Roadha Mihaaru
ހުޅުމާލެ ތަރައްގީގެ ކްރެޑިޓް ކާކަށް؟

ހުޅުމާލެ ތަރައްގީގެ ކްރެޑިޓް ކާކަށް؟

16 ފެބުރުއަރީ 2020

ހުޅުމާލެ އަކީ ރައީސް އަބްދުﷲ ޔާމީންގެ "ސިޓީއެއް" ކަމަށް އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި އިއްޔެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވުމާ އެކު، އެ ތަން ތަރައްގީކުރުމުގެ "ކްރެޑިޓް" ދޭނެ ބޭފުޅަކާ މިހާރު މިވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި ހުރި ބައެއް ވާހަކަތަކަށް ބަލާއިރު، ހުޅުމާލޭ ފަޅު ހިއްކުމުގެ ތަސައްވުރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ފަނޑުވަމުން ދަނިކޮށް، އެކަމަށް ހިތްވަރު ދެއްވީ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރެވެ. އަނެއް ބަޔަކު ބުނަނީ، މައުމޫން ފެއްޓެވި މަޝްރޫއު، ހަގީގަތަކަށް ހައްދަވައި އަމަލުން ކަންކަން ދެއްކެވީ އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީން ކަމަށެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުޅުމާލެ އަކީ ރައީސް އަބްދުﷲ ޔާމީންގެ "ސިޓީއެއް" ކަމަށް އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި އިއްޔެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވުމާ އެކު، އެ ތަން ތަރައްގީކުރުމުގެ "ކްރެޑިޓް" ދޭނެ ބޭފުޅަކާ މިހާރު މިވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި ހުރި ބައެއް ވާހަކަތަކަށް ބަލާއިރު، ހުޅުމާލޭ ފަޅު ހިއްކުމުގެ ތަސައްވުރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ފަނޑުވަމުން ދަނިކޮށް، އެކަމަށް ހިތްވަރު ދެއްވީ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރެވެ. އަނެއް ބަޔަކު ބުނަނީ، މައުމޫން ފެއްޓެވި މަޝްރޫއު، ހަގީގަތަކަށް ހައްދަވައި އަމަލުން ކަންކަން ދެއްކެވީ އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީން ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހުޅުމާލޭ ދާއިރާ އަށް ވާދަކުރައްވާ ބާރަށުގެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކެމްޕެއިން ޖަލްސާގައި ޝިޔާމް ވިދާޅުވީ، "މި ސިޓީ އަކީ ރައީސް ޔާމީންގެ ސިޓީއެއް" ކަމަށާއި "މިއީ ޒުވާނުންނަށް ރައީސް ޔާމީން ހައްދަވައި ދެއްވި ސިޓީއެއް" ކަމަށެވެ.

ޝިޔާމް އެހެން ވިދާޅުވުމާ ގުޅިގެން، ހުޅުމާލޭގެ މަޝްރޫއު ހަގީގަތަކަށް ހެއްދެވި، މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ މައުމޫންގެ ވިސްނުންފުޅާއި މަސައްކަތެއް ކަމާ މެދު ދިވެހި ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަމަށެވެ.

މައުމޫންގެ ދަރިކަނބަލުން ޔުމްނާހެ ޓުވީޓް

ހުޅުމާލެ އަކީ "ރައީސް ޔާމީންގެ ސިޓީއެއް" ކަމާއި އެއީ ޒުވާނުންނަށް ޔާމީން ބިނާކޮށްދެއްވި ރަށެއް ކަމަށް ޝިޔާމް ވިދާޅުވީ ޔާމީންގެ މުހިންމުކަން ދައްކަވާށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބޮޑު ސަރަހައްދެއް ހިއްކައި، އެ ތަން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވީ ޔާމީން ކަމަށް ވުމުން އެއީ ދެވަނަ ފިޔަވައްސަށް އަމާޒުކޮށް ޝިޔާމް ވިދާޅުވި އެއްޗަކަށް ވެސް ވެދާނެ އެވެ. ނަމަވެސް، ތާރީޚުން ދައްކައިދޭ ކަމަކީ ހުޅުލޭ ފަޅުން ބިން ހިއްކައި އެ މަޝްރޫއު ހަގީގަތަކަށް ހެދުމުގެ ރީތި ނަމެއް މައުމޫން ފިޔަވައި އެހެން ބޭފުޅަކަށް ނުލިބޭނެ ކަމެވެ.

މައުމޫންގެ ކެބިނެޓުގައި އެކި ފަހަރު މަތިން ކުރި މަޝްވަރާގެ ނަތީޖާ އަކީ އޮކްޓޫބަރު 16، 1997 ގައި ހުޅުލޭ ފަޅުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް މައުމޫން ރަސްމީކޮށް ފައްޓަވައި ދެއްވުމެވެ. ހުޅުމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަޝްވަރާގެ ފައިލް ކެބިނެޓުގައި ލައްޕާފައި ވަނިކޮށް، އެ ފައިލް އަލުން ހުޅުވައި، އެ ތަސައްވުރު ހަގީގަތަކަށް ވީ، މައުމޫނަށް، އުމަރު ޒާހިރު ދެއްވި ޔަގީންކަމާ އެކު ކަމަށް އުމަރު ޒާހިރުގެ ހަޔާތާ ބެހޭ ގޮތުން ލިޔެފައިވާ ފޮތުން އެނގެ އެވެ.

ހުޅުމާލޭގެ ފަޅު ހިއްކުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވީ އުމަރު ޒާހިރާއި އަލްމަރްހޫމް ކޮލި އަލިމަނިކު ކަން "އުމަރު ޒާހިރުގެ ޚިދުމަތުގެ ހަނދާންތައް" ފޮތުގައި ލިއެފައިވެ އެވެ. އެކަމާ، އޭރު ކެބިނެޓުގައި ތިއްބެވި ގިނަ ބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި ކަން ވެސް އުމަރު ޒާހިރުގެ ވާހަކަތަކުން ސާފެވެ. އެ މަޝްރޫއު 1997 އާ ހަމައަށް ވެސް ނުފެށި އޮތީ ކެބިނެޓުގެ ގިނަ ބޭފުޅުންގެ ނުރުހުން ބޮޑުކަމުންނެވެ. މާ ބޮޑު ކަމެއް ވެގެނެއްނެއް ނޫނެވެ. އެއީ ދައުލަތުގެ ބަޖެޓުން ކުރާ ވަރަށް ވުރެ ބޮޑު ޚަރަދަކަށް ވާތީ އެވެ.

"...އަޅުގަނޑު ފިރާސި ކެރިގެން ދެންނެވީމެވެ. ޕަބްލިކް ވާކްސް މިނިސްޓްރީގެ ބަޖެޓަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ދެއްވާށެވެ. އަޅުގަނޑު މަސައްކަތް ފައްޓާނަމެވެ. އަދި ކުރިއަށް ގެންދާނަމެވެ. ވަރަށް މަދު މިނިސްޓަރަކު ނޫނީ އަޅުގަނޑުގެ މި ވާހަކަ އަށް ތާއިދެއް ނުކުރެއްވި އެވެ. އެކަމަކު ވެސް އެންމެ ރަނގަޅޭ އަޅުގަނޑު ހިތަށް އެރި އެވެ. އެބޭފުޅަކު ދެކެވަޑައިގަންނަވާ ގޮތަކަށް އަޅުގަނޑާ ދޭތެރޭގައި ދެކެވަޑައިގަންނަވާށެވެ،" ކަށިމާ އަހުމަދު ޝާކިރު ލިޔުއްވި ފޮތުގައި އުމަރު ޒާހިރު ވިދާޅުވެފައިވެ އެވެ.

"ﷲ ގެ ރަހުމަތްފުޅާ އެކު މަސައްކަތް ކާމިޔާބު ކޮށްފައި ދައްކާނަމޭ އެ ދުވަހު ވެސް އަޅުގަނޑުގެ ހިތަށްއެރި އެވެ. ބޭފުޅަކު ތާއީދު ނުކުރެއްވުމަކުން އަޅުގަނޑުގެ އަޒުމަކަށް ބަދަލެއް ވެސް ނާދެ އެވެ."

ހުޅުމާލޭގެ ފަޅުން ރަށެއް ހިއްކުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަޖެޓަށް ފުރަތަމަ ޖަމާކުރީ 10 މިލިއަން ރުފިޔާ އެވެ. ފުރަތަމަ މަސައްކަތް ފެށީ ކޮލި އަލިމަނިކުގެ މަސައްކަތުން ރާއްޖެ ގެނައި ކުޑަކުޑަ ޖައްރާފާއަކުންނެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައހީގައި ހިއްކާފައިވާ ސަރަހައދެއް އަދި އެ ބިމުގައި އިމާރާތްކުރި ފުރަތަމަ ފްލެޓްތައް.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައހީގައި ހިއްކާފައިވާ ސަރަހައދެއް އަދި އެ ބިމުގައި އިމާރާތްކުރި ފުރަތަމަ ފްލެޓްތައް.

މާލެ އަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މީގެ 23 އަހަރު ކުރިން ހިއްކަން ފެށި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ތަރައްގީކޮށް، އެތައް ހާސް ބަޔަކަށް އުފާވެރިކަން ގެނެސްދިނީ މައުމޫންގެ ވެރިކަމުގަ އެވެ. ގެދޮރުގެ މައްސަލަ އަށް ކޮންމެވެސް ވަރެެއްގެ ލުޔެއް ލިބުނެވެ. ވަރަށް ބޮޑަށް ޕްލޭންކޮށް، ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ބިޔަ ސިޓީތަކާ އެއްފެންވަރަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ތަރައްގީ ކޮށްދެއްވި އެވެ.

މައުމޫންގެ ސަރުކާރުގެ ބުރަ މަސައްކަތުން ހަ އަހަރުގެ ތެރޭގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކައި އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2003 ގަ އެވެ. އޭރު ހުރީ މިހާރަށް ވުރެ މާ ބޮޑެތި ފްލެޓްތައް އަޅައި، އަސާސީ ވަސީލަތްތަކަށް މަގު ތަނަވަސްކޮށްދީފަ އެވެ.

އުމަރު ޒާހިރުގެ ހަޔާތާ ބެހޭ ފޮތުގައިވާ ގޮތުން ނަމަ، ހުޅުމާލެ އަކީ މައުމޫންގެ ވެރިކަމުގައި މިފަދަ ގޮތަކަށް ހިއްކި ދެވަނަ ރަށެވެ. ފުރަތަމަ ރަށަކީ، މާލެ އަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ހިއްކި އުތުރު ތިލަފަޅެވެ.

މައުމޫންގެ ވެރިކަން 2008 ގައި ނިމުނު ފަހުން، ހުޅުމާލެއާ މެދު އެހާ ބޮޑަށް އަޅައެއް ނުލަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޮޑަށް މަސައްކަތްކުރީ ހުޅުމާލޭގެ ބަދަލުގައި ގުޅިފަޅި ހިއްކައި އެތަނުން ގޯތިގެދޮރު ހޯދައިދޭށެވެ. މަސައްކަތް ވެސް ފެއްޓެވި އެވެ. ސަރުކާރުގެ ބަޖެޓުންނާއި ބޮޑެތި ލޯނުތައް ނަގައިގެން ހިއްކައި، ތަރައްގީ ކުރި ހިތްފަސޭހަ ހުޅުމާލެ އޮތީ "ދޫކުރެވިފަ" އެވެ. އެކަމަކު މާލެއިން ކުދި ބިންކޮޅު ދޫކޮށްލި 200 އަށް ވުރެ ގިނަ މީހުންނަށް 1،200 އަކަފޫޓުގެ ގޯތިތައް ދޫކޮށް، ސޯޝަލް ހައުސިން ސްކީމްގެ މަޝްރޫއެއް، އެމްޑީޕީ ސަރުކާރުން ވެސް ފެށި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ޔާމީނަށް ކްރެޑިޓް ހައްގު

ޔާމީން، 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަން ދެއްވި އެއް މަޝްރޫއަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ތަން ޒަމާނީ ފެންވަރަށް ތަރަައްގީ ކުރެއްވުމެވެ. "ޔޫތު ސިޓީ" ގެ ނަން އެ ތަނަށް ދީ، ޒުވާނުންނާ ގުޅޭ ބައްރެއްގެ ގޮތުގައި ދެވަނަ ފިޔަވަހި ތަރައްގީ ކުރައްވަން ފެއްޓެވި އެވެ.

އެންމެ އަށް ހަފުތާ ތެރޭގައި 240 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކި އެވެ. އެޗްޑީސީން އޭރު ލަފާކުރި ގޮތުން ނަމަ ދެވަނަ ފިޔަވަހި ތަރައްގީކޮށް ނިމޭއިރު އެ ތަނަށް 12 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރެވިފައި ހުންނާނެ އެވެ.

ދެވަނަ ފިޔަވަހީގައި، 7،000 ފްލެޓްގެ ބިޔަ މަޝްރޫއެއް ޔާމީންގެ ސަރުކާރުން ފެށި އެވެ. އެއީ، ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ނޫން ކަމަށް އެއް ބަޔަކަށް ހީވިޔަސް ޔާމީންގެ ސަރުކާރުގެ އިސް ވެރިންނާއި އެ ސަރުކާރުގެ ސަޕޯޓަރުންނާއި ފްލެޓް ލިބުނުކަމުގެ ލިސްޓަށް ނަން އެރި އެންމެންނަށް އެއީ ރަންގަނޑެކެވެ. ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައިވާ މީހުންނަށް އެ ވަރު ވެސް ފުދެ އެވެ. އެޗްޑީސީގެ އޭރުގެ އަމާޒަކީ އަލަށް ހިއްކި ސަރަހައްދުގައި 32،000-35،000 ހައުސިން ޔުނިޓް އެޅުމެވެ.

ނޮވެމްބަރު 17، 2017 ގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއު އޭރުގެ ރައީސް ޔާމީންގެ ދެކަނބަލުން ފައްޓަވައި ދެއްވަނީ.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނޮވެމްބަރު 17، 2017 ގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއު އޭރުގެ ރައީސް ޔާމީންގެ ދެކަނބަލުން ފައްޓަވައި ދެއްވަނީ.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެޗްޑީސީން ބުނެފައިވާ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ބޭނުން ކުރެވެން ހުރި ހުރިހާ ބިމެއްގައި، ފަސް އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ. އެހެން އެގޮތަށް ވެއްޖެ ނަމަ، ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އެއީ ބޮޑު ސިޓީއަކަށް ވާނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ޔާމީންގެ ސަރުކާރުން ޕްލޭންކުރީ، ޔޮޓްމެރީނާ އަކާއި ޓޫރިޒަމް ޒޯނެއް ވެސް ވަކިން ތަރައްގީ ކުރުމާ އެކު އެވެ. އަދި ވިޔަފާރިތަކަށާއި ޒުވާނުންނަށް ޚާއްސަ ކޮށްގެން ގިނަ ކަންތައްތަކެއް ޕްލޭން ކުރި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އެޅުމަކީ މައުމޫންގެ ވެސް ތަސައްވުރެއް ކަން ތާރީޚުން ހެކިދެ އެވެ. މައުމޫން އެންމެ ފަހުން ވާދަކުރެއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ތަސައްވުރު ގެންގުޅުއްވި އެވެ. އަމަލީ ސިފަ އޭރު ނައީ އިންތިޚާބު ކާމިޔާބު ނުވީމައޭ މިހާރު ބުނެވިދާނެ އެވެ.

ސިނަމާލެ ބްރިޖަކީ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުން ފެށިގެން ހަގީގަތަކަށް ހަދަން ބޭނުންވި ކަމަކަށް ވެ، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އޭގެ ނަތީޖާ ވެސް ދެއްކި އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ސިނަމާލެ ބްރިޖު އެޅި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

ހުޅުމާލޭގެ މަޝްރޫއަކީ ފަހުގެ ތާރީޚުގައި ކުރި މަސައްކަތަކަށް ވުމުން އެއީ އޮޅުވާލެވޭނެ ކަމެއް ނޫނެވެ. ކްރެޑިޓް ލިބޭނެ ބޭފުޅުންނާއި ކްރެޑިޓް ދެވޭނެ ބޭފުޅުން، އެންމެންނަށް ވެސް އެނގެ އެވެ.