Roadha Mihaaru
ރާއްޖެ ޓީވީގެ މައްސަލައެއް ނުބަލަން: ބްރޯޑްކޮމް

ރާއްޖެ ޓީވީ އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގެ މައްސަލައެއް ނުބަލަން: ބްރޯޑްކޮމް

30 މާޗް 2018

ބަންދުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ޚަބަރު އެ ކޮމިޝަނުން މިރޭ ދޮގުކޮށްފި އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރުގައި ބުނެފައި ވަނީ، ކޮމިޝަނުގެ މެމްބަރަކު އަމިއްލަ އަށް ހުށަހަޅުއްވައިގެން ނަޝީދުގެ އިންޓަވިއުގެ މައްސަލަ ބްރޯޑްކޮމް އިން ބަލަމުން އަންނަ ކަމަށެވެ. އެއީ، އަނެއްކާވެސް ރާއްޖެ ޓީވީއާ މެދު ފިޔަވަޅެއް އަޅަން ކޮމިޝަނުން ތަހުގީގުކުރާ މައްސަލައެއް ކަމަށް ވެސް ފިޔާޒް ތުހުމަތު ކުރެއްވި އެވެ.

މި ވާހަކަތައް ދޮގުކުރައްވައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ނަޝީދު ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބަލަމުންދާ ކަމަށް މީޑިއާތަކުގައި ފެތުރީ ހަގީގަތާ ޚިލާފު ހަބަރެއް ކަމަށެވެ.

"މީޑިއާތަކުން ފެތުރީ ފޭކް ނިއުސްއެއް. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އެފަދަ ދޮގު ޚަބަރު ފަތުރަނީ ބްރޯޑްކޮމްގެ އަގު ވައްޓާލައި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަން ކަމަށް ބެލެވޭ،" ޝަހީބް ވިދާޅުވި އެވެ.

ދޮގު ޚަބަރު ނުފެތުރުމަށާއި މީޑިއާތަކުން ޚަބަރު ފަތުރާއިރު، ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޒިންމާދާރުކަމާ އެކު މައުލޫމާތު ފަތުރަން ޝަހީބު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ ޓީވީގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް ބްރޯޑްކޮމް އިން މިރޭ ބުނި ނަމަވެސް މީގެކުރިން އެ ކޮމިޝަނުން ވަނީ އެ ސްޓޭޝަނުގެ މައްސަލަތައް ބަލައި ތިން ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފަ އެވެ. އަދި ސަންގު ޓީވީގެ ކޮންޓެންޓަކާ ގުޅިގެން އެ ސްޓޭޝަން ޖޫރިމަނާކޮށް، ނިވައިކަންކުޑަ ހެދުމެއް ލައިގެން ނެށި މަންޒަރު ދެއްކި މައްސަލައިގައި ޓީވީއެމް މާފަށް އެދެން ވެސް އަންގާފައިވެ އެވެ.