބުގެ ތާރީހާ އެންމެ ކައިރިކޮށް ބާއްވާ ކޮންގްރެސްގައި، މި ހާލަތުގައި ޕްރައިމަރީއެއް ބާއްވަން ނިންމައިފި ނަމަ އެކަން ކުރަން ޖެހެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފަ އެވެ. އެހެންވެ އަސާސީ ގަވާއިދުގައި ބުނާގޮތުން ޕްރައިމަރީއެއް ބާއްވަން ޖެހެ އެވެ.

އެކަމަކު ކައުންސިލް މެމްބަރުން ވިދާޅުވީ 2013 ގެ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެން ޕީޕީއެމަށް ފާޑުވިދާޅުވެފައިވުމާއި މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު ވަކިވެވަޑައިގެން އުމަރުގެ އަމަލުކުރައްވާ ގޮތުން ޕީޕީއެމް ޓިކެޓަށް އޭނާ ޝަރުތު ހަމަވާ ކަމަށް ގަބޫލުނުކުރެއްވޭ ކަަމަށެވެ.

ރައީސް ޔާމީނަށް ދެ ވަނަ ދައުރަކަށް ފުރުސަތު ދެއްވަން ޖެހެނީ، މެމްބަރުން ވިދާޅުވާ ގޮތުގައި، ފުރަތަމަ ދައުރުގައި ރައްޔިތުންނަށް މަޝްރޫއުތައް ހިންގަވައި އެދެވޭ ނަތީޖާ ނެރެދެއްވާފައިވާތީ އެވެ. އެހެންވެ އެމަނިކުފާނަށް ޓިކެޓް ދެއްވުމުގައި ޕާޓީގެ ރައީސާއި ކައުންސިލްގެ އިއުތިރާޒެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.