Roadha Mihaaru
އދ.ގެ ބޭނުމަކީ އެންމެން އެއް މޭޒު ދޮށަށް ގެނައުން

އދ. އިން މަސައްކަތްކުރަނީ ސަރުކާރާއި އިދިކޮޅު އެއް މޭޒު ދޮށަށް ގެންނަން

26 މާޗް 2018

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން ހައްލުކުރަން، އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމުން މަސައްކަތްކުރަނީ ސަރުކާރާއި އިދިކޮޅުގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން، އެންމެން އެއް މޭޒު ދޮށަކަށް ގެންނަން ކަމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް ބޭފުޅުން މިއަދުު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން ހައްލުކުރަން، އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމުން މަސައްކަތްކުރަނީ ސަރުކާރާއި އިދިކޮޅުގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން، އެންމެން އެއް މޭޒު ދޮށަކަށް ގެންނަން ކަމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް ބޭފުޅުން މިއަދުު ވިދާޅުވެއްޖެ އެވެ.

އދ.ގެ ޓީމުން އިއްޔެ ވަނީ އިދިކޮޅު ޕާޓީތަކާއި ޖަލު ބަންދުގައި ތިބި ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލުންނާ ބައްދަލުކޮށްފަ އެވެ. އިދިކޮޅު ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެން މަންދޫބުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅަށް ކުރިމަތިކޮށްފައިވާ "ހާލަތު" ކިޔައިދީފަ އެވެ.

އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހިމެނޭ ގޮތަށް މަޖިލީހުގެ މެމްބަރުންތަކެއް ޖަލުގައި ބަންދުކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރި އެވެ. އަދި ރައްޔިތުންގެ މަޖިލިސް ހުއްޓުވާލައި، ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަމާ އެކު މަސައްކަތް ކުރަން ހުރަސްއަޅާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

އދ.ގެ ޓީމުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ ޖަމާއަތުން ބާރުއަޅަނީ، ސަރުކާރާއި އިދިކޮޅުން ވާހަކަ ދައްކައިގެން މައްސަލަތަކަށް ހައްލު ހޯދުމެވެ. އެކަމުގައި އދ. އަށް ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

މަޝްވަރާތައް ފަށަން އދ. އިން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް ސަރުކާރާއި އިދިކޮޅުގެ ޝަރުތުތަކާ ހެދި އެކަން ފެށޭ ގޮތެއް ނުވި އެވެ.

ސަރުކާރުން ބުނެފައި ވަނީ މަޝްވަރާ އަށް ދާން އެއްވެސް ޝަރުތެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ. އެކަމަކު އިދިކޮޅުން ބުނަނީ، ސިޔާސީ ހުރިހާ ލީޑަރުން ނުހައްގުން ބަންދުކޮށްފައި ބައިތިއްބައިގެން ސަރުކާރާ އެކު ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

އދ.ގެ ޓީމަކުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނައިރު، އެކި ތުހުމަތުތަކުގައި އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކެއް ޖަލަށް ލާފައިވާތީ، ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.