05 އެޕްރީލް 2018
ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުން މުދާ ހުސްކޮށްދޭ މަޖޫރީންގެ މަސައްކަތަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ އެ މަސައްކަތުގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް، ޖުމުލަ އަގެއް ކަމަށާއި ކޮންޓެއިނަރުން ނަގާ މުދާ ގުދަންކުރަން އިތުރު އަގެއް ނުނެގޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުން މުދާ ހުސްކޮށްދޭ މަޖޫރީންގެ މަސައްކަތަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ އެ މަސައްކަތުގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް، ޖުމުލަ އަގެއް ކަމަށާއި ކޮންޓެއިނަރުން ނަގާ މުދާ ގުދަންކުރަން އިތުރު އަގެއް ނުނެގޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި، މާލެ ތެރޭގައި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ސަރުކާރުން ކަނޑައެޅުމުން، ކޮންޓޭނަރު ހުސްކޮށްދޭ އަގު މަޖޫރީން ވަނީ ބޮޑުކޮށްފަ އެވެ. އެއާ އެކު ޓްރޭޑް މިނިސްޓްރީން އިއްޔެ ވަނީ މަޖޫރީންގެ މަސައްކަތަށް ނެގޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅައި އަގު ކޮންޓްރޯލް ކޮށްފަ އެވެ.
ސަރުކާރުން އެގޮތަށް އަގު ކަނޑަައެޅުމުން، މަޖޫރީން ވަނީ އެއީ ކޮންޓެއިނަރު ހުސްކޮށްދޭ އަގު ކަމަށް ހަދައި އެ މުދާ ގުދަންކުރުމަށް 3،000ރ.ގެ ފީއެއް ނަގަން ފަށައިފަ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެގޮތަށް އިތުރު އަގެއް ނުނެގޭނެ ކަމަށެވެ.
"މިނިސްޓްރީން އެކަށައަޅާފަ އެހެރަ އަގުތަކަކީ އޭގެން އިތުރު އަގެއް ނެގޭނެ ގޮތަށް އިންތިޒާމްވެފަ ހުރި އަގުތަކެއް ނޫން. މާނަ އަކީ، ގުދަނަށް ވެއްދުމާ ހަމައަށް ނުވަތަ ވެއްދުން ވެސް ހިމެނޭ ގޮތަށް އެކަށައަޅާފަ ހުރި އަގުތަކެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މަޖޫރީންގެ މަސައްކަތުގެ އަގުތައް ކަނޑައަޅާފައި ވަނީ އެ މަސައްކަތް ކުރިން ކުރަމުން ދިޔަ އަގުތަކަށް ބެލުމަށް ފަހު، އެއްވެސް ފަރާތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަޖޫރީންގެ އަގުތައް ރެގިއުލޭޓް ކުރަން ފެށުމުން، ވިޔަފާރިތަކަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕަބްލިޝްޑް ރޭޓުތަކެއް ނެތީމަ ފުރުސަތު އެބަ އޮވޭ އެކި އަގުތަކުގަ މިކަން ކުރަން. އެހެންނަމަވެސް މިއަދު އެކަން ފަސޭހަވެގެން މި ދިޔައީ ވިޔަފާރިވެރިންނަށް ވެސް، މުދާ ކްލިއާ ކުރާ ފަރާތްތަކަށް ވެސް އަދި ހަމަ އޮޑިދޯނި ފަހަރަށް މުދާ އަރުވައިގެން ގެންގޮސް އެކި ކަންކޮޅުތަކުގަ ވިއްކާ ފަރާތްތަކަށް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
ފާއިތުވި 30 އަހަރު އޮތީ މަޖޫރީންގެ މަސައްކަތް ސަރުކާރުން ރެގިއުލޭޓް ނުކޮށް ދޫކޮށްލާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަޖޫރީކަން ކުރަން އަލުން ރެޖިސްޓްރީވާން އެމްޕީއެލް އިން ހަތް ދުވަސް ދީފައި ވާއިރު، ރެޖިސްޓްރީ ކޮށްދޭނީ، މިހާރު ވެސް އެ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ހިދުމަތް ދޭން އެއްބަސްވާ ފަރާތްތަކެވެ.
މިނިސްޓަރު ވިދާޅުވީ ލޮރީ ޑްރައިވަރުން ހަޅުތާލަށް ނިކުންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަ އަކީ ފޭކު ވާހަކަތަކެއް ކަމަށެވެ. އެއީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ފަތުރާ ވާހަކައެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގޮނޑި ގެއްލިގެން އުޅޭ ހަތަރު ފަސް މެމްބަރުން އެ މީހުން ކައިރިއަށް ގޮސް ވަރަށް އާދޭސް ކުރޭ މި ކަންތަކުގަ ބަސްނޭހުން އިސްކުރަން. އެކަމު އަޅުގަނޑު ދަންނަވަންތޯ ވާހަކައެއް، ޕިކަޕު ޑްރައިވަރުން ހަޅުތާލެއް ނުކުރާނެ. އެއީ ހަމަ ފޭކު ވާހަކަ އެއް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމުގައި ހަޅުތާލުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މިކަމާ ގުޅިގެން މިނިސްޓްރީން ހުރިހާ ފަރާތްތަކަކާ އެކު ވެސް މަސައްކަތް ކުރަމުން އަންނަނީ ވަރަށް ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އާ އުސޫލާ އެކު މުދާ އުފުލުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑު ލުއިތަކެއް ލިބިފަ އެވެ. ސައީދު ވިދާޅުވީ، ރޭ 11 ޖެހި އިރު އެމްޕީއެލް އިން 254 ލޮރީގެ މުދާ ނެރުން ކަމަށެވެ. އާންމުކޮށް ވިޔަފާރި ރަނގަޅު ދުވަސްތަކުގައި ނެރެނީ 270-290 ލޮރީގެ މުދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ރޭ އެހާ އަވަހަށް 254 ލޮރީގެ މުދާ ނެރެވުމުން މުދާ ނެރުމުގެ ކަންކަން ވަރަށް "ސްމޫތުކޮށް" ކުރިއަށްދާކަން ހާމަވެފައިވާ ކަމަށެވެ.
"ރޭ ދަންވަރު 1:30 ވީއިރު ޖުމްލަކޮށް ކޮންޓެއިނާ ކުލިއާކޮށް ނިމިއްޖެ... ބައެއް އައިސޮލޭޓެޑް މަސައްކަތްތައް ކުރިއަށް ދިޔަ 3:00 ޖަހަންދެން،" އާ އުސޫލަށް ހޭނެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށާއި، އޭރުން މުދާ ނެރުމުގެ ކަންކަން އިތުރަށް އަވަސްވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާ ގުޅިގެން، ފެން ސަޕްލައިކުރުން ދަތިވެ ފޯރުކޮށްދިނުމުގައި ދައްޗެއް ނޯންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ އެފަދަ ދައްޗެއް އުޅޭނަމަ، ފެން ސަޕްލައިކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އާ އުސޫލާ އެކު މުދާ އުފުލާ ގަޑިއާ، މުދާ އުފުލާ ދޯނިތައް ފުރާ ގަޑިއާ ފުށުއެރުންތަކެއް ހުރުމުން، ބައެއް ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ މައްސަލަތައް ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ރަށްރަށަށް ފޮނުވާ ފެނާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ގޭހުގެ ބާވަތްތައް ނޯތު ހާބަރާއި ޓީޖެޓީ ސަރަހައްދަށް ޖަމާކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތައް އަގު ހެޔޮކުރުމާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ކާޑުގެ ބާވަތްތައް މިއަދުން ފެށިގެން ލިބެން ހުންނާނީ 2000ގެ ކުރީކޮޅު ކާޑު ވިއްކި އަގުތަކާ އެއް ވަރެއްގެ އަގުތަކެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، މިކަން އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކުރަން ޖެހޭ ކަމަށާއި މިފަދަ ކަންކަމާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލަން ވާހަކަތައް ދެއްކުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.
އަގު ކޮންޓްރޯލްކުރީ ޝަކުވާތަކެއް ހުރުމުން: ސައީދު
މުދާ ކްލިއާކުރުމާ އެމްޕީއެލުން ހަވާލުވާން ޖެހިދާނެ
މަޖޫރީން އަގުބޮޑުކުރާ މައްސަލަ ހައްލު ކުރާނަން: ސައީދު
ގުދަންކުރަން މަޖޫރީން ވަކި އަގެއް ނަގަނީ
މަޖޫރީން އަލުން ރަޖިސްޓްރީވާން މުއްދަތެއް ދީފި
ކޮންޓެއިނަރުން މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފި
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރާނެ: ސައީދު
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ