Roadha Mihaaru

ޚިޔާލުތަފާތުވުން ހުއްޓަސް ދައްތަ ވަރަށް ލޯބިވޭ: ޔުމްނާ

އެކި ކަންކަމުގައި ޚިޔާލުތަފާތުވުންތައް ހުއްޓަސް، އޭނާ ދެކެ ދައްތާފުޅު، ދުންޔާ މައުމޫން ވަރަށް ލޯބިވާ ކަމަށް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ޚިޔާލުތަފާތުވުން ހުއްޓަސް ދައްތަ ވަރަށް ލޯބިވޭ: ޔުމްނާ
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

28 މާޗް 2018

އެކި ކަންކަމުގައި ޚިޔާލުތަފާތުވުންތައް ހުއްޓަސް، އޭނާ ދެކެ ދައްތާފުޅު، ދުންޔާ މައުމޫން ވަރަށް ލޯބިވާ ކަމަށް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޚިޔާލުތަފާތުވުންތަކާ ހެދި ދެބެއިންގެ މެދުގައި ރުޅިވެރިކަން އުފެދިފައިވާ ކަމުގެ އަޑުފެތުރިފައި ވަނިކޮށް، ޔުމްނާ ވަނީ ދައްތާފުޅާ އޮންނަ ގާތް ގުޅުން ޓުވިޓާ މެދުވެރިކޮށް އާއްމުންނާ ހިއްސާކުރައްވައިފަ އެވެ.

އުނދަގޫ ވަގުތުގައި ވެސް އެންމެ ގާތުގައި، ދައްތާފުޅު ހުންނެވި ކަން ފާހަގަކުރައްވައި ޔުމްނާ ވަނީ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ޔުމްނާ އެ އިޝާރާތް ކުރެއްވީ، ދަރިފުޅު ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ އެކު ދުންޔާގެ ފަރާތުން ލިބުނު އެހީތެރިކަމަށެވެ. ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފައި ޖަލުގައި ހުންނެވި ދަނޑިވަޅެއްގައި ދަރިފުޅު އެޑްމިޓްކުރުމަކީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.

ދުންޔާއާ ގުޅޭގޮތުން ޔުމްނާ ކުރެއްވި ޓުވީޓް.

ޔުމްނާގެ ޓުވީޓަށް ރައްދު ދެއްވައި ދުންޔާ ކުރެއްވި ޓުވީޓް.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ނަދީމް ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ނަދީމްގެ އިތުރުން ބައްޕާފުޅު، މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް އެ ތުހުމަތުގައި ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުން މައުމޫން ވަކިކުރި ފަހުން، އެ ފެކްޝަންގައި މައުމޫންގެ ފަރާތްޕުޅުން އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔުމްނާ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި، ފާރިސް ހައްޔަރު ކުރުމުން، ވެސް އޭނާ މިނިވަންކުރަން ގޮވާލައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ޔުމްނާ އެވެ. ފާރިސް ޖަލަށް ލުމުން، އިސްލާހީ މަސައްކަތްތަކުގައި ބައްޕާފުޅު މައުމޫންގެ ފަރާތްޕުޅުން ވެސް އެންމެ ކުރީ ސަފުގައި ހުންނެވީ ޔުމްނާ އެވެ.

ރައީސް ޔާމީނާއި މައުމޫންގެ ހިޔާލު ތަފާތުވުން ބޮޑުވެ އެކަން އާންމުވި ހިސާބުން، ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވި އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ގޮތުން ސަރުކާރާ އަލުން ގުޅިވަޑައިގަތެވެ.

ޔުމްނާގެ ކޮއްކޯފުޅު، ޣައްސާން މައުމޫން މިހާރު ވެސް ހުންނެވީ ސަރުކާރުގަ އެވެ.

ސަރުކާރުން މި މަހުގެ ތެރޭގައި ދުންޔާ ވަކިވެވަޑައިގަތީ، މައުމޫން ހައްޔަރުކުރީ ނުހައްގުން ކަމަށް ވިދާޅުވެ އެވެ.