Roadha Mihaaru
މަރުގެ އަދަބު ނުދޭނެކަން ހާމަކުރި ޓުވީޓް ޑިލީޓްކޮށްފި

މަރުގެ އަދަބު ނުދޭނެކަން ހާމަކުރި ޓުވީޓް ޑިލީޓްކޮށްފި

28 ނޮވެމްބަރ 2018

ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން، އެގޮތުގައި ދަމަހައްޓަން ސަރުކާރުން ނިންމާފައިވާ ކަން ހާމަ ކުރުމަށް ފޮރިން މިނިސްޓްރީން ކުރި ޓުވީޓް މިރޭ ޑިލީޓްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން، އެގޮތުގައި ދަމަހައްޓަން ސަރުކާރުން ނިންމާފައިވާ ކަން ހާމަ ކުރުމަށް ފޮރިން މިނިސްޓްރީން ކުރި ޓުވީޓް މިރޭ ޑިލީޓްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓްގައި ބުނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ. ގެ އާއްމު މަޖިލީހުން އެކުލަވައިލާފައިވާ ގަރާރުގެ ދެލި ކޮޕީ އަށް ރާއްޖޭން އާނބަސް ބުނެ ވޯޓު ދޭން ނިންމާފައިވާ ކަމަށެވެ. "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ގެ ނަމުގައި އެކުލަވާލާފައިވާ އެ ދެލިކޮޕީ އަށް ރާއްޖޭން ވޯޓު ދޭން ނިންމިކަން އިއުލާންކުރީ ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރި އަށް ދާ އދ.ގެ އިންސާނީ ހައްގުތަކުގެ ކޮމިޝަންގެ ސެޝަންގަ އެވެ.

އެ ޚަބަރު ފެތުރުމާ އެކު ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ދަނީ ސޯޝަލް މީޑިއާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އޭގެ ފަހުން އެ ޓްވީޓް ޑިލީޓް ކުރުމުން އެ މައްސަލައިގެ ނުރުހުން މާބޮޑަށް ވަނީ އަމާޒުވެފަ އެވެ. ޓުވީޓް ޑިލީޓްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ނިންމުން ވެސް ބަދަލުކުރަން އަންނަނީ ގޮވައިލަމުންނެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝޭހް އިލްޔާސް ހުސެއިން މިރޭ ވިދާޅުވީ، އިސްލާމްދީނުގެ ހައްދުތަކާ ދެކޮޅަށް ކަންކަން ނިންމުމަކީ އިސްލާމްދީނަށް ގޮންޖެހުން ކަމަށެވެ.

މި މައްސަލައިގައި ފާޑުވިދާޅުވެ އިލްޔާސް ފޭސްބުކްގައި ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދުތަކާ ދެކޮޅަށް، ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމް ގޮންޖަހައި، ކުރެވުނު މަލާމާތެއް ކަމަށެވެ. ކުރިން ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ބަޔަކު ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި، ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތް ކުރުން މާ ބުއްދިވެރި، އަދި ހެޔޮކަން ބޮޑު،" އިލްޔާސް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން މީހަކަށް މަރުގެ އަދަބު ދީފައި ވަނީ މީގެ 65 އަހަރު ކުރިންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ އަދަބު އަލުން ތަންފީޒުކުރަން ފަށާނެ ކަމަށް ބުނަމުން ދިޔަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔަ ވެސް މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.

ރާއްޖޭގައި މަރުގެ އަދަބު އަލުން ދޭން ފަށަން އޭރު ނިންމުމުން، ދުނިޔޭގެ ބައެއް ގައުމުތަކާއި އދ. އާއި ޔޫރަޕިއަން ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރި އެވެ. މަރުގެ އަދަބު ދިނުމަށް ޝަރުއީ ހުރިހާ މަރުހަލާތަކުން ހުކުމް އިއްވާފައިވާ ތިން މީހަކު މި ވަގުތު ވެސް ޖަލުގައި އެބަތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހްމަދާއި ވަކީލު އަހްމަދު ނަޖީބްގެ ގާތިލް އަހްމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.