Roadha Mihaaru
އެމެރިކާގެ އަންހެން "ޗައިވާލާ" މިލިއަނަރަކަށް

އެމެރިކާގެ އަންހެން "ޗައިވާލާ" ބްރޫކް އެޑީ ސައި ވިއްކައިގެން މިލިއަނަރަކަށް

29 މާޗް 2018

ބްރޫކް އެޑީ ސާބިތު މިކޮށް ދެނީ ކާމިޔާބީއަކީ ހިތްވަރާ އެކު، މަސައްކަތް ކުރާ މީހުންގެ ހައްގެއް ކަމެވެ. އެމެރިކާގެ ކޮލަރާޑޯ އަށް އުފަން ބްރޫކްއަކީ އެއް އިރެއްގައި ވެސް މާ މުއްސަނދި މީހަކަށްވާން ހުވަފެން ދެކުނު މީހެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބްރޫކް އެޑީ ސާބިތު މިކޮށް ދެނީ ކާމިޔާބީއަކީ ހިތްވަރާ އެކު، މަސައްކަތް ކުރާ މީހުންގެ ހައްގެއް ކަމެވެ. އެމެރިކާގެ ކޮލަރާޑޯ އަށް އުފަން ބްރޫކްއަކީ އެއް އިރެއްގައި ވެސް މާ މުއްސަނދި މީހަކަށްވާން ހުވަފެން ދެކުނު މީހެއް ނޫނެވެ.

އޭނާ ބޭނުންވިހާ ވެސް ކަމަކީ އަމިއްލަ މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދައިގެން ތާހިރު ދިިރިއުޅުމެއް ހޯދުމެވެ. އެގޮތުން ސަޔަށް އޮތް ލޯތްބާ އެކު، ބްރޫކް ފެށި މަސައްކަތަކީ ސައި ވިއްކުމުގެ ވިޔަފާރި އެވެ. ނަތީޖާއަކީ ސައި ވިއްކައިގެން އޭނާ މިހާރު މިލިއަނަރަކަށްވުމެވެ. ބްރޫކް މިހާރު މަޝްހޫރު ވެސް ވެފައި ވަނީ 21 ވަނަ ގަރުނުގެ "ޗައިވާލާ" ގެ ގޮތުގަ އެވެ.

އޭނާގެ މިލްކިއްޔާތުގައި މިހާރު 35 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. ބްރޫކްގެ ފާއިތުވި އެއް އަހަރުގެ އާމްދަނީ އާންމު ކުރި އިރު، ހަތް މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އިންކް. މެގަޒިން އަށް ބްރޫކް ދީފައިވާ އިންޓަވިއުއެއްގައި ބުނީ "ޗައި ބިޒްނަސް" ގެ ތެރެއަށް ވަންނަން ނިންމީ އިންޑިއާ އަށް ކުރި ދަތުރެއްގައި ތަފާތު އެކި ރަހަތަކުގެ ސައި ތަޖުރިބާކޮށްލަން ލިބުމުން އައި ހިޔާލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މިހާރު އޭނާ ސައިގެ ވިޔަފާރި ކުރަނީ އިންޑިއާގައި ސަޔަށް މަޝްހޫރު ބްރޭންޑް "ބަކްތީ" ގެ ނަން ވެސް ހިމެނޭ ގޮތަށް "ބްރޫކް އެޑީ: ބަކްތީ ޗައި" ގެ ނަމުގަ އެވެ.

"އަހަންނަށް ވަރަށް ކަމުދިޔަ އިންޑިއާ ސައި. އެހެންވެ މި ވިޔަފާރި ކުރަން ފެށީ. އެކަމަކު އަދިވެސް އަހަރެން ގަބޫލެއް ނުކުރަން އިންޑިއާގައި އެ ލިބޭ ކަހަލަ ރަހަތަކުގެ ސައި އަހަންނަށް ތައްޔާރުކޮށްލެވޭ ކަމަކަށް،" އޭނާ ބުންޏެވެ. "އެކަމަކު މިހާރު އެމެރިކާގައި އަހަރެންގެ ވިޔަފާރި ވަރަށް ކާމިޔާބު."

ބްރޫކް ބުނީ ގޮތުގައި އޭނާ ސައި ވިއްކަން ކޮލޮރާޑޯގައި ފުރަތަމަ ކެފޭއެއް ހުޅުވައިގެން ވިޔަފާރި ފެށި ނަމަވެސް، އެކަން ވައިގައި ހިފާ ގޮތެއް ނުވި އެވެ. އެހެންވެ 2007 އިން ފެށިގެން އޭނާ ވިޔަފާރި ބަދަލުކޮށްލީ މޮބައިލްކޮށް ހިދުމަތް ދެވޭ ގޮތަށެވެ.

އެގޮތުން ސައި ތައްޔާރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ކާރެއްގައި އެޑީ ދެން ދަތުރުތައް ފެށީ ސައި ވިއްކަމުން އެމެރިކާގެ އެކި ސިޓީތަކަށެވެ. މި ހިދުމަތް ވަރަށް ބޮޑަށް ވައިގައި ހިފާލައި، ވިޔަފާރި ވެސް މެކުހަށް ޖަހާލައި، ބްރޫކްގެ އާމްދަނީ ދުވަހުން ދުވަހަށް ބޮޑުވާން ފެށީ އެވެ.

"މިހާރު އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންމެ ފަހަރަކު ވެސް އާ ފްލެވާއެއްގެ ސައި ތައްޔާރުކޮށް ވިއްކަން." ފުޅީގައި ބަންދުކޮށް ވިއްކާ ސަޔާ ބެހޭ ގޮތުން އޭނާ ބުންޏެވެ.