Roadha Mihaaru
"ކަންބޮޑުވުންތައް" ހިފައިގެން އދ.ގެ ޓީމު ފުރައިފި

"ކަންބޮޑުވުންތަކާއި ޝަކުވާތައް" ހިފައިގެންް އދ.ގެ ޓީމު ފުރައިފި

28 މާޗް 2018

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ބައްދަލުކޮށް، ދެ ފަރާތުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިފައިގެން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމު އިއްޔެ ފުރައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ބައްދަލުކޮށް، ދެ ފަރާތުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިފައިގެން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމު އިއްޔެ ފުރައިފި އެވެ.

އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމެއް ރާއްޖެ އައީ، ސިޔާސީ މަސްރަހުގައި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ފެނޭތޯ އެވެ. އެ ޓީމުން މަސައްކަތް ކުރީ ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށޭނެ ގޮތެއް ހޯދުމަށެވެ.

ތިން ދުވަހުގެ ދަތުރުގައި، އެ ޓީމުގެ ބޭފުޅުން ވަނީ ސަރުކާރާއި އިދިކޮޅު ޕާޓީތަކާއި ވަކީލުންނާއި ޖަމިއްޔާތަކާ ވަކިވަކިން ބައްދަލުކޮށް، މައުލޫމާތު އޮޅުންފިލުވައިފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ބައްދަލުކުރި އެވެ.

މި ބައްދަލުވުންތަކުގެ ތަފްސީލު ނުދިން ނަމަވެސް، ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، އެއީ އުފެއްދުންތެރި ބައްދަލުވުންތަކެއް ކަމަށެވެ.

ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީހުން ކުރި ޓުވީޓް.

ސިޔާސީ ނުތަނަވަސްކަމަށް ހައްލު ހޯދުމަށް، މަޝްވަރާ ކުރަން، ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފަ އެވެ. އިދިކޮޅު ޕާޓީތަކުން ބޭނުން ވަނީ، އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާށެވެ.

އެކަމަކު މި ހާލަތުގައި އދ.ގެ ބައިވެރިވުން މުހިއްމު ނޫން ކަމަށް ސަރުކާރުން އދ. އަށް އަންގާފައިވާ ކަމަށް އދ.ގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެގޮތަށް ސަރުކާރުން އަންގާފައި ނުވާނެ ކަމަށާއި، މަޝްވަރާގައި އދ. އިން ބައިވެރިވާން ދިވެހި ސަރުކާރުން ދިން ދައުވަތު އަދިވެސް ހުޅުވިފައި އޮތް ކަމަށް މަޝްވަރާގެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދަން ޔޫއެން ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. އެކަމަކު މި މަޝްވަރާ ކުރިއަށް ގެންދެވޭނެ ފަދަ އެއްވެސް މަގެއް އަދި ނުކޮށެވެ. ސަބަބަކީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް މަޝްވަރާ ފަށަން ޝަރުތުތައް ކުރިމަތިކުރުމެވެ.

ސަރުކާރުން ބުނެފައި ވަނީ މަޝްވަރާގެ މޭޒު ދޮށަށް އައުމުގެ ކުރިން އެއްވެސް ޝަރުތެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ، އިދިކޮޅު ލީޑަރުން ޖަލުގައި ބައިތިއްބައިގެން ސަރުކާރާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. މަޝްވަރާގެ މޭޒު ދޮށަށް ދާނީ، ޖަލު ހުކުމުގައި ތިއްބެވި ލީޑަރުން ދޫކުރުމުން ކަމަށް ބުނި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ، ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެކި ތުހުމަތުތަކުގައި އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކެއް ޖަލަށް ލާފައިވާތީ، ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.