މާލެ ތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރި އުސޫލަށް މިއަދު އަމަލު ކުރަން ފެށުމާއެކު މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް އަތުވެއްޖެ އެވެ.
01 އެޕްރީލް 2018
މާލެ ތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރި އުސޫލަށް މިއަދު އަމަލު ކުރަން ފެށުމާއެކު މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް އަތުވެއްޖެ އެވެ.
އޮފީސްތަކާއި ސްކޫލްތަކަށް ދިއުމުގެ އިތުރުން ޒަރޫރީ އެކިއެކި ބޭނުންތަކަށް މީގެ ކުރިން މަގުތަކަށް ނުކުންނައިރު ދިމާވާ އެންމެ ބޮޑު އުނދަގުލަކީ މުދާ އުފުލާ އުޅަނދުތަކާ ހެދި މަގުތައް ތޮއްޖެހުމެވެ. އެންމެ ބާރުބޮޑު ގަޑިތަކުގައި ވެސް ޕިކަޕު ބާއްވައިގެން ފެނާއި މުދާ ބޭލުން އާންމު ކަމަކަށް ވެފައި އޮއްވާ އެކަން ހުއްޓުމަކަށް ގެނެސް އާ ގަވައިދަށް މިއަދު ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އެހެންވެ، މިއަދު މަގުތައް ފެނުނީ އެއްވެސް ދަތިކަމެއް ނެތި ދުއްވެމުން ދިޔަ މަންޒަރެވެ.
އެންމެ ކާރޫބާރޫ ބޮޑު މަގުތައް ވެސް މިއަދު ވަރަށް އަމާނެވެ. ބޮޑުތަކުރުފާނު މަގުން އެމްޕީއެލް ސަރަހައްދާއި ބާޒާރުމަތީ ފިހާރަތަކާއި މާރުކޭޓްތައް ހިމެނޭ ސަރަހައްދުގައި ފަސޭހައިން ދުއްވާލައިފައި ދެވޭއިރު ހިނގާފައި އުޅެން އެއަށް ވުރެ މާ ފަސޭހަ އެވެ. ފަރީދީމަގާއި ޗާންދަނީމަގުގެ އިތުރުން އޯކިޑް މަގަކީ ވެސް މީގެ ކުރިން ބާރުބޮޑު މަގުތަކެއް ނަމަވެސް މިއަދު އެ މަގުތައް ވަރަށް އަމާނެވެ.
މިއަދުން ފެށިގެން ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން ބާޒާރުމަތި އަމާންވެފައި-- ފޮޓޯ: މިހާރު/ނިޝާން އަލީ
"ކުރީގައި ވިއްޔާ އޮފީހަށް ދާން ރީތިވެގެން ސައިކަލުގައި ދާއިރު ކުރިމަތީ އޮންނާނީ ސިމެންތި ބަރުކޮށްފައި އޮތް ޕިކަޕެއް. ނޫނީ ފެން ބާލަން އޮންނަ ޕިކަޕެއް. އުދާސްވެ ފޯވެގެން އޮފީހަށް ދެވޭނީ. މިއަދު އެހެނެއް ނޫން،" މަގުތަކުގައި އުޅެން ފަސޭހަވިކަން ފާހަގަކޮށް، ޒުވާނަކު ބުންޏެވެ.
"މިއަދު ހަމަ ރީތިކޮށް ދުއްވާލާފައި ދެވޭ. ބަރުގޮނުގެ އަޑެއް ވެސް ނީވޭ. މިހެންވާންޖެހޭ،" އޭނާ ބުންޏެވެ. "އެކަމަކު ސުވާލަކީ މިހެން ކިހާ ދުވަހަކު އޮވެދާނެތޯ؟"
މާލޭގެ މަގުތަކުގެ ތޮއްޖެހުން އެތަކެއް އަހަރަށް ފަހު މިއަދު މައިތިރިވެފައި އޮތްކަން އެންމެން ވެސް ފާހަގަކުރެ އެވެ. އެކަމަކު ގާތްގަނޑަކަށް އެންމެންނަށް ހެން ވެސް ހީވެފައި އޮންނަނީ މިއީ ވަގުތީ ކަމެއްގެ ގޮތުގަ އެވެ.
"ވިޔަފާރިވެރިންގެ ޕްްރެޝަރާ ހެދި މިކަން ނިމުމަކަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް،" އެކަކު ބުންޏެވެ. "އެ މީހުންނަށް ވާ ދަތިތަކާ މި ގަވައިދު އަނެއްކާ ވެސް ބަދަލު ނުވާނެ ބާއޭ އެބަ ހިތަށް އަރާ."
މާލެ ތެރޭގެ ފިހާރަތަކާއި އާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އުޅަނދުން މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.
ޓްރާންސްޕޯޓުން ހަމަޖައްސާފައިވާ ގޮތުން މާލެތެރެ އަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލޭނީ މިހާރު ހަމަޖައްސާފައިވާ ގަޑީގައި އެކަންޏެވެ.
ކުރިން ތޮއްޖެހޭ ބޮޑުތަކުރުފާނު މަގުގައި ދުއްވާތަކެތި މަދުވެ އަމާންވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
ފުލުހުން ބުނީ އެ އުސޫލާ ހިލާފަށް މުދާ އުފުލާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ދުވާލު ވަގުތު މުދާ އުފުލުން މަނާ ކުރުމަކީ ތޮއްޖެހިފައިވާ މާލޭގެ ޓްރެފިކް ހައްލު ކުރަން މުހިންމު ކަމެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މަގުތައް އަމާންވި ވާހަކަ ދައްކާއިރު މުދާ އުފުލުން މަނާކުރުމާ އެކު ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.
އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގު ވަންވޭ ކުރަނީ
ޓްރެފިކް މައްސަލަ ހައްލުކުރަން މިނޫން ގޮތެއް ނެތް؟
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
ރޯދަމަހާ އެކު މާލޭގެ ޓްރެފިކް ބޮއްސުންލައިފި
ޓްރެފިކް މެނޭޖުކުރަން ބައެއް މަގުތައް ބަންދު
ނުގަވައިދުން ޕާކްކުރި ވެހިކަލްތައް ނަގަން އަންގައިފި
ތިން ސަރަހައްދަކުން ވެހިކަލް ޓޯ ކުރަން ފަށަށީ
މަނާ ވަގުތު ދުއްވުމުން 97 މީހަކަށް ފިޔަވަޅު އެޅި