Roadha Mihaaru
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި

މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި

02 އެޕްރީލް 2018

ދުވާލު ވަގުތު މުދާ އުފުލުން މަނާކުރުމުން އެކަމާ ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލައިގެން ތިބި، ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މަޖޫރީން އެންމެފަހުން ދެ ގުނަ އަގުބޮޑުކުރުމަށް ފަހު މިރޭ އަލުން މަސައްކަތް ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދުވާލު ވަގުތު މުދާ އުފުލުން މަނާކުރުމުން އެކަމާ ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލައިގެން ތިބި، ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މަޖޫރީން އެންމެފަހުން ދެ ގުނަ އަގުބޮޑުކުރުމަށް ފަހު މިރޭ އަލުން މަސައްކަތް ފަށައިފި އެވެ.

މަޖޫރީން ކުރިން 20 ފޫޓު ކޮންޓެއިނަރެއް ކަނޑައިދެނީ 2،500ރ. އަށެވެ. ނަމަވެސް މިއަދުން ފެށިގެން ވަނީ އެ ސައިޒުގެ ކޮންޓެއިނަރެއް ކަނޑައިދޭ އަގު6،000ރ. އަށް ބޮޑުކޮށްފަ އެވެ. އަދި ކުރިން 5،000ރ. އަށް ކަނޑައިދޭ 40 ފޫޓު ކޮންޓެއިނަރެއް މިހާރު ކަނޑައިދޭނީ 12،000ރ. އަށް ކަމަށް ވެސް ވަނީ އަންގައިފަ އެވެ.

އެމްޕީއެލް އިން ހިންގާ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަޖޫރީން ގެންގުޅޭ ގްރޫޕެއްގެ ވެރިއަކު ބުނީ އެމްޕީއެލް އާއި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްއާ ބައްދަލުކޮށްގެން ވެސް ޝަކުވާތަކަށް ހައްލެއް ނުފެނުނު ކަމަށެވެ.

"މިއަދު ޕީޕީއެމްއާ ބައްދަލުކުރީމަ ބުނީ ތިމަންނަމެންނަށް ހައްލެއް ހޯދައެއް ނުދެވޭނެ. އިތުރު ގޮތެއް ނޯންނާނޭ މިހާރު އޮންނަ އުސޫލުން މަސައްކަތް ކުރިޔަށް ގެންދާށޭ،" އެ މީހާ ބުންޏެވެ.

ބަނދަރު ސަރަހައްދުން ލޮރީއަކަށް ޕްލާސްޓިކް ހޮޅިތަކެއް ބަރުކޮށްގެން ގެންދަނީ. މަޖޫރީން މަސައްކަތް ހުއްޓާލައިގެން ތިބުމަށްފަހު މިރޭ އަލުން ވަނީ މަސައްކަތް ފަށާފައި.

ބަނދަރު ސަރަހައްދުން ލޮރީއަކަށް ޕްލާސްޓިކް ހޮޅިތަކެއް ބަރުކޮށްގެން ގެންދަނީ. މަޖޫރީން މަސައްކަތް ހުއްޓާލައިގެން ތިބުމަށްފަހު މިރޭ އަލުން ވަނީ މަސައްކަތް ފަށާފައި.

އޭނާ ބުނީ ކަމާ ބެހޭ ފަރާތްތަކާއެކު ކުރި މަޝްވަރާތަކުން ހައްލެއް ނުލިބިގެން އެންމެ ފަހުން މަސައްކަތް ފެށީ ދެގުނަ އަގު ބޮޑުކޮށް އަގު ދޭން އެއްބަސްވާ ވިޔަފާރިވެރިންނާއެކު ކަމަށެވެ.

ބަނދަރުގައި މަސައްކަތްކުރާ ބައެއް މަޖޫރީން އިއްޔެ މަސައްކަތް ހުއްޓާލައި ހަޅުތާލުކުރަން ފެށީ މަސައްކަތްކުރާ ގަޑި އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ބަދަލުކުރުމުންނެވެ. އަދި އެ މީހުން ޑިމާންޑްކުރަމުން ދިޔައީ ދުވާލު ގަޑީގައި މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. އަދި އެ ގަޑި ބަދަލުނުކުރާ ނަމަ ކޮންޓެއިނަރު ކަނޑައިދޭ އަގު ބޮޑުކުރާނެ ކަމަށް މިއަދު ހަވީރާ ޖެހެންދެން ވެސް ދިޔައީ ބުނަމުންނެވެ.

މަޖޫރީން މަސައްކަތްކޮށްދޭ އަގުބޮޑުކުރި ނަމަވެސް ބަނދަރު ސަރަހައްދުން ގުދަންތަކަށް މުދާ އުފުލައިދޭ ލޮރީތަކުން ދަތުރުކޮށްދޭ އަގު ބޮޑެއްނުކުރެ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިއަކު މިރޭ ވިދާޅުވީ މަޖޫރީން ކޮންޓެއިނަރު ކަނޑައިދޭ އަގު ބޮޑުކުރުމުން ކުރިޔަށް އޮތްތަނުގައި ތަކެތީގެ އަގުބޮޑުކުރަން މަޖުބޫރުވާނެ ކަމަށެވެ.

"މިހާރު މިވީ ގޮތުން މުދަލުގެ އަގުބޮޑުވާނެ. މިއީ އާއްމުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ލިބޭ ގެއްލުމެއް. އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ފިހާރައަކީ އެންމެ އަގުބޮޑުކޮށް ތަކެތި ވިއްކާ ފިހާރައިގެ ގޮތުގައި ލޭބަލްވާކަށް. އެކަމަކު މިވީ ގޮތުން އަގުބޮޑުކުރަން މަޖުބޫރުވޭ،" އޭނާ ވިދާޅުވި އެވެ.

އެ ވިޔަފާރިވެރިޔާ ވިދާޅުވީ މަޖޫރީން މަސައްކަތްކުރުން ހުއްޓާލުމުން ކުއްލިއަކަށް މުވައްޒަފުން ހޯދައިގެން މަސައްކަތްކުރަން ފެށުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ބަނދަރު ސަރަހައްދުން ލޮރީއަކަށް ކޭބަލް ފޮށިގަނޑެއް އަރުވައިގެން މިރޭ ގެންދަނީ. މަޖޫރީން ވަނީ މިރޭ އަލުން މަސައްކަތް ފަށާފައި.

ބަނދަރު ސަރަހައްދުން ލޮރީއަކަށް ކޭބަލް ފޮށިގަނޑެއް އަރުވައިގެން މިރޭ ގެންދަނީ. މަޖޫރީން ވަނީ މިރޭ އަލުން މަސައްކަތް ފަށާފައި.

"މަޖޫރީން އެންގީ ތިމަންނަމެން މަސައްކަތްކޮށްދޭނެ އަގަކީ މިއީއޭ. މިއަގަށް އެއްބަސްވާ ނަމަ މަސައްކަތް ފަށަންވީއޭ. އިތުރު ގޮތެއް ނެތީ އެންމެ ފަހުން މިރޭ މަސައްކަތްކުރުވަން މިފެށީ،" 40 ފޫޓުގެ 40 ކޮންޓެއިނަރު މަހަކު ގެންނަ އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ މަޖޫރީން މަސައްކަތްކުރުން ހުއްޓާލުމުން، މުދާ އެތެރެކުރާ ކުންފުނިތަކުން އަމިއްލައަށް ކްލިއާކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ވިޔަފާރިވެރިންނަށް އެ ކުންފުނިން އެންގި ކަމަށެވެ. އެގޮތުން ކްލިއަރެންސް އެޖެންޓްކަން ކުރެވޭ ގޮތަށް އޮންނަ ކުންފުނިތަކަށް ކުރިއެކޭ އެއްގޮތަށް އަމިއްލަ މުވައްޒަފުން ބޭނުންކޮށްގެން މުދާ ކްލިއާކުރުމުގެ ފުރުސަތު އޮންނާނެކަން އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން ވެސް ހުއްދަ ދޭ ގޮތަށް އޮންނަނީ ކްލިއަރެންސް އެޖެންޓްކަން ކުރެވޭ ގޮތަށް މެމޮރަންޑަމް ހަދާފައިވާ ކުންފުނިތަކަށް. އެ ފުރުސަތު އޮތް ނަމަވެސް އެ މީހުން ވެސް އެކަންކުރަނީ މަޖޫރީން ލައްވައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އާ އުސޫލުގެ ދަށުން މަޖޫރީން އަލުން މަސައްކަތް ފެށުމާ އެކު މުދާ ހިފައިގެން ގިނަ ލޮރީތަކެއް މަގުމައްޗަށް ނުކުތަސް، މާލެތެރޭގެ އާންމު ޓްރެފިކް މިރޭ ބާރު ބޮޑުވެ، ތޮއްޖެހޭ ހިސާބަކަށް ނުދެ އެވެ.