މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް ނެގޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅައި، އެ މަސައްކަތުގެ އަގު ސަރުކާރުން މިއަދު ކޮންޓްރޯލް ކޮށްފި އެވެ.
04 އެޕްރީލް 2018
މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް ނެގޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅައި، އެ މަސައްކަތުގެ އަގު ސަރުކާރުން މިއަދު ކޮންޓްރޯލް ކޮށްފި އެވެ.
މާލޭގައި ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ސަރުކާރުން ކަނޑައެޅުމުން، މުދަލުގެ އަގު ބޮޑުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަމުން ދަނިކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ކޮންޓެއިނަރުތަކުން މުދާ ހުސްކުރަން ނެގޭނެ އެންމެ މަތީ އަގުތައް ކަނޑައަޅައިފަ އެވެ.
އެގޮތުން ހެނދުނު ހައަކުން ފެށިގެން ރޭގަނޑު 12 ޖެހުމާ ހަމައަށް 20 ފޫޓުގެ ކޮންޓެއިނަރުތަކުން ބިއްލޫރި ޝީޓް ފިޔަވައި އެހެނިހެން މުދާ ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 2،500ރ. އެވެ. އަދި 40 ފޫޓްގެ ކޮންޓެއިނަރެއް ނަމަ ނެގޭނެ އެންމެ ބޮޑު އަގަކީ 5،000ރ. އެވެ.
އެ ގަޑީގައި ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ، 20 ފޫޓުގެ ކޮންޓެއިނަރަކަށް ގިނަވެގެން 4،000ރ. ނެގިދާނެ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ، ބިއްލޫރި ޝީޓް ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 7،000ރ. އެވެ.
މީގެ އިތުރުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު ހަޔަކާ ދެމެދު 20 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ގިނަވެގެން ނެގޭނީ 3،000ރ. ކަމަށް ވާއިރު 40 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ނެގޭނީ ގިނަވެގެން 5،500ރ. އެވެ. އެ ގަޑީގައި ކޮންޓެއިނަރުން ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ 20 ފޫޓްގެ ކޮންޓެއިނަރަކަށް 4،500ރ. އަދި 40 ފޫޓްގެެ ކޮންޓެއިނަރަކަށް 7،500ރ. ނެގިދާނެ އެވެ.
އެކި ފަރާތްތަކުގެ މުދާ ހިމަނައިގެން އެތެރެކުރާ ކޮންޓެއިނަރުތައް ވެސް ހުސްކުރަން ނެގޭނެ މަތީ އަގު އެ އިއުލާންގައިވަނީ ކަނޑައަޅައިފަ އެވެ.
އެފަދަ ކޮންޓެއިނަރުތަކުގައި ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތުގެ މުދާ ހުސްކުރަން 1 ސީބީއެމް އިން ފެށިގެން 5 ސީބީއެމް އާ ހަމައަށް ނެގޭނީ ސީބީއެމް އަކަށް 230ރ. ގެ ރޭޓުންނެވެ. އަދި 6 ސީބީއެމްއިން ފެށިގެން 10 ސީބީއެމް އާ ހަމައަށް ނެގޭނީ ސީބީއެމް އަކަށް 175ރ. ގެ ރޭޓުންނެވެ. އެގޮތަށް އެތެރެކުރާ މުދަލުގެ މިންވަރު 11 ސީބީއެމް އަށް ވުރެ މަތި ނަމަ، ކޮންޓެއިނަރެއް ހުސްކުރަން ނަގާ ރޭޓުން އަގު ނެގިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެކި ފަރާތްތަކުގެ މުދާ ހިމެނޭ ކޮންޓެއިނަރުތަކުގައި ގެންނަ މުދަލަކީ ބިއްލޫރި ޝީޓް ނަމަ 1 ސީބީއެމް އިން ފެށިގެން 5 ސީބީއެމް އާ ހަމައަށް ނެގޭނެ އެންމެ ބޮޑު އަގަކީ ސީބީއެމް އަކަށް 250ރ. އެވެ. އަދި 6 ސީބީއެމް އިން ފެށިގެން 10 ސީބީއެމް އާ ހަމައަށް ނެގޭނެ އެންމެ ބޮޑު އަގަކީ ސީބީއެމް އަކަށް 200ރ. އެވެ. އަދި 11 ސީބީއެމް އިން ފެށިގެން މަތިވާ ނަމަ ކޮންޓެއިނަރެއްގެ ރޭޓުން އަގު ނެގިދާނެ އެވެ. މީގެ އިތުރުން ކޮންޓެއިނަރަށް ނުލާ އެތެރެކުރާ މުދަލަށް ނެގޭނެ އެންމެ ބޮޑު އަގަކީ ދާގީނާއަކަށް 6.ރ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ. މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން، މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މުދާ ހުސްކުރާ މަޖޫރީން ވަނީ މަސައްކަތް ހުއްޓާލައި، ހަޅުތާލުކޮށްފަ އެވެ. އެ މީހުން އަލުން އިއްޔެ މަސައްކަތް ފެށީ މުދާ ހުސްކުރުމުގެ އަގު ބޮޑު ކުރުމަށް ފަހު އެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އަލުން ރެޖިސްޓަރީ ނުކުރި މަޖޫރީންގެ ހުއްދަ ބާތިލްވެއްޖެ
އަގު ކޮންޓްރޯލްކުރީ ޝަކުވާތަކެއް ހުރުމުން: ސައީދު
ގުދަންކުރަން މަޖޫރީންނަށް އިތުރު އަގެއް ނުނެގޭނެ
މަޖޫރީން އަލުން ރަޖިސްޓްރީވާން މުއްދަތެއް ދީފި
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރުގެ ފީއެއް ނަގަނީ
އެމްޕީއެލް އަށް 158.5 މިލިއަން ރުފިޔާގެ ފައިދާ
ބަނދަރަށް ބޭލި މުދަލުގެ އަދަދު އިތުރުވެއްޖެ